ކިޑްނީގެ ވަގު ވިޔަފާރީގެ ބޮޑު މީހާ އަތުލައިގެންފި
ކިޑްނީގެ ވަގު ވިޔަފާރީގެ ބޮޑު މީހާ އަތުލައިގެންފި

ކަލްކަތާ (ޖޫން 9) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މަޝްހޫރު އަމިއްލަ ހޮސްޕިޓަލަކުން ކުރަމުން ދިޔަ ކިޑްނީގެ ބޮޑު ވަގު ވިޔަފާރީގައި އިސްކޮށް ހުރި މީހާ އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކިޑްނީގެ ވަގު ވިޔަފާރީގެ ބޮޑު މީހާ އަތުލައިގެންފި
ކިޑްނީގެ ވަގު ވިޔަފާރީގެ ބޮޑު މީހާ އަތުލައިގެންފި

ގޭންގެއް މެދުވެރިކޮށް މީހުން އަތުން ކިޑްނީ ހޯދުމަށް ފަހު ބޮޑު އަގުގައި އެހެން މީހުންނަށް ކިޑްނީ ވިއްކަމުން ދިޔަ ރާޖުކުމާރު ރާއޯ ނަމަކަށް ކިޔާ މީހާ ހައްޔަރުކޮށްފައި ހުރީ އިރުމަތީގެ ކަލްކަތާގަ އެވެ. އޭނާ ވަނީ ބުދަ ދުވަހު ކޯޓަށް ހާޒިރުކޮށްފަ އެވެ.

ދިއްލީގައި ހިންގާ އެޕޯލޯ ހޮސްޕިޓަލުން ކުރަމުން ދިޔަ ކަމަށް ބުނާ ކިޑްނީގެ ވަގު ވިޔަފާރިއާ ގުޅިގެން މިހާތަނަށް ވަނީ އަށް މީހަކު ހައްޔަރުކޮށްފަ އެވެ. މީގެ ތެރޭގައި ހޮސްޕިޓަލުގެ ފަސް މުވައްޒަފަކު ވެސް ހިމެނެ އެވެ.

ދިއްލީގެ އެޕޯލޯ ހޮސްޕިޓަލުން ބުނީ މިއީ ހޮސްޕިޓަލާ ގުޅުން އޮތް ކަމެއް ނޫން ކަމަށާއި ހޮސްޕިޓަލުގެ ނަން ބޭނުންކޮށްގެން ބަޔަކު ހިންގަމުން ދިޔަ ބޮޑު ޖަރީމާއެއް ކަމަށެވެ. ހޮސްޕިޓަލުން ތުހުމަތު ކުރަނީ މިއީ ޑޮކްޓަރުންނަށް ވެސް އޮޅުވާލުމަށް ގޭންގަކަށް ނިސްބަތްވާ ބަޔަކު ފޭކް ލިޔުންތަކެއް ބޭނުންކޮށްގެން ކުރަމުންދާ ކަމެއް ކަމަށެވެ. ހޮސްޕިޓަލުން ވަނީ ގުނަވަން ބަދަލު ކުރުމާ ބެހޭ ގޮތުން މިހާރު އޮންނަ ނިޒާމް ހަރުދަނާ ކުރުމަށް ޕެނަލެއް ވެސް އުފައްދައިފަ އެވެ.

"ބަލި މީހުންނާއި ޑޮކްޓަރުންނަށް ވެސް އޮޅުވާލުމަށް ބަޔަކު ހިންގަމުން ގެންދިޔަ މަކަރުވެރި އަމަލުތަކެއްގެ ޝިކާރައަކަށް އެންމެ ފަހުން މި ހޮސްޕިޓަލް ވެސް މި ވަނީވެފައި،" އެޕޯލޯ ހޮސްޕިޓަލުން ބުންޏެވެ.

ކިޑްނީ ވިއްކަން އުޅުނު ތިން މީހަކު ފުލުހުން ވަނީ އަންގާރަ ދުވަހު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ދެމަފިރިއަކު ވެސް ހިމެނެ އެވެ. އެ މީހުން ކިޑްނީ ވިއްކަން އުޅުނީ ލޯނެއް ދައްކާށެވެ. ކިޑްނީއެއް އާއްމުކޮށް ވިއްކަނީ 7،500 ޑޮލަރަށް ކަމަށްވެ އެވެ. އެކަމަކު ކިޑްނީގެ ވަގު ވިޔަފާރި ކުރާ މީހުން މި އަގަށް ކިޑްނީ ގަތުމަށް ފަހު އެ މީހުން ވިއްކަނީ މާ ބޮޑު އަގުގަ އެވެ.

ކިޑްނީ ހޯދަން ދަތިވުމުން އިންޑިއާގައި ކިޑްނީގެ ކަޅު ބާޒާރެއް ވަނީ އުފެދިފަ އެވެ.