ރޫމޭނިއާގެ ކޯޑޯސް މާޒިޔާ އަށް: ރާއްޖެ އައީ މޫދަށް އެރޭކަށް ނޫން!
ރޫމޭނިއާގެ ކޯޑޯސް މާޒިޔާ އަށް: ރާއްޖެ އައީ މޫދަށް އެރޭކަށް ނޫން!

ރޫމޭނިއާގެ ޔޫތު ގައުމީ ޓީމުތަކުން ފާހަގަކުރެވި އަދި ފަހުން އެ ގައުމުގެ އެންމެ ވަރުގަދަ ކްލަބްތަކަށް ކުޅެފައިވާ ޑިފެންޑަރު އަންދްރެއި ކޯޑޯސް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނަށް ސޮއިކޮށްފި އެވެ.

ރޫމޭނިއާގެ ކޯޑޯސް މާޒިޔާ އަށް: ރާއްޖެ އައީ މޫދަށް އެރޭކަށް ނޫން!
ރޫމޭނިއާގެ ކޯޑޯސް މާޒިޔާ އަށް: ރާއްޖެ އައީ މޫދަށް އެރޭކަށް ނޫން!

ޔޫރަޕުގެ ގަދަބާރު އިންޓަ މިލާނާ ދެކޮޅަށް ޔުރޮޕާ ލީގުގައި ކުޅެފައިވާ އިސްކޮޅުގައި 6 ފުޓް ހަތަރު އިންޗި ހުންނަ އުމުރުން 28 އަހަރުގެ ޑިފެންޑަރު މާޒިޔާއާ އެކު އެއް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު މިއީ އޭނާ އަށް މުޅިން އާ ޗެލެންޖެކެވެ.

ރޫމޭނިއާގެ ކޯޑޯސް މާޒިޔާ އަށް: ރާއްޖެ އައީ މޫދަށް އެރޭކަށް ނޫން!
ރޫމޭނިއާގެ ކޯޑޯސް މާޒިޔާ އަށް: ރާއްޖެ އައީ މޫދަށް އެރޭކަށް ނޫން!

ރޫމޭނިއާގެ ވަރުގަދަ ޓީމުތަކަށް ކުޅޭ ކުޅުންތެރިޔަކު ރާއްޖެ ފަދަ އާދައިގެ ގައުމެއްގެ ކްލަބަކާ ގުޅުނީ ކީއްވެތޯ އެ ގައުމުގެ ނޫސްވެރިން ސުވާލުކުރުމުން ކޯޑޯސް ބުނީ ބޭނުންވީ އާ ތަޖުރިބާއެއްކޮށް އަދި އޭޝިއާގެ ވަރުގަދަ ޓީމުތަކުގެ ލޮލުގައި އަޅައިގަންނަ ވަރުގެ ކުޅުމެއް ދައްކަން ކަމަށެވެ.

ރޫމޭނިއާގެ ކޯޑޯސް މާޒިޔާ އަށް: ރާއްޖެ އައީ މޫދަށް އެރޭކަށް ނޫން!
ރޫމޭނިއާގެ ކޯޑޯސް މާޒިޔާ އަށް: ރާއްޖެ އައީ މޫދަށް އެރޭކަށް ނޫން!

"އަހަރެން ރޫމޭނިއާ ލީގު ދޫކޮށްލި އެންމެ ބޮޑު ސަބަބަކީ ކްލަބްތަކުގެ (މާލީ ހާލަތު ދަށްވެ) ޔަގީންކަން ކުޑަވުން. އެހެންވެ މި ފުރުސަތު ލިބުމުން އޭގެ ބޭނުން ހިފަން ނިންމީ. މާޒިޔާ އިން އަަހަންނަށް ލިބޭ ރޫމޭނިއާ ލީގަށް ވުރެ ރަނގަޅު އާމްދަނީއެއް. އެކަމަކު އެއީ އެހާ ބޮޑު އަދަދެއް ވެސް ނޫން. ސައުދީ ފަދަ ގައުމެއް ނޫން މިއީ. އެކަމަކު މި ކްލަބާ އެކު އަހަންނަށް އޭޝިއާ އަށް ދޮރުހުޅުވިގެންދާނެ،" ރޫމޭނިއާގެ ނޫސްތަކަށް ދީފައިވާ އިންޓަވިއުއެއްގައި ކޯޑޯސް ބުނެފައިވެ އެވެ.

