ސިފައިންގެ ފްލެޓްތައް އަންނަ އަހަރު ނިންމައި ހަވާލުކުރެވޭނެ: މިނިސްޓަރު
ސިފައިންގެ ފްލެޓްތައް އަންނަ އަހަރު ނިންމައި ހަވާލުކުރެވޭނެ: މިނިސްޓަރު

ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ "ސިފްކޯ ހިޔާ" ފްލެޓުތަކުގެ މަސައްކަތްތައް އަންނަ އަހަަރުގެ އޭޕްރީލް މަހު ނިންމައި، ސިފައިންނާ ހަވާލުކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ ކަނޑުގެ ފްލީޓަށް ގެނައި އާ އުޅަނދުތައް ބޭނުންކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ފާހަގަކުރާ ސިފައިންގެ އަހަރީ ދުވަހުގެ ކުރިން އެ ފްލެޓުތަކުގެ މަސައްކަތް ނިންމައި ސިފައިންނާ ހަވާލުކުރާނެ ކަމަށް ސިފައިންގެ އިންޖިނިއަރުން ބުނެފައިވާ ކަމަށެވެ.

ސިފައިންގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް 21 އެވެ.

އާދަމް ފާހަގަކުރެއްވި ގޮތުގައި ފްލެޓްތަކުގެ މަސައްކަތްތައް މިހާރު ވެސް ހަލުވި ދުވެއްޔެއްގައި ކުރިއަށް އެބަގެންދެ އެވެ.

މިނިސްޓަރު ވިދާޅުވީ ސިފްކޯ ފްލެޓުގެ ޓަވަރު އޭ އަދި ބީގެ ފުރަތަމަ ބުރީގެ މަސައްކަތްތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

ސިފްކޯ ހިޔާގައި ހިމެނެނީ 330 ފްލެޓެވެ. އެއީ ތިން ޓަވަރު ހިމެނޭ ގޮތަށް ހަދާ ފްލެޓެކެވެ.

ސިފައިންގެ ފްލެޓުގެ މަސައްކަތްތައް ފަށާފައި ވަނީ ސެޕްޓެމްބަރު 2، 2013 ގަ އެވެ. އެ މަސައްކަތް ޑިފެންސް މިނިސްޓްރީން އޭރު ހަވާލުކުރީ ނޫމަޑި ރިސޯޓު އެންޑް ރެޒިޑެންސްއާ އެވެ. ނަމަވެސް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދިއުމާއި ފްލެޓުތަކުގެ މަސައްކަތް ދިގުދެމިގެން ދާތީ، އެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ އެވެ. އޭގެ ފަހުން އެ މަސައްކަތް އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކާ މިދިޔަ އަހަރު ވަނީ ހަވާލުކޮށްފަ އެވެ.