08 ޑިސެމްބަރ 2022 - 10:32

ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން މޮރޮކޯ ޖާގަ ހޯދުމުން ވަރަށް ގިނަ ދިވެހިން އަންނަނީ އުފާފާޅުކުރަމުންނެވެ. މުސްލިމް ގައުމަކަށް ވާތީވެ އެވެ. ތާރީހީ ގޮތުން ރާއްޖެއާ ތިމާގެ ކަމެއް ވެސް އޮތަތީވެ އެވެ. ބުނެވޭ ގޮތުގައި ރާއްޖެ އަށް އިސްލާމް ދީން ގެނެސްދެއްވީ އެ ގައުމުގެ ބޭކަލެއް ކަމަށްވާ އަބުލް ބަރަކާތު ޔޫސުފް އަލް ބަރުބަރީ އެވެ.

ފުޓްބޯޅައިގެ ގޮތުން ބަލާއިރު ވެސް މޮރޮކޯއާ ދިވެހިންނާ ގާތެވެ. ރާއްޖޭގެ ވިކްޓްރީ ސްޕޯޓްސް ކްލަބަށް 2001 ވަނަ އަހަރާއި 2005 ވަނަ އަހަރު ކުޅުނު މޮރޮކޯގެ ފިދާދީ މުހައްމަދުގެ ސަބަބުންނެވެ. ވަރަށް ގިނަ ދިވެހިން އެއްބަސްވާ ގޮތުގައި ފިދާދީ އަކީ ރާއްޖޭގައި މިހާތަނަށް ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ އެވެ.

ފިދާދީ އަކީ 1994 ވަނަ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕުގައި ވާދަކުރި މޮރޮކޯ ޓީމުގެ ޕްރޮވިޝަނަލް ސްކޮޑުގައި ހިމެނުނު ކުޅުންތެރިޔެކެވެ. ފައިނަލް ސްކޮޑަށް ވެސް އޭނާ އޮތީ ނަގާ ގޮތަށެވެ. އެކަމަކު ކޯޗާ މައްސަލަ ޖެހުމުން ފައިނަލް ސްކޮޑުން ބާކީކުރީ އެވެ. އެ މުބާރާތަށް މޮރޮކޯ ކޮލިފައިވީ ފިދާދީގެ ވެސް ހިއްސާއާ އެކު އެވެ. އެގޮތުން އޭނާ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި މޮރޮކޯ ގައުމީ ޓީމަށް ހަތަރު މެޗު ކުޅެދީފަ އެވެ. އެއީ އިތިއޯޕިއާ، ބެނިން، ޓިއުނީޝިއާ އަދި ޒެމްބިއާއާ ދެކޮޅަށެވެ. އަދި ސްލޮވާކިއާއާ ދެކޮޅަށް މޮރޮކޯ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ވެސް އޭނާ ގައުމީ ޓީމު ތަމްސީލުކުރި އެވެ.

މޮރޮކޯގެ އޮލިމްޕިކް ޚޫރިބްގާ އިން ކެރިއަރު ފަށައި ސައޫދީ އަރަބިއްޔާގެ އަލް އިއްތިފާގު އަލް ދަމްމާމް އަށް ވެސް ކުޅުނު ފިދާދީ އޭގެ ފަހުން މިސްރާބު ޖެހީ އޭޝިއާގެ އިރުމައްޗަށެވެ. އޭނާ 1998 ވަނަ އަހަރު މެލޭޝިއާގެ ސެލަންގޯ އެފްއޭ ގުޅި އެ ގައުމުގެ ފުޓްބޯޅައިގައި ރަސްކަންކުރަން ފެށި އެވެ.

