އައްޑޫ ޝަރީފާ ދެކޮޅަށް ނަޝީދު ހުށަހެޅުއްވި އަބުރުގެ ދައުވާ ކޯޓުން ބަލައިގެންފި
އައްޑޫ ޝަރީފާ ދެކޮޅަށް ނަޝީދު ހުށަހެޅުއްވި އަބުރުގެ ދައުވާ ކޯޓުން ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް)އާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ އަބުރުގެ ދައުވާ ބަލައިގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

ޝަރީީފާ ދެކޮޅަށް ނަޝީދު އަބުރުގެ ދައުވާ ކުރައްވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ނަޝީދު 50 މީހަކު މަރާލަން ރޭވި ކަމަށް ބުނެ ކުރި ޓްވީޓަކާ ގުޅިގެންނެވެ.

ސިވިލް ކޯޓަށް ހުށަހެޅުއްވި ދައުވާގައި ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފައި އޮތީ އަބުރަށް އަރައިގަތުމުގެ ބަދަލެއްގެ ގޮތުން ޝަރީފް އަތުން ދިހަ މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

އެ ދައުވާ އެ ކޯޓުގައި ރަޖިސްޓްރީކުރިކަން އަންގައި ސިވިލް ކޯޓުން ނަޝީދަށް ލިޔުން ފޮނުވީ އިއްޔެ އެވެ.

ނަޝީދުގެ ފަރާތުން ކޯޓަށް އެ މައްސަލަ ހުށަހެޅި ލިޓިޖެންޓްސް ލޯފާމްގެ ބަޔާނުގައި ބުނީ، ޝަރީފް ކުރެއްވި ޓުވީޓަކުން ނަޝީދުގެ އަބުރާ ބެހި އަބުރަށް ގެއްލުން ދީފައިވާ ކަމަށާއި އަބުރަށް އަރައިގަތުމުގެ އަމަލެއް ޝަރީފް ހިންގެވިކަން ކަނޑައަޅައިދޭން އެދިފައިވާނެ ކަމަށެވެ.

ޝަރީފްގެ ޓުވީޓުގައި ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލަން 50 މީހަކު މަރާލައި މަރުގެ ތުހުމަތު މައުމޫންގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވި ކަމަށެވެ. އެ އަނިޔާވެރި އަމަލު ހުއްޓުވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދު 50 މީހުން މަރަން އުޅުއްވީ ނޫސްވެރިންގެ ގޮތުގައި ކުލީ ސިފައިންގެ ބަޔަކު ރާއްޖެ ގެނެސްގެން އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން ކަމަށް ވެސް ޝަރީފު ތުހުމަތު ކުރައްވާފައިވެ އެވެ.

އެ ތުހުމަތުތައް ނަޝީދުގެ ފަރާތުން ވަނީ ދޮގުކޮށްފަ އެވެ.

ނަޝީދަށް ތުހުމަތުކޮށް ޝަރީފް ޓްވީޓު ކުރެއްވި އިރު، އެމްޑީޕީގެ ތެރޭގައި ނަޝީދަށް ތާއީދު ކުރާ ފެކްޝަނަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ ފެކްޝަންގެ ބޮޑު ކޯޅުމެއް ދަނީ ހިނގަމުންނެވެ. ޝަރީފަކީ ރައްޔިތުންގެ މަޖިލީހުގައި ވެސް ނަޝީދަށް ފާޑުވިދާވެ ވާހަކަ ދައްކަވާ ބޭފުޅެކެވެ.