ދެކުނު އޭޝިއާ ކޮލިފައިންގައި ދީމާ ނޭޕާލްގެ ދެވަނަ ބަލިކޮށްފި
ދެކުނު އޭޝިއާ ކޮލިފައިންގައި ދީމާ ނޭޕާލްގެ ދެވަނަ ބަލިކޮށްފި

ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިން ބުރުގެ ފުރަތަމަ މަރުހަލާ ކަމަށްވާ، ދެކުނު އޭޝިއާ ކޮލިފައިންގައި މިއަދު ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ، ނޭޕާލްގެ ރޭންކިންގެ ދެވަނަ އެލީނާ މަހާރްޖަން ބަލިކޮށްފި އެވެ.

ނޭޕާލްގެ ކަތަމަންޑޫގައި ކުޅޭ ކޮލިފައިން މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމުގެ ޓިޓީ ކުޅުންތެރިން ވެސް ބައިވެރި ވެއެވެ. ސަރަހައްދީ ކޮލިފައިން ފަހަނައަޅައި އޭޝިއާގެ ކޮލިފައި މުބާރާތަށް ދަތުރު ކުރާނީ އަންހެން އަދި ފިރިހެން ޑިވިޝަނުން ވެސް އެންމެ ގަދަ 16 ކުޅުންތެރިންނެވެ. ގަތަރުގައި އަންނަ މަހު ބާއްވާ އޭޝިއާ ކޮލިފައިންއިން އެންމެ ގަދަ 26 ކުޅުންތެރިން ކޮލިފައި ވާނީ އަންނަ މެއި މަހު ދެކުނު އެފްރިކާގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕަށެވެ.

މުބާރާތުގައި ރާއްޖެ ތަމްސީލު ކުރަނީ ދީމާގެ އިތުރުން ރާއްޖޭގެ އެއްވަނަ ފިރިހެން ކުޅުންތެރިޔާ މުންސިފް އަހުމަދެވެ. ދީމާގެ މެޗުތަކުގައި އޭނާގެ ކޯޗެއްގެ ގޮތުގައި ވެސް އިރުޝާދު ދެނީ މުންސިފެވެ.

މިއަދު އެލީނާ އާ ދެކޮޅަށް ދީމާ މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ.

ދީމާ އެ މުބާރާތަށް ދިޔައީ ފްރާންސްގެ ޕެރިސް އަދި ތައިލެންޑްގެ ބެންކޮކުގައި ވެސް ޓްރޭނިން ހެދުމަށް ފަހު އެވެ.

މުންސިފްގެ ފުރަތަމަ މެޗު ވެސް މާދަމާ އޮންނާނެ އެވެ. އޭނާ ބުނީ ދީމާ އާއި އޭނާ އަށް ވެސް އޭޝިއާގެ ބުރަށް ދެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

"މިއަދު ދީމާ ކުޅުނު ގޭމް ވެސް ވަރަށް މޮޅު. ވަރަށް އުންމީދު ކުރެވޭ އަނެއް ބުރަށް ދާނެ ކަމަށް،" ތަޖުރިބާކާރު ކުޅުންތެރިޔާ މުންސިފް ބުންޏެވެ.

"އަޅުގަނޑުގެ މެޗުތަކަށް ބެލިޔަސް ތިބި ކުޅުންތެރިން ބީޓް ކޮށްފައި ގަދަ 16 ގެ ތެރެއަށް ވަދެވޭނެ."

ދީމާގެ ދެވަނަ މެޗު މާދަމާ އޮންނާނެ އެވެ. އޭނާ ބުނީ ދެ ގަޑިއެއްގައި މެޗުތައް އޮންނާތީ ދީމާ ކުޅޭ މެޗުތަކުގައި ކޯޗެއްގެ ގޮތުގައި ހުރުމަށް އޭނާ އަށް ހުރަހެއް ނާންނާނެ ކަމަށެވެ.

މި އަހަރު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޗެމްޕިއަންޝިޕްގައި ދީމާ ވަނީ ކެޑޭޓް ކަޓަގަރީން ފައިނަލުގައި ކުޅެފަ އެވެ. ރާއްޖޭގެ ސީނިއާ ޓީމަށް ކުޅުނު އުމުރުން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދީ ދީމާ ވަނީ ޖުލައި މަހިު އޯލް ތައިލެންޑް މުބާރާތުގެ 19 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން، ހޯދައިފި އެވެ. އެ މުބާރާތުގެ 15 އަހަރުން ދަށުގެ ސިންގަލްސް ބައިގެ ސެމީ ފައިނަލަށް ވެސް ދީމާ ވަނީ ދަތުރު ކޮށްފަ އެވެ.