07 ޑިސެމްބަރ 2022 - 11:58

މަސް ކިރުމަށް ބޭނުންކުރާ އިތުރު ތިން ބޯޓު މިފްކޯ އިން ގަނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ "މިހާރު" އަށް މިއަދު ވިދާޅުވީ މިހާރު ކުރަނީ އެ ބޯޓުތައް ރަޖިސްޓަރީ ކުރުމުގެ ކަންކަން ކަމަށެވެ.
އެއީ 240 ޓަނުގެ މަސް ރައްކާކުރުމުގެ ގާބިލްކަން ހުރި ބޯޓުތަކެކެވެ.
މަސް ގަތުމުގެ ގާބިލްކަން އިތުރު ކުރުމަށް ތިން ބޯޓެއް މިފްކޯ އަށް ގަނެފައިވާއިރު ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިދިޔަ އޭޕްރީލް މަހު ވިދާޅުވެފައި ވަނީ މަސް ގަނެވޭނެ ގޮތެއް ހޯދުމަށް ބޭރުގެ ބޯޓެއް ގެންނަން ހަމަޖެހިފައިވާ ކަމަށެވެ.
ސަރުކާރުގެ މަސް ކުންފުންޏަށް މަސް ގަންނަ އަދަދު އިތުރުކުރުމަށާއި ފިނިކުރި މަސް ބެހެއްޓޭނެ ޖާގަ އިތުރުކުރުމުގެ މަޝްރޫއުތަކެއް ވެސް ވަނީ ފަށައިފަ އެވެ.
ކޫއްޑޫ ބަނދަރުގެ ޖާގަ ކުޑަވުމުން ދިމާވާ މައްސަލަ ހައްލު ކުރަން ވެގެން ފަޅުގެ ޖާގަ ބޮޑުކޮށް، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރަން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއުގެ ދަށުން ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖަށް އިތުރުކުރާ 4،000 ޓަނާއެކު ޖުމުލަ 6،000 ޓަނަށް ޖާގަ އިތުރު ކުރަން އޮތީ ހަމަޖެހިފަ އެވެ.
ރާއްޖޭގެެ މަސްވެރިކަން ރަނގަޅު ދުވަަސްވަރެއް ނަމަ މަސް ނުކިރޭ މައްސަލަ ވަރަށް ބޮޑެވެ. މަސްވެރިން ބާނާ މަސް ނުކިރި ގިނަ ދުވަސް ވުމުން ބައެއް ހާލަތުތަކުގައި ކަނޑަށް ވެސް އުކައިލަ އެވެ.