ނޮޅިވަރަމްގައި މަރެއް: ޝައްކު ކުރެވެނީ ފިރިމީހާ، އަނބިމީހާ މަރާލީ ކަމަށް!
ނޮޅިވަރަމްގައި މަރެއް: ޝައްކު ކުރެވެނީ ފިރިމީހާ، އަނބިމީހާ މަރާލީ ކަމަށް!

ހދ. ނޮޅިވަރަމްގައި މިއަދު އަންހެނަކު މަރުވެ، އޭނާގެ މަރުގެ ތުހުމަތު ފިރިމީހާގެ ބޮލުގައި އެޅިއްޖެ އެވެ.

އެ ރަށުން ވާހަކަ ދެއްކި ދެ މީހަކު ބުނީ، އެގޮތަށް ރަށު ތެރޭގައި ވާހަކަ ދެކެވޭ ދެ ސަބަބެއް އެބައޮތް ކަމަށެވެ. އެއް ކަމަކީ، އަނބިމީހާ ހޭނެތިފައި އޮއްވާ، ފިރިމީހާ އެ ރަށުން ފުރައިގެން ދިއުމާއި، އެ ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހިގެން އުޅޭތާ ދުވަސްތަކެއް ވެފައި ވުމެވެ.

ފުލުހުން ބުނީ، މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ މިއަދު 12:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި ވަގުތުން ސީން އަށް ދިޔަ ކަމަށެވެ. އަދި އެ އަންހެން މީހާގެ ހަށިގަނޑު ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި އޭރު މަރުވެފައި އޮތް ކަމަށް ސިއްހީ މަރުކަޒުން ބުނެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރަށުން ވާހަކަ ދެއްކި މީހާ ބުނީ، 28 އަހަރުގެ އަންހެން މީހާ އަކީ އެ ރަށު މީހެއް ކަމަށާއި އެކަމަކު، އޭނާގެ ފިރިމީހާ އަކީ އދ. ފެންފުށީ މީހެއް ކަމަށެވެ.

"ރަށުން ބޭރުގައި މި ހުރިހާ ދުވަހަކު ވަޒީފާގައި އޭނާ އުޅުނީ. ރަށަށް އައިސް ދިރިއުޅެން ފެށިތާ އަދި ދެ އަހަރެއްހާ ދުވަސް ވާނީ. އޭގެ ފަހުން އެ ދެމަފިރިންގެ ދޭތެރޭގައި ވަރަށް މައްސަލަ ބޮޑު ކަމަށް ރަށު ތެރޭގައި އަބަދުވެސް ކިޔާ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ "ހޭކެނޑިފައި އޮއްވާ" ފިރިމީހާ ވަނީ ލޯންޗެއް ހިފައިގެން، ކައިރީގައި އޮތް ކުޅުދުއްފުއްޓަށް ގޮސްފަ އެވެ. އެހެންވެ، ނޮޅިވަރަމްގެ ވަރަށް ގިނަ މީހުން ޝައްކު ކުރަނީ، އަންހެން މީހާ މަރާލައިފައި ފިލަން ދިޔައީ ކަމަށެވެ.

"ހޮސްޕިޓަލް ކައިރީގައި އެބަތިބި ރަށު މީހުން މިހާރު ވެސް. އިވެނީ ކަރުގައި ހިފައިފައި ހުރި ނިޝާންތައް އެބަހުއްޓޭ. ތެދެއް ދޮގެއް އަދި ނޭނގެ،" އޭނާ ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަން ކުޅުދުއްފުށިން ވެސް ފުލުހުންގެ ޓީމެއް މިހާރު ވަނީ ނޮޅިވަރަމަށް ގޮސްފަ އެވެ.

އެ ދެމަފިރިންގެ ތިން ކުދިން ދުނިޔޭގައި އެބަތިއްބެވެ.