08 ޖޫން 2016 - 17:55

ޓެރަރިޒަމާއި ދީނީ ގޮތުން ހައްދު ފަހަނައަޅާ ދިއުމާ ބެހޭ ގޮތުން ސަރުކާރުގެ ސިޔާސަތު ހާމަކުރާ ކަރުދާހެއް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައި މެމްބަރުންގެ ހިޔާލަށް އެދިވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ކަރުދާސް މަޖިލީހަށް ފޮނުއްވީ ޓެރަރިޒަމާއި ހައްދު ފަހަނައަޅާ ދިއުމަކީ މި ވަގުތު ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަށް ވެފައި، މިއީ ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލައަކަށް ވާތީ އެވެ. މިއީ މުޅި ދުނިޔެ އަށް ވެސް ދިމާވެފައިވާ ބިރުވެރި، އެހާމެ ނުރައްކާތެރި މައްސަލައެއްކަން ވެސް ރައީސް ފާހަގަކުރައްވާ ކަމަށް އެ އޮފީހުން ބުންޏެވެ.
މި ފދަ ކަރުދާހެއް ހުށަހަޅާފައި މިވަނީ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަކުރާ ދިވެހިންގެ އަދަދު ގިނަވެފައިވާ ދަނޑިވަޅެއްގަ އެވެ. ރައީސް ޔާމީނަށާއި ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންނަށް އިންޒާރުދީ، ދިވެހި ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ދާދި ފަހުން ވީޑިއޯއެއް ވެސް ނެރެފައިވެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭން މިހާރު ވެސް އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ގެންދިޔަ ނަމަވެސް މިހާރު އޮތް ގާނޫނީ އޮނިގަނޑު އިސްލާހުކޮށްގެން އިތުރު، އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައީސް ގަބޫލުފުޅު ކުރައްވަ އެވެ. އެއީ، އެ އޮފީހުން ފާހަގަ ކުރި ގޮތުގައި، ޓެރަރިޒަމާއި ހައްދު ފަހަނައަޅައި ދިއުމުން ދިމާވާ ހާރިޖީ، ދާހިލީ، އަދި އިޖްތިމާއީ މައްސަލަތައް ހައްލު ކުރަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭތީ އެވެ.
ރައީސް ޔާމީން ވަނީ މި ކަރުދާހާ ގުޅޭ ގޮތުން މަޖިލީހުގެ މެމްބަރުން ބަހުސް ކުރައްވައި ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ މައްސަލައިގައި އިތުރަށް އެޅިދާނޭ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޖިލީހަށް ފެންނަ ގޮތެއް އެންގުމަށް އެދިވަޑައިގެންފަ އެވެ.
މިދިޔަ އަހަރު މަޖިލީހުން ފާސްކޮށް ރައީސް ޔާމީން ތަސްދީގު ކުރެއްވި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ދަނީ އަމަލުކުރަމުންނެވެ. އަދި އެ ގާނޫނު އިސްލާހުކޮށް، ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދާ އެކު، ސިއްުރު އެއްޗެއްގެ ގޮތުގައި ސިފައިން ބަލަހައްޓާ ގޮތަށް ވަނީ ހަދާފަ އެވެ.