އޭރު ރާއްޖޭގެ މަޝްހޫރު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ދިޔައީ، 2000 ވަނަ އަހަރުގެ ގައުމީ މުބާރާތް ވިކްޓްރީ އަށް ކާމިޔާބުކޮށްދިނުމަށް ފަހު، އެ ތަށި ދެ ވަނަ ފަހަރަށް މިލްކުކުރުމަށް އެ ޓީމުގައި ވަރުގަދަ ސްކޮޑެއް ބިނާކުރުމަށް ޕްލޭން ހަދަމުންނެވެ. އެކަމުގައި މާއްޓޭ އަށް ލަފާދެމުން ދިޔައީ ސިންގަޕޫރުގެ މަޝްހޫރު ކޯޗު ފަންޑީ އަހުމަދެވެ. ފިދާދީ އާއި ރާއްޖެއާ ގުޅޭ ހިސާބަކީ މި އެވެ.

"ފަންޑީ އަޅުގަނޑު ގާތު ބުނީ ވަރަށް މޮޅު ކުޅުންތެރިއެއް އެބަހުއްޓޭ މެލޭޝިއާގައި. އޭނާ ގެންދާށޭ. އޭރުން ޔަގީނޭ ތަށި ލިބޭނެޔޭ،" މާއްޓޭ ބުންޏެވެ.
ވިކްޓްރީން އޭރުގެ ނިސްބަތުން ވަރަށް ބޮޑު މުސާރައެއް ކަމަށްވާ މަހަކު 3500 ޑޮލަރު ދޭ ގޮތަށް ފިދާދީ ރާއްޖެ ގެނަ އެވެ.
ދުވަސްކޮޅެއް ފަހުން ވިކްޓްރީގެ ޕްރެކްޓިހުން ފެންނަން ފެށީ އިސްކޮޅުން ދިގު، ބިޔަ އެ ކުޅުންތެރިޔާ އެވެ. ކަނދުރާއާ ހަމަޔަށް ދިގުކޮށްފައިވާ ވަރުގަދަ ބުޅި އިސްތަށިގަނޑެކެވެ. ކަރުގައި ކެވެލި ފަށެއް އަޅާފައިވެ އޮވެ އެވެ. މަސައްކަތުގެ ރޭޓު އެހާ މައްޗެވެ. ބުންވަރު އެހާ ވަރުގަދަ އެވެ. ނަތީޖާއަކަށްވީ ޕްރެކްޓިހުގައި އޭނާއާ އެއްވަރަށް ހިފަހައްޓާލުމަށްޓަކައި އެހެން ކުޅުންތެރިން ވެސް މަސައްކަތުގެ ރޭޓު މައްޗަށް ޖައްސާލަން ޖެހުމެވެ. ސީޒަން ނުފެށެނީސް ފިދާދީގެ ފައިދާ ވިކްޓްރީ އަށް ކުރަން ފެށީ އެވެ.
އެކަމަކު އެ ފަހަރު ސީޒަން ހުޅުވި މެޗުން ވާދަވެރި ނިއު ރޭޑިއަންޓް އަތުން 4-0 އިން ވިކްޓްރީ ބަލިވީ އެވެ. އެއާ އެކު މާއްޓޭ އަށް ފިދާދީ ލަފާ ދިނީ، އޭރު ރާއްޖޭގައި ކުޅެމުން އައި ސްވީޕަރަކު ލައިގެން ފަސް ޑިފެންޑަރުން ކުޅޭ ފޯމޭޝަނުގެ ބަދަލުގައި، ޒަމާނީ 4-4-2 ފޯމޭޝަނަށް ކުޅުން ބަދަލުކުރާށެވެ. ފިދާދީގެ ފަންނީ ލަފަޔާ އެއްގޮތަށް މާއްޓޭ ޓީމުގެ ރޭވުން ބަދަލުކުރި އެވެ.
