ބޯޅައިގައި އަތްލުމުން މެސީ އަށް ކާޑު ނުދެއްކީ ކީއްވެ؟
ބޯޅައިގައި އަތްލުމުން މެސީ އަށް ކާޑު ނުދެއްކީ ކީއްވެ؟

ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ރޭ ޕެނަލްޓީ ޖަހައިގެން 4-3 އިން ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާ އިން ސެމީ ފައިނަލަށް ދަތުރުކުރި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބޯޅައިގައި ގަސްދުގައި އަތްލުމުން، ރެފްރީ އޭނާ އަށް އަދަބު ނުދިން މައްސަލައިގައި ފާޑުކިޔުން މިވަނީ ބޮޑުވެފަ އެވެ.

ރެކޯޑް އަދަދަކަށް، 14 ރީނދޫ ކާޑާއި ރަތްކާޑެއް، ރެފްރީ ސްޕެއިނުގެ އެންޓޯނިއޯ މިގުއެލް ދެއްކި މި މެޗުގައި މެސީ ބޯޅައިގައި އަތްލުމުން، ކުޑަ މިނުން ރީނދޫ ކާޑެއް ވެސް ނުދައްކަ އެވެ. އެއާ އެކު، މެސީ ދެކެ ފީފާ އާއި ރެފްރީން ބިރު ގަންނަނީ ކަމަށާއި އޭނާ އަށް ހިމާޔަތް ދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާ ވަނީ ހޫނުވެފަ އެވެ.

އަމުދުން މެސީ އަށް ފަހުން އެހެން ފައުލަކަށް ރީނދޫ ކާޑެއް ދައްކާފައިވާތީ، ބޯޅައިގައި އަތްލީ ފަހަރު ރީނދޫ ކާޑެއް ދެއްކި ނަމަ މެސީ ދަނޑުން ފޮނުވާލުމުގެ ފުރުސަތު އޮތަތީވެ، އޭނާ އަށް އަދަބު ނުދިނުމުން ވާދަވެރި ޓީމުތަކުގެ ސަަޕޯޓަރުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެކަމަކު ހަގީގަތަކީ ފުޓްބޯޅައިގެ ގަވާއިދަށް ބަލާއިރު އެއީ މެސީ އަށް ކާޑު ދެއްކޭނެ ހާލަތެއް ނޫނެވެ. ގަވާއިދު ބުނާ ގޮތުން ބޯޅައިގައި އަތްލުމުން އަދަބު ދެވޭނީ ދެ ހާލަތެއްގަ އެވެ. ފުރަތަމަ ހާލަތަކީ، އިދިކޮޅު ޓީމުގެ އެޓޭކެއް ހުއްޓުވަން ބޯޅައިގައި އަތްލުމެވެ. އެ ހާލަތުގައި ރީނދޫ ކާޑެއް ދެއްކިދާނެ އެވެ. އެކަމަކު މެސީ ބޯޅައިގައި އަތްލީ، އެ ޓީމުގެ އެޓޭކެއް ނެދަލެންޑްސްގެ ޑިފެންޑަރު ނަތަން އާކޭ ދިފާއުކޮށް ފޮނުވާލި ވަގުތު އެވެ. އެހެންވެ އެ ބޯޅައިގައި މެސީ އަތްލުމުން ނެދަލެންޑްސް އަށް ލިބޭނެ ޑިސްއެޑްވާންޓޭޖެއް ނެތެވެ.

އަދަބު ދެވޭނެ ދެ ވަނަ ހާލަތަކީ، ގޯލަށް ފޮނުވާލާ ބޯޅައެއް ހުއްޓުވަން ބޯޅައިގައި އަތްލުމެވެ. އެ ހާލަތުގައި ރަތްކާޑު ދައްކާނެ އެވެ. މީގެ ކުރިން 2010 ގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ގާނާ އިން ގޯލަށް ފޮނުވާލި ބޯޅައެއްގައި އަތްލައި އެ ބޯޅަ ހުއްޓުވުމުން އުރުގުއޭގެ ލުއިސް ސުއަރޭޒަށް ރަތްކާޑު ދެއްކީ އެހެންވެ އެވެ.

އެކަމަކު އެ ހާލަތުގައި ވެސް، ބޯޅައިގައި އަތްލީ ފަހުން އެ ބޯޅަށް ގޯލަށް ވަދެއްޖެ ނަމަ، ގޯލް ބަލައިގަތުމަށް ފަހު ރެފްރީ ދައްކާނީ ބޯޅައިގައި އަތްލީ ކުޅުންތެރިޔާ އަށް ރީނދޫ ކާޑެކެވެ. ބޯޅައިގައި އަތްލީ ފަހުން، އެ ބޯޅަ މުޅިން ހުހަށް ހުރި އިދިކޮޅު ކުޅުންތެރިޔަކަށް ލިބުމުން ރެފްރީ އެ ބޯޅަ އެޑްވާންޓޭޖަށް ދޫކޮށްލައިފި، ނަމަ އެ ހާލަތުގައި ދައްކާނީ ރީނދޫ ކާޑެކެވެ.