07 ޑިސެމްބަރ 2022 - 22:00

ޔެސްޓީވީ، ވޯލްޑް ކަޕް ކަވަރޭޖްގެ ރޭގެ ޝޯގައި، އެނަލިސްޓް އަދި ކުރީގެ ގޯލްކީޕަރު އިސްމާއިލް ޒަރިޔަންދު ދެއްކި ވާހަކަ ބަލަމުން އަންނަ ކަމަށާއި، މައްސަލައެއް އޮތްނަމަ ފިޔަވަޅު އަޅާނެ ކަމަށް ޔެސްޓީވީ ހިންގާ ޕީއެސްއެމް އިން ބުނެފި އެވެ.
ޕެނަލްޓީ ޖަހައިގެން ސްޕެއިން އަތުން 3-0 އިން މޮރޮކޯ މޮޅުވި މެޗަށް ފަހު އެނަލައިލިސް ދެމުން، ބާސެލޯނާގެ އެ ދެ ކުޅުންތެރިންގެ ނަން ކިޔުމުގެ ބަދަލުގައި ޒަރިޔަންދު ބުނީ "ހަން ކަޅު ދެ ކުޅުންތެރިން އަރުވައިގެން ވެސް ފައިދާއެއް ނުކުރި" ކަމަށެވެ. ސްޕެއިން ސްކޮޑުން ކަޅު ނަސްލަށް ނިިސްބަތްވާ ހަމައެކަނި ދެ ކުޅުންތެރިންނާ ބެހޭގޮތުން ޒަރިޔަންދު ދެއްކި އެ ވާހަކަ ހޫނުވީ، ރޭ މެންދަމު އެ ވީޑިއޯ މީހަކު ޓްވިޓާއަށް ލުމުންނެވެ.
ޒަރިޔަންދުގެ އެ ވާހަަކައަކީ ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދިނުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުންނާއި ކުޅިވަރު ސަޕޯޓަރުންގެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ޕީއެސްއެމްގެ ސްޕޯޓްސް ކަވަރޭޖް ހެޑް ހުސައިން ފަރިޔާޒް "މިހާރު" އަށް ވިދާޅުވީ ޕީއެސްއެމް އަކީ ގާނޫނެއްގެ ދަށުން ހިންގަމުންދާ ތަނެއް ކަމަށާއި އެ ތަނުގެ އެއްވެސް ޗެނަލެއްގައި މީހަކު، ދައްކަން ނުޖެހޭ ވާހަކައެއް ދައްކައިފިނަމަ އެ މައްސަލައެއް ބަލާނެ ކަމަށެވެ.
"އެހެންވީމަ ފިޔަވަޅެއް އަޅަން ޖެހޭވަރު މައްސަލައެއް ފާހަގަ ކުރެވެންޏާ އެ ފިޔަވަޅެއް އަޅާނެ. އެއީ އޮޓޮމެޓިކުން މިތަނުގަ އިންނަ ސިސްޓަމުންވާ ކަމެއް، ކަމެއް ގޯސްކޮށް ކުރީމަ އެކަން ކުރި މީހަކާ ދޭތެރޭ އެ ފިޔަވަޅު އަޅާނެ. އަދި އެ މީހަކަށް ވެސް އެކަން އަންގާނެ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ ކުރިއަށް ހުރި އެ ޗެނަލްގެ ޝޯތަކަށް، ޒަރިޔަންދު އެރުވުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.
ޒަރިޔަންދު މިއަދު "މިހާރަ"ށް ބުނީ ހަމުގެ ކަޅު ދެ ކުޅުންތެރިންނޭ ބުނީ ފުރައްސާކުރަން ނުވަތަ ދެރަކޮށްލަން ނޫން ކަމަށެވެ.
"އަޅުގަނޑަކީ ކުޅުންތެރިން ކިޔައިދޭ އިރު ވަރަށް ބޮޑަށް ޑިސްކްރައިބް ކުރާ މީހެއް. އެހެންވެ އެ ވަގުތު އެ ދެ ކުޅުންތެރިންގެ ނަން ކިޔުމަށް ވުރެ ފަސޭހައިން ނަގައިގަނޭވީ ކަޅު ދެ ކުޅުންތެރިންނޭ ބުނުމުން ކަމަށްވާތީ އެހެން ބުނެލީ،"