އަނެއްކޮޅުން ފިދާދީ ދިޔައީ ދަނޑުމަތީގައި އޭނާގެ ޖާދޫ ދައްކަމުންނެވެ. ވިކްޓްރީގެ މުޅި ގޭމް ކޮންޓްރޯލްކުރަނީ އޭނާ އެވެ. ފަހަތުން ރިކަވާކުރާ ބޯޅައާ އެކު، މެދުތެރެއިން އެޓޭކްތައް އުފައްދައި، ކުރިއަށް ބޯޅަތައް ފޯރުކޮށްދެ އެވެ. ނައިޖީރިއާ ފޯވާޑް ފްރައިޑޭ ގެބޯން ޖަހާ ލަނޑުތަކަކީ، ފިދާދީ ތަނަވަސްކޮށްދިން ފުރުސަތުތަކެވެ. އަދި ހުދު ފިދާދީ ވެސް އެޓޭކްތަކުގައި ބައިވެރިވެ ލަނޑު ޖެހި އެވެ.
ފިދާދީ އާ އެކު ވިކްޓްރީ އަށް އައި ބަދަލު އެންމެ ބޮޑަށް ފާހަގަކުރެވުނީ ކަޕްވިނާސް ކަޕުގައި ނިއުއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ސީޒަން ހުޅުވި މެޗުން ނިއު އަތުން 4-0 އިން ބަލިވި ވިކްޓްރީ އެ ދުވަހު ނިއު އަތުން 5-1 އިން މޮޅުވި އެވެ. އޭގެ ތެރެއިން ދެ ލަނޑު ޖެހީ ފިދާދީ އެވެ. އޭގެ ފަހުން ހުއްރިއްޔާ އަތުން 3-2 އިން ވިކްޓްރީ މޮޅުވި މެޗުގައި ވެސް ލަނޑު ޖެހި އެވެ. ޕެނަލްޓީ ޖަހައިގެން 5-4 އިން ވެލެންސިއާ ބަލިކޮށް ވިކްޓްރީން ކަޕްވިނާސް ކަޕް އުފުލާލީ ފިދާދީގެ ބޮޑު ހިއްސާއަކާ އެކު އެވެ.
އޭގެ ފަހުން މާލޭ ލީގުގެ ޗެމްޕިއަންކަން ވިކްޓްރީ ހޯދީ ވެސް ފިދާދީގެ މޮޅު ކުޅުމާ އެކު އެވެ. އެ މުބާރާތުގައި ހުރިއްޔާ ކޮޅަށް ޖެހި ހަތަރު ގޯލާ އެކު ޖުމްލަ ހަ ގޯލް ޖެހި އެވެ. އޭގެ ފަހުން ދިވެހި ލީގުގައި ވޭމަންޑޫ އަތުން 10-0 އިން ވިކްޓްރީ މޮޅުވި މެޗުގައި ހެޓްރިކެއް ހެދި އެވެ. އަދި ހިންނަވަރު ހެސްޕަރެސް އަތުން 9-2 އިން ވިކްޓްރީ މޮޅުވި މެޗުގައި ދެ ގޯލް ޖެހި އެވެ.
އެކަމަކު މާގިނަ ދުވަސްތަކެއް ނުވެ، ރާއްޖޭގައި ފިދާދީ ދައްކަމުން ދިޔަ ޖާދޫގެ ޝޯ މެދުކަނޑާލައި، ކަޅު ފަރުދާ ދަމާލަން ޖެހުނެވެ. ހިތާމަވެރި ހާދިސާއަކާ ގުޅިގެންނެވެ. ސެޕްޓެމްބަރު 21، 2001 ގައި ދިވެހި ލީގުގައި ވިކްޓްރީ އާއި އައިއެފްސީ 1-1 އިން އެއްވަރުވި މެޗަށް ފަހު ހިނގި ބޮޑު މާރާމާރީގައި އޭނާ ބައިވެރިވި އެވެ.
