07 ޑިސެމްބަރ 2022 - 13:27

އަލް ރައްޔާން (ޑިސެމްބަރު 7) - ވޯލްޑް ކަޕް ގެ ނޮކައުޓް ބުރުގެ ދެވަނަ ބުރުގައި މޮރޮކޯއިން ސްޕެއިން އަތުން ހޯދި ތާރީހީ މޮޅާ އެކު، އަރަބި ދުނިޔެއަށާއި އެފްރިކާ ބައްރަށް ބޮޑު އުފަލެއް ލިބިއްޖެ އެވެ.

މި އަހަރުގެ ވޯލްޑް ކަޕަކީ އަރަބި ގައުމެއްގައި ބޭއްވި ފުރަތަމަ ފީފާ ވޯލްޑް ކަޕެވެ. އަދި މޮރޮކޯ އަކީ މި އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި ހަމައެކަނި އަރަބި ގައުމެވެ.

މީގެ އިތުރުން މޮރޮކޯ އަކީ ކުއާޓާ އަށް ދިޔަ އެފްރިކާ ބައްރަށް ނިސްބަތްވާ ހަމައެކަނި ގައުމު ވެސް މެއެވެ. ހަމަ އެއާ އެކު މޮރޮކޯ ވެފައި ވަނީ ވޯލްޑް ކަޕް ގެ ތާރީހުގައި ކުއާޓާ ފައިނަލަށް ދަތުރުކުރި އެފްރިކާގެ ހަތަރުވަނަ ގައުމަށެވެ. މީގެ ކުރިން ކުއާޓާ ކުޅުނު އެފްރިކާ ގައުމުތަކަކީ، ގާނާ، ސެނެގާލް އަދި ކެމަރޫން އެވެ.

