ސައުދީގެ އަގުބޮޑު ހުށަހެޅުމަށް ދީލާލަން އުޅޭ ވާހަކަ ރޮނާލްޑޯ ދޮގުކޮށްފި
ސައުދީގެ އަގުބޮޑު ހުށަހެޅުމަށް ދީލާލަން އުޅޭ ވާހަކަ ރޮނާލްޑޯ ދޮގުކޮށްފި

ދޯހާ (ޑިސެމްބަރު 8) - ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދަން ސައުދީ އަރަބިއްޔާގެ އައް ނަސްރު ފުޓްބޯޅަ ކްލަބުން ހުށަހެޅި ހުށަހެޅުން ގަބޫލު ކުރި ކަމަށް ދެކެވޭ ވާހަކަ ރޮނާލްޑޯ ދޮގުކޮށްފި އެވެ.

ސައުދީގެ އަގުބޮޑު ހުށަހެޅުމަށް ދީލާލަން އުޅޭ ވާހަކަ ރޮނާލްޑޯ ދޮގުކޮށްފި
ސައުދީގެ އަގުބޮޑު ހުށަހެޅުމަށް ދީލާލަން އުޅޭ ވާހަކަ ރޮނާލްޑޯ ދޮގުކޮށްފި

ރޮނާލްޑޯ ހޯދަން ސައުދީގެ އައް ނަސްރުން ވަނީ ދެ އަހަރާ ބައިގެ މުއްދަތަކަށް، އަހަރަކު 200 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރުމުން ދޭ ބޯނަހެއްގެ ގޮތުގައި 100 މިލިއަން ޔޫރޯ ވެސް ހުށަހަޅައިފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި އޭނާގެ އޭޖެންޓް ޖޯޖް މެންޑެސް ވަނީ އެއްބަސްވުމުގައި ހުރި ކަންކަމާ ނުރަސްމީކޮށް މަޝްވަރާކުރަން ފަށައިފަ އެވެ. އަދި ވޯލްޑް ކަޕްގެ ގަދަ 16 ގައި ސްވިޒަލެންޑާ ދެކޮޅަށް ޕޯޗުގަލް ކުޅުމުގެ އެއް ދުވަސް ކުރިން، އޭނާ ޖެނުއަރީ މަހުން ފެށިގެން އެ ކުލަބަށް ބަދަލުވާން ނިންމާފައި ވާކަމަށް ވެސް ސްޕެއިންގެ މާކާ އިން ރިޕޯޓް ކުރި އެވެ.

އެހެން ނަމަވެސް ރޮނާލްޑޯ ވަނީ އޭނާ އެ ކުލަބަށް ބަދަލުވާން ނިންމި ކަމަށް ކުރި ރިޕޯޓްތަކުގައި ހަގީގަތެއް ނެތް ކަން ހާމަ ކޮށްފަ އެވެ. މީގެ ކުރިން ވެސް ރޮނާލްޑޯ ވަނީ މިވަގުތު އޭނާގެ ހުރިހާ ފޯކަސް އެއް ހުރީ ވޯލްށް ކަޕަށް ކަން ހާމަ ކޮށްފަ އެވެ.

"ނޫން، އެއީ ހަގީގަތެއް ނޫން،" ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މީޑިއާ އިން އޭނާއާ ކުރިމަތިކުރި ސުވާލަށް ޖަވާބު ދެމުން ރޮނާލްޑޯ ބުންޏެވެ.

އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑްގައި މި ސީޒަންގައި ކުޅުމުގެ ފުރުސަތު ލިބުން މަދުވުމާ ގުޅިގެން އެކަމާ ރުޅިގަނޑު ފަޅައިގެން ގޮސް ރޮނާލްޑޯ ވަނީ ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އިނގިރޭސި ނޫސްވެރިޔާ ޕިއާސް މޯގަން އަށް އިންޓަވިއު އެއް ދީފަ އެވެ. މި އިންޓަވިއު ގައި އޭނާ ވަނީ ޔުނައިޓެޑާއި ޓީމުގެ ކޯޗު އެރިކް ޓެން ގަހް އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

މި އިންޓަވިއުއާ ގުޅިގެން ޔުނައިޓެޑާ އެކު ރޮނާލްޑޯ ހަދާފައިވާ ކޮންޓްރެކްޓް ވެސް ވަނީ ދާދި ފަހުން ދެ ފަރާތް އެއްބަސްވެގެން އުވާލައިފަ އެވެ. އެއްބަސްވުން އުވާލިކަން ޔުނައިޓެޑުން ހާމަ ކުރީ ވެސް ގަތަރުގައި ވޯލްޑް ކަޕް ފެށިގެން ކުރިއަށް ދަނިކޮށް، ޕޯޗުގަލްގެ ފުރަތަމަ މެޗު ކުޅުމުގެ ދެ ދުވަސް ކުރިންނެވެ.

