މައިސާ އާއި ޒަޔާނަށް ރޭންކިންގައި ބޮޑު ކުރިއެރުމެއް
މައިސާ އާއި ޒަޔާނަށް ރޭންކިންގައި ބޮޑު ކުރިއެރުމެއް

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އެންމެ ފަހުން އާންމުކުރި ދުނިޔޭގެ ރޭންކިންގައި ރާއްޖޭގެ ދެ ކުޅުންތެރިން ކަމަށްވާ މައިސާ ފަތުހުﷲ އާއި ޒަޔާން ޒަކީ ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.

މައިސާ އާއި ޒަޔާނަށް ރޭންކިންގައި ބޮޑު ކުރިއެރުމެއް
މައިސާ އާއި ޒަޔާނަށް ރޭންކިންގައި ބޮޑު ކުރިއެރުމެއް

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާންމުކުރި ރޭންކިންގައި މައިސާ އޮތީ ދުނިޔޭގެ 733 ވަނައިގަ އެވެ. އެހެން ނަަމަވެސް މި މަހު ކުރީކޮޅު އާންމުކުރި ރޭންކިންގައި ވަނީ 441 ދަރަޖައިގެ ކުރިއެރުމަކާ އެކު ދުނިޔޭގެ 292 ވަނަ އަށް ޖެހިލައިފަ އެވެ.

ޒަޔާން ވެސް ވަނީ ރޭންކިންގައި ރަނގަޅު ކުރިއެރުމެއް ހޯދައިފަ އެވެ. މިދިޔަ އަހަރު ރޭންކިންގެ 1906 ވަނައިގައި އޮތް ޒަޔާން ވަނީ 1417 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފަ އެވެ. އޭނާ މި ވަގުތު އޮތީ ދުނިޔޭގެ 489 ވަނައިގަ އެވެ.

އަންހެން ޑަބަލްސް އަށް ބަލާއިރު ރާއްޖޭގެ ނަފްހާ ނަސްރުﷲ އާއި މައިސާގެ ޕެއާ އޮތީ ދުނިޔޭގެ 329 ވަނައިގަ އެވެ. މިއީ އަންހެން ޑަބަލްސްގައި ރާއްޖޭގެ ޕެއާއެއްގެ އެންމެ ރަނގަޅު ރެކޯޑެވެ.

މިދިޔަ އަހަރުގެ ބެޑްމިންޓަން ގައުމީ މުބާރާތުގެ އަންހެން ސިންގަލްސް ކާމިޔާބުކުރި މައިސާ އަކީ އެ ބައިން އެންމެ ޒުވާން ޗެމްޕިއަނެވެ. އަދި އެ މުބާރާތުގެ ފައިނަލުން ޒަޔާން ބަލިވި ނަމަވެސް މިދިޔަ އަހަރަކީ އޭނާގެ ކާމިޔާބު އަހަރެކެވެ.

ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން އަންނަނީ ފަހަކަށް އައިސް ބައިނަލްއަގްވާމީ ފެންވަރުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން މިދިޔަ މަހު ބަންގްލަދޭޝާއި ނޭޕާލްގައި އޮތް މުބާރާތްތަކުގައި ދެއްކި ކުޅުން ފާހަގަކޮށްލެވެ އެވެ.

ބަންގްލަދޭޝް މުބާރާތުގެ އަންހެން ސިންގަލްސް ބައިން މައިސާ ކުއާޓާ ފައިނަލުން ޖާގަހޯދިއިރު މިއީ ބީޑަބްލިއުއެފް މުބާރާތެއްގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އަންހެން ކުޅުންތެރިޔަކު ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ.