10 ޑިސެމްބަރ 2022 - 13:24

ވޯލްޑް ކަޕް ކަވަރުކުރަން ގަތަރަށް ގޮސް ހުރި އެމެރިކާގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ގްރާންޓް ވާލް ރޭ މަރުވެއްޖެ އެވެ.
އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރާ ރެއިންބޯ ޓީޝާޓެއް ލައިގެން ސްޓޭޑިއަމަށް ވަންނަން އުޅުމުން ކުރީ މެޗެއްގައި، ސެކިއުރިޓީން ދަނޑަށް ވަނަނުދީ ހިފެހެއްޓި ވާލް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކެއް ޖެހިގެންނެވެ.
އުމުރުން 48 އަހަރުގެ ނޫސްވެރިޔާ، ރޭ ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް އަތުން އާޖެންޓީނާ މޮޅުވި މެޗު ކަވަރުކުރަން ހުއްޓާ ޕްރެސް ބޮކްސް ތެރެެއަށް ވެއްޓުނީ އެވެ. ސްޓްރެޗަރުގައި އޭނާ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ޕެރެމެޑިކުން އޭނާ އަށް ސީޕީއާރް ދިނެވެ.
ވާލްގެ ނިއުސްލެޓާގައި އޭނާ ދާދި ފަހުން ވަނީ ބަލިވެގެން ގަތަރުގެ މީޑިއާ ސެންޓަރުގައި ހުރި ކްލިނިކަކަށް ދެއްކި ކަމަށާއި އޭނާގެ ފުއްޕާމޭގައި އިންފެކްޝަނެއް ހުރި ކަމަށް ޑޮކްޓަރުން ބުނި ކަމަށް ލިޔެފަ އެވެ.
ވާލް ލިޔުނު ގޮތުގައި ވޯލްޑް ކަޕް ފެށިގެން މިވީ ތިން ހަފުތާގައި ނިދުނީ ކުޑަކޮށް ކަމަށާއި ސްޓްރެސް ވެސް އެހާ ބޮޑު ކަމަށެވެ. އަދި ބުރަކޮށް މަސައްކަތްކުރުމުގެ ސަބަބުން ހަށިގަނޑު ބަލިވެފައިވާ ކަމަށެވެ.
"މެޔަށް އުނދަގޫވާކަމުގެ އިހުސާސްކުރެވޭ،" އޭނާ ލިޔެފައިވެ އެވެ.
ވާލް އެކަމަކު އޭރު ބުނީ އެންޓިބައޮޓިކާއި ކެެއްސާ ބޭސް ބޭނުންކުރުމުން ހާލު ކުޑަކޮށް ރަނގަޅު ކަމަށެވެ.
ވޯލްޑް ކަޕުގެ ތެރޭގައި ވާލް އަށް ސަމާލުކަން ލިބުނީ، އެމެރިކާ އާއި ވޭލްސް ކުޅުނު މެޗު ބަލަން، "ވަންލަން ރެއިންބޯ" ޓީޝާޓެއް ލައިގެން ދަނޑަށް ވަންނަން އުޅުމުންނެވެ.
ގަތަރުގައި އެއް ޖިންސުން ގުޅުން ހިންގުމާއި އެކަމާ ގުޅޭ ޝިޔާރުތައް ފާޅުކުރުން މަނަލެވެ. އެހެންވެ ފީފާ އިން ވަނީ، އެކަން ރަމްޒުކޮށްދޭ ކެޕްޓަން ބޭންޑް އެޅުން މަނާކޮށްފަ އެވެ. އަދި ސްޓޭޑިއަމުގައި ވެސް އެފަދަ ޝިޔާރެއް ފާޅުކުރުން މަނަލެވެ.
ވާލް ބުނި ގޮތުގައި ސްޓޭޑިއަމް ބޭރުގައި ހުރި ސެކިއުރިޓީ އޮފިސަރު ވަނީ އެ ޓީޝާޓް ނުލެވޭނެކަން އަންގައި، އަދި އެ ވާހަކަ އޭނާ ޓްވީޓްކުރަން އުޅުމުން ފޯނު ވެސް ގަދަކަމުން އަތުލާފައި ކަމަށެވެ.
އޭނާ 25 މިނެޓު ވަންދެން ހިފެހެއްޓި ކަމަށާއި އަދި ޓީޝާޓް ބޭލުމަށް އެންގި ކަމަށް ވާލް ބުންޏެވެ. އަދި ސްޓޭޑިއަމަށް ވަންނަން ދިޔަ ނިއުޔޯކް ޓައިމްސްގެ ނޫސްވެރިއެއް ގާތު އެ ވާހަކަ ބުނުމުން ސެކިއުރިޓީން އެ ނޫސްވެރިޔާ ވެސް ހިފެހެއްޓި ކަމަށާއި، ނަމަވެސް އެ ނޫސްވެރިޔާ އިރުކޮޅެއް ފަހުން ދޫކޮށްލި ކަމަށް ވާލް ބުންޏެވެ.
ފަހުން ސެކިއުރިޓީންގެ އިސް މީހަކު އައިސް ވާލް ދޫކޮށްލައި އޭނާގެ ކިބައިން މައާފަށް އެދުނެވެ.
ވާލް ނޫސްވެރިކަން ފެށީ 1996 ގައި، އެމެރިކާގެ އޭރު އެއް ވަނަ ކުޅިވަރު ނޫސް ސްޕޯޓްސް އިލަސްޓްރޭޓެޑް އިންނެވެ. ފަހުން 2020 ގައި ސީބީއެސް ސްޕޯޓްސްއާ ގުޅުނެވެ. އޭނާ އަކީ އެމެރިކާގައި ފުޓްބޯޅަ މަގުބޫލުކުރުމުގެ ބޮޑު ކްރެޑިޓެއް ހައްގުވާ ނޫސްވެރިޔެކެވެ.
ވާލް އެންމެ ބޮޑަށް މަޝްހޫރުވީ 2011 ވަނަ އަހަރު ފީފާގެ ރައީސް ކަމަށް ކުރިމަތިލާން ނިންމި ހިސާބުންނެވެ. ނަމަވެސް އެކަށީގެންވާ ސަޕޯޓް ނުލިބުމުން، އޭނާ އެކަމެއް ނުކުރެ އެވެ.