ލަނޑެއް ނުޖެހި 120 މިނިޓު ގެ ކުޅުމަށް ފަހު ޕެނަލްޓީ ޖަހައިގެން މޮރޮކޯ މެޗު ކާމިޔާބު ކުރީ 3-0 އިންނެވެ. ސްޕެއިންގެ އެންމެ ޕެނަލްޓީއެއް ވެސް ކާމިޔާބެއް ނުވި އެވެ.
މޮރޮކޯ މޮޅުވި ޕެނަލްޓީ ކާމިޔާބު ކުރި އަޝްރަފް ހަކީމީ އަކީ ވެސް ސްޕެއިންގެ މެޑްރިޑަށް އުފަން ކުޅުންތެރިއެކެވެ. ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ ހަކީމީ ވައްދާލި ޕެނަލްޓީ އާއެކު އުފާފާޅުކުރީ ހަމައެކަނި މޮރޮކޯ އެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މޮރޮކޯގެ ރައްޔިތުން ވަނީ މަގުތައް މައްޗަށް ނުކުމެ، އުފާފާޅު ކުރަން ފަށައިފަ އެވެ.
މޮރޮކޯ އިން މި އަހަރުގެ ވޯލްޑް ކަޕް ގައި ހޯދި ކޮންމެ ކާމިޔާބީއެއް ގައި ވެސް ފަލަސްތީނުގެ ރައްޔިތުން މަތިން ހަނދާން ނައްތައެއް ނުލަ އެވެ. ފަލަސްތީނުގައި މެޗު ބަލަން އިން އެ ގައުމުގެ ރައްޔިތެއް ކަމަށްވާ ހަސަން ސާލިމް ބުނީ، މިއީ "މޮރޮކޯ އިން މުޅި އަރަބި ދުނިޔެއަށް ހޯދައިދިން ކާމިޔާބީ އެއް" ކަމަށެވެ.
މި ތާރީހީ މޮޅާ އެކު އުފާފާޅުކުރުމުގައި މޮރޮކޯގެ ރަސްގެފާނު، މުހައްމަދު ހަވަނަ، ވެސް ވަނީ ސަޕޯޓަރުންނާ އެކު އުފާފާޅުކުރުމުގައި ބައިވެރިވެ ވަޑައިގަންނަވައިފަ އެވެ. ރަސްގެފާނު ވަނީ މޮރޮކޯގެ ޖޯޒީގައި ރަބާތުގައި އުފާފާލުކުރަމުން ދިޔަ ސަރަހައްދަށް ރަސްމީ ކާރުކޮޅުގައި ވަޑައިގެން، ސަޕޯޓަރުންގެ ތެރޭގައި މޮރޮކޯގެ ދިދަ ވިހުރުވާލައްވައިފަ އެވެ.
މޮރޮކޯގެ ވެރިރަށް ރަބާތުގައި ދިރިއުޅޭ ރައްޔިތުން ހާމަކުރި ގޮތުގައި މި މޮޅާ އެކު އަރަބި ގައުމުތަކުގައި އުފެދިފައިވާ ބައިބައިވުންތައް މަތިން މުޅިން ހަނދާން ނެތިއްޖެ އެވެ. އަދި މެޗު ކުޅުނު ސްޓޭޑިއަމް ކައިރީގައި އުފާފާޅު ކުރަން އެއްވެ ތިބި، ދޯހާ ގައި ދިރިއުޅޭ މޮރޮކޯގެ ރައްޔިތެއް ބުނީ، އޭނާ ބޮޑުވީ ސްޕެއިންގެ ޓީމުތައް ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުޅުން ބަލައިގެންނެވެ.
"އެހެންވެ ސްޕެއިން ފަދަ ބޮޑު ގައުމެއް ބަލިކުރެވުމަކީ މޮރޮކޯ އަށް ލިބުނު ބޮޑު އުފަލެއް،" ދޯހާ ގައި ދިރިއުޅޭ ތޯހާ ލަހްރޫގީ ބުންޏެވެ.
މޮރޮކޯ އަންހެނަކާ އިނދެގެން ދޯހާ ގައި ދިރިއުޅޭ އަހުމަދު އިނޫބްލީ ބުނީ، ވޯލްޑް ކަޕް ގައި ހައިރާން ކުރުވަނިވި ކަންކަން ފެންނާނެ ކަމަށެވެ.
ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ސާނީ ވެސް ދަނޑުގައި މެޗު ބައްލަވަން އިންނަވައި، މޮރޮކޯގެ ދިދަ ވިހުރުވާލައްވައި، ޓީމަށް މަރުހަބާ ދެންނެވި އެވެ.
"މިއީ އަރަބި ޓީމެއް، މިތިބަ ސަޕޯޓަރުންނަށް ނަޒަރު ހިންގާލާ. ހީކުރަންތަ މިއީ ހުސް މޮރޮކޯ މީނުންނޭ؟ ނޫން، މިތިބީ އުސް އަރަބީން،" ޓިއުނީޝިއާ އާއި އަލްޖީރިއާ އަށް ނިސްބަތްވާ އިނޫބްލީ ބުންޏެވެ.ޖޯޑަންގެ ރާނީ، ރާނިޔާ ވެސް ވަނީ މޮރޮކޯގެ މި ކާމިޔާބީ ފާހަގަކޮށް، އެޓީމަށް ތަހުނިޔާ ކި އެވެ. "މަރުހަބާ އަޓްލާސް ލަޔަންސް، އަހަރެމެން އުފާކޮށްދީފި،" ރާނީ ކުރެއްވި ޓްވީޓެއްގައި ވެއެވެ
ހަމަ އެއާއެކު ސޫދާންގެ ޑެޕިއުޓީ ކައުންސްލް ހެޑް މުހައްމަދު ހަމްދާން ޑަގަލޯ ކުރި ޓްވީޓެއްގައި، މޮރޮކޯ ޓީމަށް ޝުކުރު އަދާކޮށް، އަރަބި އަދި އެފްރިކާ ސަޕޯޓަރުންނަށް މަރުހަބާ ވިދާޅުވި އެވެ.
މޮރޮކޯގެ މި މޮޅާ އެކު، ކެމަރޫންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ސެމިއުލް އެޓޫ ވެސް ވަނީ އެޓީމަށް ތަހުނިޔާ ކިޔައި، ޓްވީޓް ކޮށްފަ އެެވެ. އެޓޫ ވަނީ ވޯލްޑް ކަޕް ގެ ކުރިން، މި އަހަރުގެ ފައިނަލް ގައި މޮރޮކޯ ކުޅޭނެ ކަމަށް ވެސް ބުނެފަ އެވެ.
މެޗު ނިމުމާ އެކު ޓިއުނީޝީއާގައި ވެސް އުފާފާޅުކުރުން ކުރިއަށް ދިޔަ އެވެ. ޓިއުނީޝީއާގެ ރައްޔިތެއް ބުނެފައި ވަނީ، "މިއީ ތާރީހީ މޮޅެއް" ކަމަށާއި، "މޮރޮކޯ އިން އަރަބީންނާއި އެފްރިކާ ވެސް ފަހުރުވެރި ކޮށްދީފި" ކަމަށެވެ.
"މިއީ ހަމައެކަނި މޮރޮކޯ އަށް ލިބުނު މޮޅެއް ނޫން، މުޅި އަރަބި ދުނިޔެއަށް ލިބުނު މޮޅެއް. އަދި މި މޮޅު އެންމެ ހާއްސަ ވަނީ އަރަބި ފަސްގަނޑުގައި ހޯދި މޮޅަކަށް ވާތީ،" ޖޯޑަން ގައި އުފާފާޅުކުރަމުން ދިޔަ އެގައުމުގެ ރައްޔިތެއް ކަމަށްވާ ހާޒިމް އަލް ފާއިޒް ބުންޏެވެ.
މީގެ އިތުރުން ފްރާންސާއި ސްޕެއިން އަދި މިނޫން ވެސް ގައުމުތަކުގައި ދިރިއުޅޭ މޮރޮކޯގެ ގިނަ ރައްޔިތުންނެއް ވަނީ މަގުތައް މައްޗަށް ނުކުމެ އުފާފާޅު ކޮށްފަ އެވެ.