އޭދަފުށީ ކީޕަރު ޒިޔަޒަން އެނބުރި ނިއު އަށް
އޭދަފުށީ ކީޕަރު ޒިޔަޒަން އެނބުރި ނިއު އަށް

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ބ. އޭދަފުށީ ޓީމުގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އޭނާގެ ކުރީގް ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާ އަލުން ގުޅިއްޖެ އެވެ.

ނިއު އަށް ސޮއިކޮށްފައިވާ ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދުގެ ބެކްއަޕް ކީޕަރުގެ ގޮތުގައި ޒިޔަޒަން، ނިއުއާ ގުޅުނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

ޒިޔަޒަން ވަނީ މިނިވަން ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން ކުރީގެ ޗެމްޕިއަން ސ. ފޭދޫ އަތުން ޕެނަލްޓީ ޖަހައިގެން އޭދަފުށި މޮޅުވި މެޗުގައި ފޭދޫގެ ތިން ޕެނަލްޓީ ވެސް މަތަކޮށްފަ އެވެ. ތ. ތިމަރަފުށި ބަލިކޮށް އޭދަފުށި ޗެމްޕިއަންކަން ހޯދި މެޗަށް ފަހު ކީޕަރު އިމްރާން ވެސް ވަނީ ޒިޔަޒަން އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

އަވަސް ނޫހާ ވާހަކަދައްކަމުން އެރޭ އިމްރާން ބުނީ ޒިޔަޒަންގެ ފަރާތުން ފެނުނު ކުޅުން ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމަށެވެ. އަދި ކޮންމެވެސް ސަބަބާކާ ހުރެ ނޫނީ ކޮންމެވެސް ކަމެއް ދިމާވެގެން ފުރަތަމަ ޑިވިޝަނުން ނުފެނުނުނަސް މީގެން އެނގިގެންދަނީ ރާއްޖޭގައި ވެސް މޮޅެތި ކީޕަރުން އެބަތިބިކަން ކަމަށް އިމްރާން ބުނެފައިވެ އެވެ.

ވިޔަންސާ އިން ފާހަގަވުމަށް ފަހު ނިއު އަށް 2011 ވަނަ އަހަރު ކުޅުނު ޒިޔަޒަން ވަނީ ގައުމީ ޓީމުން ވެސް އޭރު ފުރުސަތު ހޯދައިފަ އެވެ. އެކަމަކު އަނިޔާ އާއި ފުރުސަތު ނުލިބުން ފަދަ މައްސަލަތައް ދިމާވެ އޭނާ ގަލޮޅު ދަނޑުން ގެއްލުނީ އެވެ.