އައްޑޫ ވިޔަފާރިވެރިންތަކެއް ގުޅިގެން އުފައްދާފައި އޮތް އައިއެފްސީ އާއި ވިކްޓްރީއާ އޮތް ވާދަވެރިކަމުގެ ތެރެއިން އެ މެޗު ނިންމާފައި ފިދާދީ، އައިއެފްސީގެ ބެންޗާ ދިމާލަށް ގޮސް އެ ޓީމުގެ އޮފިޝަލަކާ ދިމާލަށް ހުތުރު އެއްޗެއް ބުނެ ވައްތަރުތަކެއް ޖެއްސީ އެވެ. އެއާ އެކު އައިއެފްސީގެ ބެންޗުން ފިދާދީ ގަޔަށް އަރައިގަތެވެ. އަދި ވިކްޓްރީގެ ކުޅުންތެރިން އައިސް ހަމަލާދޭން ފެށި އެވެ. އެ ހިސާނުން ފެނިގެން ދިޔައީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު އެއް މާރާމާރީ އެވެ.
ފުލުހުން ފިދާދީ ހައްޔަރުކުރީ އެރޭ ރޭގަނޑު 11 ޖެހިއިރު އޭނާ ގޭގައި ހުއްޓަ އެވެ. އަންހެނުންނާއި ތުއްތު ދެ ކުދިން ގޮވައިގެން މާލެ އައިސް ހުއްޓާ އެގޮތަށް ބަންދުވާން ޖެހުމުން، އޭނާ ހައްޔަރުކުރި ވަގުތު ވަރަށް ރުޔެވެ. ފުލުހުން ފިދާދީ ހައްޔަރުކޮށްފައި ބެހެއްޓީ ފުލުސް އޮފީހުގައި ހުރި ކުޑަކުޑަ ގޮޅިއެއްގަ އެވެ. އެ ގޮޅި ތެރޭ ހުރި އެގްޒޯސްޓުން އެތެރެއަށް ވަންނަނީ ހޫނު ވަޔެެވެ.
ފިދާދީގެ ހާލު ބަލާލަން މާއްޓޭ ފުލުހަށް ދިޔައިރު ފެނުނީ، ގޮޅިތެރޭގައި ހުސް ގަޔާ، ތުވާއްޔަކުން ދާތައް ފޮހެލަ ފޮހެލަ، މާޔޫސްވެފައި ހުރި ކުޅުންތެރިޔެކެވެ. އޭނާ ހުރީ ނަފްސާނީ ގޮތުން ވަރަށް އަސަރުކޮށްފަ އެވެ. މާއްޓޭ ބުނި ގޮތުގައި އޭނާއާ މެދު ފުލުހުން އަމަލުކުރީ ދެރަވަރުކޮށެވެ. ދެ ދުވަހެއް ފަހުން ފުލުހުން އޭނާ ބަންދުން ދޫކޮށްލައި ރާއްޖޭން ޑީޕޯޓްކޮށްލި އެވެ.
އެ މާރާމާރީއާ ގުޅިގެން ވިކްޓްރީގެ ވަރަށް ގިނަ ކުޅުންތެރިން ޖަލަށް ލައި އަރުވާލި އެވެ. އޭގެ ސަބަބުން ޓީމު ނިކަމެތިވެ ދިވެހި ލީގު ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. އެކަމަކު ގައުމީ ފައިނަލުގައި ވެލެންސިއާ 2-1 އިން ބަލިކޮށް ވިކްޓްރީން އެ މުބާރާތް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ހޯދައި ތަށި މިލްކުކުރުމުގެ ފުރުސަތު ހޯދި އެވެ.
މާއްޓޭ ބުނި ގޮތުގައި ފަހުން ފިދާދީ ނެތަސް، އެ ކާމިޔާބީ އާއި ޖެހިގެން އައި އަހަރު ވިކްޓްރީން ގައުމީ ތަށި ދެ ވަނަ ފަހަރަށް މިލްކުކޮށް ތާރީހުގެ ތެރެއަށް ވަން ވަނުމުގައި އެންމެ ބޮޑު ހިއްސާއެއްވާ ކުޅުންތެރިޔަކީ ފިދާދީ އެވެ.
