07 ޑިސެމްބަރ 2022 - 14:23

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރި މީހުންގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ބާއްވާ އިނާމު ދިިނުމުގެ ޖަލްސާ އަންނަ އަހަރަށް ފަސްކޮށްފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރި މީހުންގެ ތެރެއިން މި އަހަރު އެ އިނާމު ދިނުމަށް ކަނޑައެޅި މީހުންނަށް އިނާމު ދިނުމަށް ބާއްވާ ޖަލްސާ އޮންނާނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ ކަމަށެވެ.
ކުރިން އެ ޖަލްސާ ބާއްވާ ގޮތަށް އޮތީ މި މަހު އެވެ.
ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ ޝަރަފުގެ ބެޖަކާއި އައްޑަނައަކާ އަދި ހަނދާނީ ލިޔުމެކެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މި އަހަރު އެ އިނާމަށް 110 މީހަކު ނަން ހުށަހެޅި އެވެ.
ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަކީ 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާ އެކު ކޮށްފައިވާ ހިދުމަތްތަކަށާއި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިދިޔަ އަހަރު ދޭން ފެށި އިނާމެކެވެ.