މީގެ އިތުރުން ފުރަތަމަ މެޗުގައި ގާނާއާ ދެކޮޅަށް ކުޅުނު ދުވަހު އިނގިރޭސި އެފްއޭ އިން ވެސް ވަނީ މިދިޔަ ސީޒަން ގައި ޔުނައިޓެޑާއި އެވަޓަން ކުޅުނު ލީގު މެޗަށް ފަހު އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ހަލާކު ކޮށްލި މައްސަލައާ ގުޅިގެން އޭނާ އަށް ސަސްޕެންޝަނަކާއި އެކު ޖޫރިމަނާކޮށް އަދަބުު ދީފަ އެވެ. މިއީ އޭގެ ކުރިން ވެސް ރޮނާލްޑޯ އެކަމާ މާފަށް އެދި، އޭނާ އަށް އަދަބު ދީފައިވާ މައްސަލައެކެވެ.

ވޯލްޑް ކަޕްގެ ގަދަ 16 ގައި ޕޯޗުގަލް އިން ސްވިޒަލެންޑް 6-1 އިން ބަލިކުރި މެޗުގައި ރޮނާލްޑޯ ފެށީ ބެންޗުންނެވެ. ރޮނާލްޑޯގެ ބަދަލުގައި، ގައުމީ ޓީމުގެ ފުރަތަމަ 11 އިން މުޅިން އަލަށް ޖާގަ ހޯދި ގޮންކާލޯ ރާމޯސް ވަނީ އެ މެޗުގައި ތިން ގޯލު ޖަހައި ހެޓްރިކް ހަދައިފަ އެވެ. އެ މެޗުގައި ރޮނާލްޑޯ ކުޅެން އެރުވީ 74 ވަނަ މިނިޓުގަ އެވެ.

ސްވިޒަލެންޑާ ދެކޮޅަށް ރޮނާލްޑޯ ބެންޗުން ފެށީ، ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ބަދަލު ކުރުމާ ގުޅިގެން ހިނގާދިޔަ ހިތްހަމަ ނުޖެހުންތަކާ ގުޅިގެން ކަމަށް ގިނަ ބަޔަކަށް ހީކުރެވުނެވެ. ނަމަވެސް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ އެ މައްސަލަ ހައްލު ކުރެވިފައި ވާކަން، ސްވިޒަލެންޑާ ދެކޮޅަށް ކުޅުމުގެ ކުރިން މީޑިއާގައި ހާމަ ކޮށްފަ އެވެ. އަދި މެޗަށް ފަހު ވެސް އޭނާ ބުނެފައި ވަނީ ރޮނާލްޑޯ އަކީ އަދިވެސް ގައުމީ ޓީމުގައި "ވަރަށް މުހިއްމު ކުޅުންތެރިއެއް" ކަމަށެވެ.

"އަހަރެން ވަރަށް ގާތް ގުޅުމެއް އޮވޭ [ރޮނާލްޑޯ އާއެކު]. އޭނާގެ އުމުރުން 19 އަހަރުގައި ސްޕޯޓިން އަށް ކުޅެން ފެށީއްސުރެއް އަހަރެން އޭނާ ދަންނަން، އަދި 2014 ވަނަ އަހަރު އަހަރެން ގައުމީ ޓީމާ ގުޅުނު ހިސާބުން އެ ގުޅުން އިތުރަށް ތަރައްގީ ވާން ފެށި،" ސަންޓޯސް މީޑިއާގައި ވާހަކަ ދައްކަމުން ބުންޏެވެ.

"ރޮނާލްޑޯ އާއި އަހަރެންނާ ދެމެދު އޮންނަ ކުޅުންތެރިޔާ އާއި މެނޭޖަރުގެ ގުޅުމަކަށް އެއްގޮތަކަށް ވެސް ބުރޫއެއް ނާރާ. އަހަރެން އަބަދުވެސް ދެކޭނީ އޭނާއަކީ ގައުމީ ޓީމުގައި ހުރުން ވަރަށް މުހިއްމު ކުޅުންތެރިއެއްގެ ގޮތުގައި."

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ގައި ޕޯޗުގަލް ކުޅެން ޖެހޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8 ޖަހާއިރު، މޮރޮކޯއާ ދެކޮޅަށެވެ.