ވިލާ ކޮލެޖްގެ ހަތް ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ވިލާ ކޮލެޖްގެ ހަތް ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ވިލާ ކޮލެޖުގެ އަންނަ އަހަރުގެ ސްކޮލަޝިޕް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކޮލެޖުން ސްކޮލާޝިޕުގެ ފުރުސަތު ތިން ކެޓަގަރީއަކުން ހުޅުވާލާފައި ވާއިރު، ޖުމްލަ 7 ސްކޮލާޝިޕް ފުރުސަތެއް ދޭން ވަނީ ނިންމައިފަ އެވެ. އެ ސްކޮލާޝިޕަށް ކުރިމަތި ލެވޭނީ އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކުގައި ކިޔަވާ ދަރިވަރުންނަށެވެ. އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ސްކޮލަޝިޕަށް އެދި ހުށަހެޅޭނެ އެވެ.

ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލީ އޯޕަން ސްކޮލަޝިޕާއި، ވިލާ ކޮލެޖް/ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ސްކޮލަޝިޕާއި ވިލާ ކޮލެޖު އެލަމްނައި ސްކޮލަޝިޕް ކެޓަގަރީންނެވެ.

ވިލާ ކޮލެޖުން ހުޅުވާލި އޯޕަން ސްކޮލާޝިޕް ކެޓަގަރީއިން ތިން ސްކޮލަޝިޕެއްގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެއީ ފައުންޑޭޝަނާއި ޑިގްރީ އަދި މާސްޓާސްގެ ކޮންމެ ޕްރޮގްރާމަކުން ވެސް އެއް ފުރުސަތެވެ.

އެ ކޮލެޖުން ބުނި ގޮތުގައި، އެ ދާއިރާތަކުގެ ކޯސްތަކަށް ޝަރުތު ހަމަވާ ކޮންމެ ދިވެހި ދަރިވަރަކަށް ވެސް އެ ސްކޮލާޝިޕަށް އެޕްލައި ކުރެވޭނެ އެވެ. އަދި ފުރުސަތު ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ތައުލީމީ ނަތީޖާއަށް ކަމަށް ވެސް ބުންޏެވެ.

ވިލާ ކޮލެޖު/ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ކެޓަގަރީން ހުޅުވާލާފައި ވަނީ ސްކޮލާޝިޕްގެ ދެ ފުރުސަތެކެވެ. އެ ސްކޮލާޝިޕަކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭ ލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ވިލާ ކޮލެޖުގައި ޑިގްރީ ހަދަން ދޭ ފުރުސަތަކެވެ. ވިލާކޮލެޖުން ބުނި ގޮތުގައި މި ދާއިރާއިން ސްކޮލަޝިޕަށް ކުރިމަތިލެވޭނީ ވިލާ ހައި ސްކޫލުން އޭ ލެވެލް ނިންމިތާ ގިނަވެގެން ދެ އަހަރު ނުވާ ދަރިވަރުންނަށެވެ.

ވިލާ ކޮލެޖުގެ އެލަމްނައި ސްކޮލާޝިޕުން ހުޅުވާލާފައި ވަނީ ޑިގްރީގެ އެއް ފުރުސަތާއި މާސްޓާސްގެ އެއް ފުރުސަތެވެ. އެ ފުރުސަތަކީ ވިލާ ކޮލެޖުން ކިޔެވުން ނިންމި ދަރިވަރުންނަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

ވިލާ ކޮލެޖުން ބުނި ގޮތުގައި އަތޮޅުތެރޭގެ ކެމްޕަސްތަކުން، ރަށު ކައުންސިލްތަކާ ގުޅިގެން، ކެމްޕަސްތަކުގައި ކިޔެވުމަށް ހާއްސަ ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ސްކޮލަޝިޕަކީ ކެމްޕަސްތަކުގައި ތިބި ދަރިވަރުންގެ އަދަދަށް ބެލުމަށް ފަހު ދޭ ސްކޮލަޝިޕުތަކެއް ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.

އެ ކޮލެޖުން ބުނި ގޮތުގައި، ސްކޮލާޝިޕަށް ހުށަހަޅާ ދަރިވަރުން، ސްކޮލަރޝިޕަށް ކުރިމަތިލާ އިރު، އެ ކުރިމަތިލާ ކޯހަކުން ކިޔެވުމަށް ޕްލޭސްމަންޓް ލިބިފައި އޮންނަން ޖެހޭނެ އެވެ.

ސްކޮލާޝިޕުތަކާއި ގުޅޭ އިތުރު މައުލޫމާތު ވިލާކޮޖެގު މާލޭގައި ހުންނަ ކިއު.އައި ކެމްޕަހާއި، ވިލާ ކޮލެޖުގެ ސޯޝިއަލް މީޑިއާ އަދި ވިލާ ކޮލޮޖުގެ ވެބްސައިޓުގައި ހުންނާނެ އެވެ.

ވިލާ ކޮލެޖުން ސްކޮލާޝިޕް ސްކީމް ތައާރަފު ކުރީ 2016 ވަނަ އަހަރު އެވެ. ސްކޮލާޝިޕް ސްކީމްގެ ދަށުން މިހާ ތަނަށް 34 ދަރިވަރުން ވަނީ ކިޔަވައިފަ އެވެ.