ކޯޑޯސް ބުނީ ރާއްޖޭގައި އޮތީ އަށް ޓީމު ކުޅޭ މެދު ފަންތީގެ ލީގެއް ކަމަށާއި އަދި ހުރިހާ ޓީމެއް ވެސް ކުޅެނީ އެންމެ ސްޓޭޑިއަމެއްގައި ކަން އެނގޭނެ ކަމަށެވެ. އަދި ރާއްޖެ އައީ އެ ހުރިހާ ކަމެއް އެނގި ހުރެ ރަނގަޅު ކާމިޔާބެއް ހޯދަން ކަމަށާއި ރާއްޖެ ފަދަ ރީތި ތަނަކަށް އައީ މޫދަށް އެރި ރީތިކަމުން ހިތްހަމަޖެހުން ހޯދަން ނޫން ކަމަށް ވެސް ބުންޏެވެ.

"މިތަނަށް އައީ ޗުއްޓީ ހޭދަކުރާކަށް ނޫން. އަހަރެން މިދަނީ ފުޓްބޯޅަ ކުޅެން. ރާއްޖެ ކިތަންމެ ރީތި ތަނަކަށް ވިޔަސް އަހަރެން އެތަނަށް ގެންދިޔައީ ކުޅެން. އެކަމަކު ހުސް ވަގުތު އަހަރެން ބީޗަށް ދާނަން،" ރޫމޭނިއާގެ 19 އަހަރުން ދަށުގެ ޓީމަށް ތިން މެޗު އަދި 21 އަހަރުން ދަށުގެ ޓީމަށް ހަތަރު މެޗު ކޯޑޯސް ބުންޏެވެ.

"އަހަރެން ވަރަށް އުފާވެރި މިހިރީ މި ފުރުސަތަށްޓަކައި. އަދި މި ފުރުސަތުގެ ބޭނުން ހިފަން ކެތްމަދުވެފައި މިހުރީ. މިއީ އަހަންނަށް ރަނގަޅު ފުުރުސަތެއް. މީގެ ސަބަބުން އެހެން ދޮރުތައް ވެސް ހުޅުވިގެންދާނެ."

ރޫމޭނިއާގެ ދެ ވަނަ ޑިވިޝަނުގެ ބައެއް ކްލަބްތަކުގެ އޮފާތައް ދޫކޮށްލުމަށް ފަހު މާޒިޔާއާ ގުޅުނު ކޯޑޯސް ބުނީ ކޮންޓްރެކްޓުގައި ބާކީ ހަ މަސް އޮއްވާ ޓާގޫ މުރޭސް އިން އޭނާ ރިލީޒް ކޮށްދިނީތީ އެ ކްލަބަށް ޝުކުރުއަދާކުރާ ކަމަށެވެ.

އޭނާގެ އޭޖެންޓް ބޮގްޑަން އަޕޮސްޓޫ ބުނީ ކޯޑޯސް ރާއްޖެ ދިއުމާ އެކު ރޫމޭނިއާ ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި އޭނާ ސޮއިކުރީ ރާއްޖޭގެ އެންމެ ވަރުގަދަ ޓީމަށް ކަމަށާއި އެ ޓީމާ އެކު އޭނާ މޮޅު ކުޅުމެއް ދައްކާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރޫމޭނިއާގެ ޔުނިވާސިޓޭޓް ކްލޫޖް އިން 2005 ވަނަ އަހަރު ކެރިއަރު ފަށައި ކޯޑޯސް ވަނީ އެ ކްލަބާ އެކު ރޫމޭނިއާގެ ދެ ވަނަ ޑިވިޝަނާއި ފުރަތަމަ ޑިވިޝަނުގައި ކުޅެފަ އެވެ. އޭގެ ފަހުން 2009 އިން 2011 އަށް އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ ފްރޮސިނޯނޭ ކުޅުނެވެ. އެ ކްލަބުގެ ޖާޒީގައި އޭނާ ވަނީ 2011 ވަނަ އަހަރު އިޓާލިއަން ކަޕުގެ ފުރަތަމަ ބުރުގައި ޕޮމިގްލިއާނޯ އާއި މޮޑޭނާއާ ދެކޮޅަށް ފުލްކޮށް ކުޅެފަ އެވެ.

