08 ޑިސެމްބަރ 2022 - 23:01

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މާލޭ ބަހުގެ ހިދުމަތުގައި ހިމެނޭ އޯކިޑް ރޫޓް (R10) ގެ ބަސް ހުއްޓާ ތަންތަނަށް ބަދަލުތަކެއް ގެނެސްފި އެވެ.
އެމްޓީސީސީން މިއަދު ބުނީ އެ ބަދަލުތަކާއެކު، އޯކިޑް ރޫޓުން ދަތުރުކުރާ ބަސް ބޮޑުތަކުރުފާނު މަގުގެ ވެސްޓް ޕާކް ބަސް ހުއްޓި އާއި ސޯޝަލް ސެންޓަރު މަޖީދީ މަގު ބަސް ސްޓޮޕަކަށް ދެން މަޑު ނުކުރާނެ ކަމަށެވެ.
އޯކިޑް ރޫޓަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަލަށް ހަތަރު ބަސް ސްޓޮޕެއް ވެސް ވަނީ އިތުރު ކޮށްފަ އެވެ.
* ބޮޑުތަކުރުފާނު މަގު: ދަރުމަވަންތަ ހޮސްޕިޓަލް ބަސް ސްޓޮޕް.
* ކަނބާއައިސާރަނި ހިނގުން: ސޯޝަލް ސެންޓަރު ބަސް ސްޓޮޕް.
* ކަނބާއައިސާރަނި ހިނގުން: އައިޖީއެމްއެޗް ބަސް ސްޓޮޕް.
* އަމީނީ މަގު: އެމްޓީސީސީ މާފަންނު ފެރީ ޓާމިނަލް ބަސް ސްޓޮޕް.
އެ ބަދަލުތަކާއެކު އޯކިޑް ރޫޓުން އައިޖީއެމްއެޗާއި ދަރުމަވަންތަ އަދި ވިލިމާލެ ފެރީ ޓާމިނަލަށް ދާން ބޭނުންވާ މީހުންނަށް ލުއިފަސޭހަވާނެ އެވެ.
މާލޭގެ މިނީ ބަހުގެ ހިދުމަތުގައި ބަސް ދަތުރު ކުރަނީ ތިން ރޫޓަކަށް ބަހާލައިގެންނެވެ. އޯކިޑް ރޫޓުގެ އިތުރުން ދެން ހިމެނެނީ އަމީނީ ރޫޓާއި ސޯސަން ރޫޓެވެ. މާލޭ ބަހުގެ ހިދުމަތުގައި ޖުމްލަ 18 މިނީ ބަސް ބޭނުން ކުރާއިރު، ވީހާ ވެސް އަވަހަކަށް އިލެކްޓްރިކް ބަހުގެ ހިދުމަތް މާލެ ތެރޭގައި ފަށާނެ ކަމަށް މީގެ ކުރިން ބުނެފައިވެ އެވެ.