08 ޑިސެމްބަރ 2022 - 06:43

ފީފާ ވޯލްޑް ކަޕްގެ ތަށި ދައްކާލުމުގެ ޝަރަފު ބޮލީވުޑްގެ ތަރި ދިޕިކާ ޕަދުކޯން އަށް ލިބިއްޖެ އެވެ.
މީގެ ކުރިން އިންޑިއާ މީހަކަށް ލިބިފައި ނެތް މި ޝަރަފް ލިބުމުން ދީޕިކާ މިހާރު ތައްޔާރުވަމުން އަންނަނީ ޑިސެމްބަރު 18 ގައި ކުޅޭ ފައިނަލް މެޗުގެ ކުރިން މި ތަށި ދައްކާލާ ހަފްލާއަށް ގަތަރަށް ދިއުމަށެވެ.
ދީޕިކާ އަކީ މި އަހަރު ކާންސް ފިލްމް ފެސްޓިވަލްގައި ވެސް އިންޑިއާ ތަމްސީލުކުރި ފަންނާނެވެ.
ދީޕިކާ މިހާރު ހުރީ ދާދިފަހުން ޝާހްރުކްހާނާ އެކު ލީޑްރޯލް ކުޅުނު އެކްޝަން ފިލްމް ޕަތާންގެ މަސައްކަތް ނިންމާލައިގެންނެވެ. ޕަތާން އަކީ ޔާޝްރާޖް ފިލްމްގެ 50 ވަނަ އަހަރީ ދުވަހާ ދިމާކޮށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމް ސިނަމާތަކުގައި އަޅުވާނީ ޖެނުއަރީ 25ގަ އެވެ.
މީގެ އިތުރުން ދީޕިކާ ފެންނާނެ އަނެއް ފިލްމަކީ އަމީތާބް ބައްޗަން އަދި ޕްރަބާސް މުހިންމު ރޯލެއް އަދާ ކުރާ ޕްރޮޖެކްޓް ކޭ އިންނެވެ. އަދި ދިޕިކާގެ ފިރިމީހާ ރަންވީރްގެ ފިލްމް ސިރްކަސްގައި ވެސް އޭނާގެ ހާއްސަ ފެނިލުމެއް ހިމަނާފައިވެ އެވެ.