06 ޑިސެމްބަރ 2022 - 23:05

އަލް ރައްޔާން (ޑިސެމްބަރު 6) - ޕެނަލްޓީގައި ސްޕެއިން ލަދުގަންނަވާލައި މޮރޮކޯ، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގައި ވެސް ލަނޑެއް ނުޖެހި އެއްވަރު ވުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީ ޝޫޓައުޓް މޮރޮކޯ ކާމިޔާބު ކުރީ 3-0 އިންނެވެ.
ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ވަނީ އެ ޓީމުގެ ކުޅުންތެރިން ޕެނަލްޓީ ޝޫޓައުޓަކަށް ތައްޔާރު ކުރަން ކޮންމެ ކުޅުންތެރިއަކު 1،000 ޕެނަލްޓީ ޖަހަން އެންގި ކަން، މެޗުގެ ކުރިން އޮތް ޕްރެސް ގައި ހާމަ ކޮށްފަ އެވެ. އެކަމަކު އޭގެ ފައިދާއެއް އެޓީމަކަށް ނުކުރި އެވެ.
ޕެނަލްޓީ ގައި މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯ ވަނީ ސްޕެއިން އިން ޖެހި ދެ ޕެނަލްޓީ މަތަކޮށްފަ އެވެ. އެންމެ ފުރަތަމަ ޕެނަލްޓީ ޖެހީ، ޕެނަލްޓީ ޖަހަން ފަހު ވަގުތު އެރުވި ޕަބްލޯ ސެރާބިއާ އެވެ. ކީޕަރު ރަނގަޅު ފަޅިއަށް ހަރަކާތް ކުރި ނަމަވެސް އެ ޕެނަލްޓީ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ބޯނޯ މަތަކުރީ ކާލޯސް ސޮލާ އާއި ކެޕްޓަން ސާޖިއޯ ބުސްކެޓްސް ޖެހި ޕެނަލްޓީ އެވެ.
މޮރޮކޯގެ އަބްދުލްހަމީދު ސަބީރީ އާއި ހަކީމް ޒިޔެޝް ޖެހި ޕެނަލްޓީ ކާމިޔާބު ކުރި އެވެ. ކާމިޔާބު ނުވީ ބަދުރު ބެނޫން ފޮނުވާލި ޕެނަލްޓީ އެވެ. އެ ޕެނަލްޓީ، ސްޕެއިންގެ ކީޕަރު އުނައި ސިމޯން ދިފާއު ކުރީ އެވެ. މޮރޮކޯ މޮޅުކޮށްދިން ޕެނަލްޓީ ޖެހީ އަޝްރަފް ހަކީމީ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ގޯލު ޖަހަން ރަނގަޅު ފުރުސަތު ހޯދީ މޮރޮކޯ އެވެ. ނަމަވެސް ހަކީމް ޒިޔެޝް އާއި ނާޔެފް އައުގާޑަށް ލިބުނު ފުރުސަތުތަކުގައި މާ ރަނގަޅަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވި އެވެ. އަދި ނުސެއިރު މަޒްރާއީ ފޮނުވާލި ހަމަލާ ސްޕެއިންގެ ކީޕަރު އުނެއި ސިމޯންސް ވަނީ ދިފާއު ކޮށްފަ އެވެ.
ސްޕެއިން އަށް ލިބުނު ހަމައެކަނި ފުރުސަތުގައި މާކޯ އަސެންސިއޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.
ފަހު ހާފުގައި ސްޕެއިން އިން ހޯދި ފުރުސަތު ތަކުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ނިކޯ ވިލިއަމްސް ނެގި ހުރަހެއް ގޯލު ކުރިމަތީ ހުރި ޑެނީ އޮލްމޯ އަށް ލިބުމުގެ ކުރިން އައުގާޑް އެ ބޯޅަ ދިފާއު ކުރި އެވެ އަދި އަލްވަރޯ މޮރާޓާ ފޮނުވާޅި ހަމަލާ ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ.
މޮރޮކޯގެ ފަހަތުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރި އަގުއާޑަށް އަނިޔާ ވެގެން މި ހާފު ނިމެނިކޮށް ވަނީ ބަދަލު ކުރަން ޖެހިފަ އެވެ. އޭނާ ބަދަލު ކުރި ފަހުން މޮރާޓާ އަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި ކުރިއަށް އަރައި ވިލިއަމްސް އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ބްލޮކް ކުރީ ފިއޮރެންޓީނާ އަށް ކުޅޭ މިޑްފީލްޑަރު ސޮފްޔާން އަމްރަބާޓް އެވެ.
ލަނޑެއް ނުޖެހި ފުރިހަމަ ވަގުރު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމެނިކޮށް ލީޑު ނަގަން މޮރޮކޯ އަށް ހުސް ފުރުސަތެއް ލިބުނެވެ. އައްޒަދީން އޮނާހީ ދިން ތުރޫ ޕާހެއް ހޯދައި ވަލީދު ޝެދީރާ ބޯޅަ ފޮނުވާލި ނަމަވެސް ކީޕަރި ސިމޯންސް އެ ބޯޅަ ދިފާއު ކުރި އެވެ. އަދި ދެވަނަ ހާފުގައި ވެސް އޭނާ އަށް ހުސްކޮށް ފުރުސަތެއް ލިބުނެވެ. ނަމަވެސް މި ފުރުސަތުގައި އޭނާ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެފައި ވެސް ބޯޅަ ފޮނުވައެއް ނުލެވުނެވެ.
ސްޕެއިން އިން ހުރަސް ނަގައިގެން ލަނޑު ޖަހަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް މޮރޮކޯގެ ޑިފެންސާއި ކީޕަރު ބޯނޯ ފެނުނީ މާ ހުށިޔާރު ކޮށެވެ. އެންމެ ފަހު ވަގުތު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޕަބްލޯ ސެރާބިއާ ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެން ފާ ޕޯސްޓު ދަނޑީގައި ކޭއްތިލައިފަ އެވެ.
ކުއާޓާ ފައިނަލް ގައި މޮރޮކޯ ކުޅެން ޖެހޭނީ ޕޯޗުގަލް އާއި ސްވިޒަލެންޑް މިރޭ 12 ޖަހާއިރު ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.