މޮރޮކޯ ތާރީހުގެ ތެރެއަށް، ރޮނާލްޑޯ ހުސްއަތާ އެނބުރި ގައުމަށް
މޮރޮކޯ ތާރީހުގެ ތެރެއަށް، ރޮނާލްޑޯ ހުސްއަތާ އެނބުރި ގައުމަށް

ދޯހާ (ޑިސެމްބަރު 10) - ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި މިރޭ ޕޯޗުގަލް އަތުން 1-0 އިން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި އެފްރިކާގެ ފުރަތަމަ ޓީމުގެ ޝަރަފް މޮރޮކޯ ހޯދިއިރު، ފަހު ވޯލްޑް ކަޕުގައި ތަށި ކާމިޔާބުކުރަން ނުކުތް ޕޯޗުގީސް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހުސްއަތާ އެނބުރި ގައުމަށް ދާން ޖެހިއްޖެ އެވެ.

މީގެ ކުރިން ކުއާޓާގައި ވާދަކުރި އެފްރިކާގެ ތިން ގައުމު ކަމަށްވާ ކެމަރޫން، ސެނެގާލް އަދި ގާނާ ވެސް އެ ބުރުން ކެޓީ އެވެ. މޮރޮކޯ އަކީ ސެމީން ޖާގަ ހޯދި އެފްރިކާގެ ފުރަތަމަ ގައުމުގެ އިތުރުން މިހިސާބަށް ދަތުރުކުރި އަރަބި ފުރަތަމަ ގައުމު ވެސް މެ އެވެ.

މޮރޮކޯ އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު 42 ވަނަ މިނިޓުގައި ޖަހައިދިނީ، ސްޕެއިންގެ ސެވިއްޔާގެ ފޯވާޑް ޔޫސުފް އަން ނަސޭރީ އެވެ. ޔަހްޔާ އަތިޔަތުﷲ ނެގި ހުރަހެއް ހޯދަން ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ އާއި ޑިފެންޑަރު ރުބެން ޑިއާޒް މަސައްކަތް ކުރި ނަމަވެސް އަން ނަސޭރީ ވަނީ ފުންމައި އެ ބޯޅަ ބޮލުން ޖަހައި ގޯލަށް ފޮނުވާލައިފަ އެވެ.

ޕޯޗުގަލް އިން މެޗު ފަށައި ކޮންޓްރޯލް ނެގި ނަމަވެސް މޮރޮކޯ އިން މަޑުމަޑުން ގޭމުގެ ތެރެއަށް ވަދެ ކޮންޓްރޯލް ހޯދި އެވެ. އެ ޓީމުން ލީޑު ނެގީ އޭގެން ދަނޑިވަޅެއްގަ އެވެ.

މޮރޮކޯ ލީޑު ނެގުމުގެ ކުރިން ޕޯޗުގަލްގެ ޔާއޯ ފީލިކްސް ދެ ހަމަލާއެއް ގޯލަށް ފޮނުވާލި އެވެ. ނަމަވެސް ދެ ބޯޅަ ވެސް ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މޮރޮކޯގެ ލަނޑަށް ފަހު ބްރޫނޯ ފެނާންޑޭޒް ވަނީ އަރިމަތީ ހުރެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް އެ ބޯލަ ޖެހުނީ ގޯލުގެ ހުރަސް ދަނޑީގަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ކައުންޓާ އެޓޭކެއްގައި މޮރޮކޯ އަށް ވަނީ ލީޑު ފުޅާ ކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އަތިޔަތުﷲ ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުކޮށްލެވުނެވެ.

އަތިޔަތުﷲ ގެ ހަމަލާގެ ކުރިން މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ، އޭރިއާ ތެރެއިން ދެ ފަހަރު ފައުލް ކުރި ކަމަށް ޕޯޗުގަލް އިން އެޕީލް ކުރި އެވެ. ޕޯޗުގަލްގެ މިޑްފީލްޑަރު އޮޓޭވިއާ ގެ ޖޯޒީ އަށް ދެމި ތަނާއި، ފެނާންޑޭޒް ގައިގައި ހިފައި ވައްޓާލި ތަން ރިޕްލައި ތަކުން ފެނުނު ނަމަވެސް އާޖެންޓީނާގެ ރެފްރީ ފަކުންޑޯ ޓެލޯ އެއީ ފައެލެއް ކަމަށް ނުބެލި އެވެ.

މި މެޗުގައި ވެސް ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ފެށީ ބެންޗުންނެވެ. ނަމަވެސް ދެ ވަނަ ހާފުގެ ފަސްވަނަ މިނިޓުގައި ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ ރޮނާލްޑޯ ކުޅެން އަރުވައިފަ އެވެ.

ފުރަތަމަ ހާފާ ހިލާފަށް މި ހާފުގައި ޕޯޗުގަލް އިން ބޮޑަށް ކުރިއަށް ޖެހިގެން ގޯލު ޖަހަން ގިނަ ހަމަލާތަކެއް ފޮނުވާލަން މަސައްކަތް ކުރި އެވެ. ނަމަވެސް އެޓީމުން ނެގި ހުރަސްތަކުގެ ބޭނުމެއް ނުކުރެވުނެވެ.

ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ފީލިކްސް ރީތި ހަމަލާއެއް ގޯލުގެ މަތީ ކަނާ ދިމާއަށް ފޮނުވާލި ނަމަވެސް އެ ބޯޅަ، މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯ ދިފާއު ކުރި އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ވެސް ކީޕަރު ދިފާއު ކުރި އެވެ.

މެޗުގެ އިތުރު ވަގުތުގައި މޮރޮކޯގެ ވަލީދު ޝެދީރާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައި، ދަނޑުން ފޮނުވާލައިފަ އެވެ. އޭނާ ކުޅެން އެރުވީ ވެސް ދެ ވަނަ ހާފުގަ އެވެ. އޭގެ ފަހުން ޕޯޗުގަލްގެ ރަފައެލް ލެއާއޯ ނެގި ހުރަހެއް ޑިފެންޑަރު ޕެޕޭ ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލުގެ ކަނާ ދިމާލުން ބޭރަށެވެ.

މެޗުގެ ދެ ވަނަ ހާފުގައި މޮރޮކޯގެ ކެޕްޓަން ރޯމައިން ސައިސް އަށް އަނިޔާވެގެން ވަނީ ބަދަލު ކޮށްފަ އެވެ. އޭނާ ބޭލުމުން ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ވިންގާ ހަކީމް ޒިޔެޝް އަށް ވެސް އަނިޔާ ވެގެން ވަނީ ބަދަލު ކުރަން ޖެހިފަ އެވެ. އޭގެ ފަހުން މޮރޮކޯގެ ބޭންޑް އަޅައިގެން ކުޅުނީ މިޑްފީލްޑަރު ސޮފްޔާން އަމްރަބާޓް އެވެ.

މި މެޗާ އެކު، ރޮނާލްޑޯގެ ޕޯޗުގަލް ކެރިއަރު ނިމުނީ ކަމަށް ބެލެވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ވޯލްޑް ކަޕަށް ފަހު އޭނާ ވަނީ ގައުމީ ޓީމުން ރިޓަޔާކުރަން ނިންމައިފަ އެވެ. ރޮނާލްޑޯ އަށް ޕޯޗުގަލްއާ އެކު ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ 2016 ގެ ޔޫރޯ ހޯދުމެވެ.