"އޭނާގެ ސަބަބުން ޓީމުގައި ވިނިން މެންޓަލިޓީއެއް އުފެދުނު. ތަށި ހޯދޭ ވަރުގެ ޓީމަކަށް އޭރުގެ ސްކޮޑް ބަދަލުކުރި ކުޅުންތެރިޔަކީ ފިދާދީ،" މާއްޓޭ ބުންޏެވެ.
"ވިކްޓްރީގެ އޭރުގެ ކާމިޔާބީގެ ބިންގަލަކީ ފިދާދީ."
ފިދާދީގެ ސަބަބުން، ވިކްޓްރީގެ އޭރުގެ ޒުވާން ކުޅުންތެރިން ކަމަށްވާ އިމްރާން މުހައްމަދާއި ސޮބާހު މުހައްމަދު އިބްރާހީމާއި އިސްމާއީލް މުހައްމަދު (އިއްސޭ) ފަދަ ކުޅުންތެރިންގެ ކުރިއެރުމަށް ބޮޑު ފައިދާއެއްވި ކަމަށް ވެސް މާއްޓޭ ބުންޏެވެ. އެ ތިން ކުޅުންތެރިންނަކީ، ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ މުހިއްމު ކުޅުންތެރިންނެވެ. އެހެންވެ ފިދާދީގެ ނުފޫޒު، ދިވެހި ފުޓްބޯޅަ އަށް ޒަމާންތަކެއް ވަންދެން ކުރި އެވެ.
އެހާތަނަށް ރާއްޖޭގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިޔަކީ 1994 ގައި ނިއު އަށް އަދި ފަހުން ވެލެންސިއާ އަށް ކުޅުނު ކޮންގޯގެ ޔޫތު ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުނު ޕެޓްރިކް ޗިކާޔާ އެވެ. ފިދާދީ އެ އަހަރު ދެއްކި ކުޅުމާ އެކު، އޭނާއާ ޗިކާޔާ އަޅާކިޔަން ފެށުނެވެ.
"ޗިކާޔާ އަކީ އިންޑިވިޖުއަލީ މޮޅު ކުޅުންތެރިއެއް. އެކަމަކު ފިފާދީ އަކީ ޓީމް ޕްލެޔަރެއް. މުޅި ޓީމު ލައްވާ އޭނާ ކުޅުވާ،" މާއްޓޭ ބުންޏެވެ.
އޭނާއާ އެކު ވިކްޓްރީ އަށް ކުޅުނު އަލީ ސުޒޭން ބުނީ، ސުވާލެއް ނެތް ގޮތުގައި ރާއްޖޭގައި ކުޅުނު އެންމެ މޮޅު ބޭރު ކުޅުންތެރިޔަކީ ފިދާދީ ކަމަށެވެ.
ވިކްޓްރީން ފިދާދީގެ ޑީޕޯޓް މުއްދަތު ހަމަވުމުން، 2005 ގައި އޭނާ އަލުން ގެނަ އެވެ. އެކަމަކު އޭރު ފިދާދީ ހުރީ އޮއްސިފަ އެވެ. ކުރީގެ ކުޅުމެއް ނުދެއްކުނެވެ.
މޮރޮކޯ ޓީމުން މި އަހަރުގެ ވޯލްޑް ކަޕުގައި ދައްކާ ކުޅުމާ އެކު ފިދާދީ މަތިން ވަރަށް ގިނަ ދިވެހިން ހަނދާން ވާނެ އެވެ. މާއްޓޭ ބުނި ގޮތުގައި، ގަތަރުގެ ކްލަބެއްގައި ކޯޗެއްގެ ގޮތުގައި މިހާރު މަސައްކަތްކުރާ ފިދާދީގެ ފަރާތުން އޭރު ފެނުނީ، މޮރޮކޯގެ މިހާރުގެ ކުޅުންތެރިންގެ ފަރާތުން ވެސް އެ ފެންނަ ވަރުގަދަ ކުޅުމެވެ.
"އެއީ އެ މީހުންގެ ކިބައިގައި ހުންނަ ގުދުރަތީ ކަމެއް،" މާއްޓޭ ބުންޏެވެ.