ނުކެވޭތީ ބެލިއިރު ބަނޑުގައި ތިން ކިލޯ އިސްތަށި
ނުކެވޭތީ ބެލިއިރު ބަނޑުގައި ތިން ކިލޯ އިސްތަށި

ހަށިގަނޑުގެ ބައިތަކުގެ ތެރެއިން އެންމެ އާންމުކޮށް ކައި އުޅެނީ ނިޔަފައްޗެވެ. ނަމަވެސް ޗައިނާގެ 14 އަހަރުގެ އަންހެން ކުއްޖަކު ތިން ކިލޯ އިސްތަށި ކައިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހިއްޖެ އެވެ.

ޗައިނާގެ ޝާންޒި ޕްރޮވިންސްގައި ކާފަ އާއި މާމަގެ ބެލުމުގެ ދަށުގައި އުޅޭ މި ކުއްޖާ އަކީ ބޮލުގައި ހުންނަ އިސްތަށި އުފުރައިގެން ކާ ކުއްޖެކެވެ.

ހޮސްޕިޓަލުން ފަރުވާ ދިން ޑޮކްޓަރު ޝީ ވިދާޅުވެފައިވާ ގޮތުގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެނައީ އެއްވެސް އެއްޗެއް ނުކެވޭތީ އެވެ. އަދި ޓެސްކޮށް ބެލުމުން ބަނޑުތެރޭ ގައި މައްސަލައެއް އުޅޭތީ އެޑޯސްކޯޕީ ހެދުމުން ބަނޑުން ތިން ކިލޯގެ އިސްތަށި ނެގުނެވެ.

ޑޮކްޓަރުން ލަފާ ކުރައްވާ ގޮތުގައި އެއީ އެކި ދުވަސް މަތިން ބޮލުން އުފުރައިގެން ކައިފައި ހުރި އިސްތައްޓެވެ. ކުއްޖާގެ ބޮލުގައި ވެސް އިސްތަށި ހުރީ ވަރަށްބޮޑަށް ތުނިވެފަ އެވެ.

ޑރ ޝީ ވިދާޅުވި ގޮތުގައި އެ ކުއްޖާ އަކީ ނަފްސާނީ ބައްޔެއް ކަމަށްވާ ޕިކާ ހުރި ކުއްޖެކެވެ.

މިބަލީގައި އާދަޔާ ހިލާފު އެއްޗެހި ކާން ބޭނުންވެ އެވެ. އޭގެ ތެރޭގައި ކްލޭ، ކަރުދާސް، ޗަކަ ފަދަ ކާން ނުވާ އަދި ހަށިގަނޑަށް ގެއްލުން ލިބޭ ގިނަ ބާވަތްތައް ހިމެނެ އެވެ.

ޗައިނާގެ ރަށްފުށު ހިސާބުގައި ކުޑަކުދިން އެކި މީހުންނާ ހަވާލުކޮށްފައި އެކުދިން ގެ މައިންބަފައިން ދުރު ހިސާބުތަކަށް މަސައްކަތް ކުރަން ދިއުމަކީ ވަރަށް އާންމު ކަމެކެވެ. އެފަދަ ކުދިންނާ ހަވާލުވާ އުމުރުން ދުވަސްވީ މީހުންނަށް ގިނަފަހަރު މާބޮޑު އަޅާލުމެއް ނުދެވޭތީ މިފަދަ ކަންކަމާ ދިމާވެ އެވެ. ޗައިނާގެ ކިޔަވާ އުމުރުގެ 13 މިލިއަން ކުދިންނަކީ މިފަދަ ކުދިންނެވެ.