އިޓަލީ އަށް ފަހު ކޮޑޯސް އެނބުރި ރޫމޭނިއާ އަށް އެ ގައުމުގެ ފުރަތަމަ ޑިވިޝަނުގެ ޓާގޫ މުރޭސް އަށް 2010-2012 އަށް ކުޅުނެވެ. އެއަށް ފަހު 2012 ވަނަ އަހަރު އެ ގައުމުގެ ވަސްލުއިޖް އަށް ބަދަލުވެ، ޔޫރަޕުގެ ދެ ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔުރޮޕާ ލީގުގެ ޕްލޭއޮފުގައި އިޓަލީގެ ގަދަބާރު އިންޓަ މިލާނާ އެ ޓީމުގެ ދަނޑުގައި ކުޅެ 2-2 އިން އެއްވަރުވި މެޗުގައި ކުޅުނެވެ.

ވަސްލުއިޖް އަށް ފަހު އޭނާ ދެން ސޮއިކުރީ ރޫމޭނިއާގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ޑައިނަމޯ ބުކަރެސްޓާ އެެވެ. އެ ކްލަބުގައި އެއް ސީޒަން ހޭދަކުރުމަށް ފަހު ރޫމޭނިއާގެ ފުރަތަމަ ޑިވިޝަނުގެ އެހެން ދެ ޓީމެއް ކަމަށްވާ ޕަޑޫރީ ޓާގޫ ޖީއޫ އަދި އެފްސީ ބޮސްޓާނީ އަށް ވެސް ކުޅުނެވެ. ބޮސްޓާނީއާ އެކު ޔުރޮޕާ ލީގު ކޮލިފިކޭޝަނުގައި ހަތަރު މެޗު ކުޅުނެވެ. އޭނާ ވަނީ ޔޫރަޕުގެ މަތީ ފަޑީގައީ ޕްރޮފެޝަނަލް 144 މެޗު މިހާތަނަށް ކުޅެފަ އެވެ.

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި މާޒިޔާ އިން ވަނީ ނިއު ރޭޑިއަންޓަށް ބަދަލުވެފައިވާ ގޯލްކީޕަރު އިމްރާން މުހައްމަދުގެ ބަދަލުގައި، އެ ޓީމަށް ކުރިން ވެސް ކުޅުނީ ކިރްގިސްތާން ގޯލްކީޕަރު ޕަވެލް މަޓިއާޝް ގެނެސްފަ އެވެ. މީގެ އިތުރުން ސާބިއާ ފޯވާޑެއް ކަމަށްވާ އަލެކްސަންޑަ ރަކިޗް ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ. ވާތު ފައިން ކުޅޭ ރަކިޗަކީ ކުރިން އާރްމީނިއާގެ ފުރަތަމަ ޑިވިޝަންގެ ދެ ކްލަބް ކަމަށްވާ ގެންޑަޒަސާ ކަޕަން އާއި އަރާރަތު ޔެރަވެން އަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. އާރްމީނިއާ ޕްރިމިއާ ލީގުގައި ކުޅުނު 80 މެޗުން އޭނާ ވަނީ 26 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) ވިދާޅުވީ ކޯޗު މެސެޑޯނިއާގެ މަރްޔަން ސެކުލޮސްކީގެ ލަފާގެ މަތިން އަދި އިތުރު ބިދޭސީ ކުޅުންތެރިޔެއް ގެންނާނެ ކަމަށެވެ.

މިދިޔަ ސީޒަނުގައި ވެސް މާޒިޔާ އިން ފެނުނު ގިނަ ކުޅުންތެރިންތަކެއް މި އަހަރު ވެސް އެ ޓީމުން ފެންނާނެ އެވެ. އެ ޓީމު ދޫކޮށްދިޔައީ މިހާތަނަށް ހަތަރު ކުޅުންތެރިންނެވެ. އެއީ ނިއު ރޭޑިއަންޓަށް ބަދަލުވި އިމްރާން މުހައްމަދާއި އީގަލްސް އަށް ބަދަލުވި އަހުމަދު ނާޝިދު (ނައްޓޭ)ގެ އިތުރުން ވިކްޓަރީ އަށް ސޮއިކުރާނެ ކަމަށް ބެލެވިފައިވާ އިސްމާއިލް އީސަ އަދި ގްރީން ސްޓްރީޓަށް ބަދަލުވި އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. އަދި އަލީ އަޝްފާގު (ދަގަނޑޭ) ވެސް އެހެން ޓީމަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ.