12 ޖެނުއަރީ 2017 - 19:33

ފިނޭންސް މިނިސްޓްރީން އުވާލަން ނިންމާފައިވާ މަގާމުތަކުގައި ތިބި މުވައްޒަފުން ބަދަލުވާން ބޭނުންވާ އޮފީސްތައް ބެލުމަށް އެ މުވައްޒަފުންނާ އެކު މިއަދު އިންޓަވިއު ފަށައިފި އެވެ.
ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އެހެން އިދާރާތަކަށް ބަދަލުކުރަން ނިންމާފައިވާ މުވައްޒަފުުންނާ ބައްދަލުކުރައްވައި، އިންޓަވިއު ޕްރޮސެސް ކުރިއަށް ގެންދަވަނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި އެކްޓިން ޕާމަނަންޓް ސެކްރެޓަރީ އަހުމަދު މާޒިން އެވެ.
ފިނޭންސުން އެހެން އޮފީސްތަކަށް 45 މުވައްޒަފަކު ބަދަލުކުރަން ނިންމާފައިވާއިރު، 10 ވަރަކަށް މުވައްޒަފުންނާ މިނިސްޓަރު މުނައްވަރު މިއަދު ބައްދަލުކުރެއްވި ކަމަށް ވެ އެވެ.
އޭގެ ތެރެއިން އެއް މުވައްޒަފަކު "މިހާރު" އަށް ބުނީ މިނިސްޓަރު އިންޓަވިއު ކުރިއަށް ގެންދެވީ، ވަރަށް އެކުވެރި، އަދި މުވައްޒަފުން ދާން ބޭނުންވާ އޮފީހެއް އެ މުވައްޒަފަކު އަމިއްލަ އަށް ކަނޑައެޅުމަށް އިސްކަން ދެއްވައިގެން ކަމަށެވެ.
"މިނިސްޓަރު ފުރަތަމަ ވެސް ވިދާޅުވީ ދާން ބޭނުންވާ އޮފީހެއް ބުނާށޭ. ދާން ބޭނުންވާ އޮފީހެއްގައި މަގާމު ނެތަސް އެ މަގާމެއް އުފައްދާފައި ވެސް އެ އޮފީހަކަށް ބަދަލުކޮށްދެއްވާނަމޭ. މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތައް ވެސް ލިބޭނެއޭ،" އޭނާ ކިޔައިދިނެވެ.
"މިނިސްޓަރު ވިދާޅުވީ މުވައްޒަފުން ބަދަލުކުރުމުގެ ކަންތައް ކުރިއަށް ގެންދާނީ ސީދާ ތިމަންނަގެ ބެލުމުގެ ދަށުންނޭ. އެހެން މީހަކު މިކަމުގެ ތެރޭގައި ނޫޅޭނެއޭ."
ފިނޭންސް މިނިސްޓްރީގެ އޮނިގަނޑަށް މި ގެންނަ ބަދަލުގެ ދަށުން އެ މިނިސްޓްރީން ދޫކޮށްލާ މުވައްޒަފުންގެ ތެރެއިން، ސަރުކާރުގެ އެހެން އިދާރާއަކަށް ދާން ބޭނުންވާ މީހުން މި މަހުގެ ނިޔަލަށް އެ ތަނެއް މިނިސްޓަރަށް އަންގަންޖެހެ އެވެ.
"މަގާމު ހުސްކޮށް ހުރި އޮފީސްތަކުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީ އާއި ހައުސިން އާއި ފޮރިން އާއި ޓޫރިޒަމްގެ ނަން މިނިސްޓަރު ވިދާޅުވި. އެއިން ކޮންމެ ތަނަކަށް ވެސް ދެވޭ ގޮތަށް އޮތް ކަމަށް ވިދާޅުވީ،" އިންޓަވިއު ޕްރޮސެސް ކުރިއަށް ގެންދިޔަ ގޮތް "މިހާރު" އާ ހިއްސާކުރި މުވައްޒަފު ބުންޏެވެ.
އޭނާ ބުނީ އިންޓަވިއު ކުރިއަށް ގެންދެވި ގޮތާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.
"މިނިސްޓަރު ވިދާޅުވީ މިއީ ފިނޭންސުން ވަކިކުރަނީއެއް ނޫނޭ. އޮނިގަނޑަށް ގެންނަ ބަދަލުގެ ތެރެއިން އެހެން އޮފީހަކަށް ބަދަލުކުރަނީއޭ. ބޭރު ތެރޭގައި ކިޔާ ގޮތަކަށް ނޫނޭ ކަންތައް ދާނީ،" އޭނާ ބުންޏެވެ.
ފިނޭންސުން ބުނެފައިވާ ގޮތުގައި، އާ އޮނިގަނޑު އެކުލަވާލާފައި ވަނީ އެ އޮފީހުގެ ހިއުމަން ރިސޯސް އޮޑިޓެއް ހެދުމަށް ފަހުގަ އެވެ. އަދި އޭގެ ކުރިން ފިނޭންސުން މުވައްޒަފުން މަދުކުރާ ގުޅޭ ގޮތުން އެކިއެކި މުއައްސަސާތަކާ އެކު މަޝްވަރާކޮށް، ބައްދަލުވުންތަކެއް ބޭއްވި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
އާ އޮނިގަނޑުގެ ދަށުން މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ފިނޭންސުން މިހާރު ވަނީ އެކުލަވާލައިފަ އެވެ. އެ އުސޫލުގެ ދަށުން 45 މަގާމެއް އުވާލަން ނިންމާފައިވެ އެވެ. އެެހެންވެ، އެ މަގާމުތަކުގައި ތިބި މުވައްޒަފުން އެހެން އޮފީސްތަކަށް ބަދަލުވާން، ފިނޭންސުން އިސް ނަގައިގެން ސިވިލް ސާވިސް ކޮމިޝަނާ އެކު މަސައްކަތް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން މިދިޔަ މަހު ބުންޏެވެ.
ފިނޭންސުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ އޮނިގަނޑު މިހާރު ވަނީ އެކުލަވާލައި ނިންމައިފަ އެވެ. އެ އޮނިގަނޑު އެކުލަވާލީ، އެ މިނިސްޓްރީން ބުނި ގޮތުގައި، އެ އޮފީހުގެ ހިއުމަން ރިސޯސް އޮޑިޓެއް ހަދައި މަގާމުތައް މަދުކުރުމާ ބެހޭ ގޮތުން އެކި މުއައްސަސާތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ފަހު އެވެ.