މޮރޮކޯ އިން އެފްރިކާގެ އުއްމީދަކާ އެކު ޕޯޗުގަލާ ދެކޮޅަށް
މޮރޮކޯ އިން އެފްރިކާގެ އުއްމީދަކާ އެކު ޕޯޗުގަލާ ދެކޮޅަށް

ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް މޮރޮކޯ އިން ނުކުންނަނީ ހަމައެކަނި އެ ގައުމުގެ ނަމަކު ނޫނެވެ. މޮރޮކޯ އިން ނުކުންނަނީ މުޅި އެފްރިކާ ބައްރުގެ އުއްމީދުތަކާ ވެސް އެކުގަ އެވެ.

މިރޭ ޕޯޗުގަލް އަތުން މޮރޮކޯ މޮޅުވެއްޖެ ނަމަ އެ ގައުމު ވާނީ ވޯލްޑް ކަޕުގެ ސެމީ ފައިނަލުން ޖާގަ ހޯދާ އެފްރިކާގެ ފުރަތަމަ ޓީމަށެވެ.

އެފްރިކާގެ އަށް ނިސްބަތްވާ ކެމަރޫނާއި ސެނެގާލް އަދި ގާނާ އިން މީގެ ކުރިން ކުއާޓާ ފައިނަލުގައި ކުޅުނެވެ. މީގެ ތެރެއިން ކެމަރޫން 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ އިން ކެޓީ އިންގްލެންޑް އަތުން 3-2 އިން ބަލިވެގެންނެވެ.

ސެނެގާލް 2002 ގައި ކުއާޓާ އިން ކެޓީ ތުރުކީ އަތުން 1-0 އިން ބަލިވެގެންނެވެ. އަދި 2010 ގައި ގާނާ ކެޓީ އުރުގުއޭ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެގެންނެވެ.

އެފްރިކާ އަކީ ފުޓްބޯޅައިގެ ބޮޑެތި ބައްރުތަކުގެ ތެރެއިން ވޯލްޑް ކަޕުގެ ސެމީ އަށް ނުދެވޭ ހަމައެކަނި ބައްރެވެ. ޔޫރަޕާއި ދެކުނު އެމެރިކާގެ ގައުމުތަކުން ގަވާއިދުން އެ ހިސާބަށް ދަތުރުކުރި އިރު އުތުރު އެމެރިކާ އާއި އޭޝިއާ އިން އެއް ފަހަރު އެ ޝަރަފް ހޯދި އެވެ.

އުތުރު އެމެރިކާ އިން ސެމީގައި ކުޅުނީ، އެންމެ ފުރަތަމަ ވޯލްޑް ކަޕުގައި 1930 ގައި ތިން ވަނަ ހޯދި އެމެރިކާ އެވެ. އަދި އޭޝިއާގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕުގައި، 2002 ގައި ދެކުނު ކޮރެއާ އިން ސެމީގައި ކުޅުނެވެ.

އެފްރިކާ އަކީ ހުނަރުވެރި އެތައް ކުޅުންތެރިންނެއް އުފައްދާފައިވާ ބައްރެކެވެ. ޔޫރަޕުގެ ލީގުތަކުގައި އެފްރިކާ ކުޅުންތެރިން އަބަދުވެސް ވިދާލަ އެވެ. ނަމަވެސް ޓީމެެއްގެ ގޮތުގައި އެފްރިކާ އަށް އަދި އެ ހިސާބަށް ނުދެވެނީ އެވެ.

އެހެންކަމުން މިރޭ ޕޯޗުގަލްއާ ދެކޮޅަށް މޮރޮކޯ ނުކުންނައިރު މުޅި އެފްރިކާ ބައްރު އޮތީ އެ ގައުމުގެ ފަހަތުގަ އެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕް ބާއްވަން 1994 އިން ބިޑްކުރަމުން އަންނަ ގައުމެކެވެ. ބެލެވޭ ގޮތުގައި 2030 ގެ ވޯލްޑް ކަޕަށް ވެސް ބިޑުކުރާނެ އެވެ. އެހެންވެ ބިޑުގެ ކުރިން އެ ގައުމަކީ ފުޓްބޯޅައިގެ ގަދަބާރެއްކަން ސާބިތުކޮށްދޭން މިރޭ މިއޮތީ ފުރުސަތު ލިބިފަ އެވެ.