12 ޖެނުއަރީ 2017 - 15:32

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ކުރިމަތިވެފައިވާ މާލީ ގެއްލުން ކުޑަކުރުމަށް، މުވައްޒަފުންނާއި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނަން ނިންމައިފި އެވެ.
ދައުލަތުގެ މަސް ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލުކޮށް، ކުންފުނީގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ސަރުކާރުން ވަނީ މިދިޔަ އޮކްޓޯބަރު މަހު ހަވާލުވެފަ އެވެ. އެހެންވެ، މިހާރު މިފްކޯ އަކީ އެސްޓީއޯގެ 99.99 ޕަސެންޓް ހިއްސާ އަދި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ 0.01 ޕަސެންޓް ހިއްސާވާ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
މިފްކޯގެ ސީއީއޯ އަދުލީ އިސްމާއިލް ސޮއިކުރައްވައި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މިދިޔަ އަންގާރަދުވަހު ފޮނުއްވި މެމޯއެއްގައި ބުނި ގޮތުގައި، މިފްކޯގެ ހިންގުމުގެ ނިޒާމަށާއި ބަދަލު ގެނެސް، އާ އޮނިގަނޑެއް އެކުލަވާލަން ވަނީ ނިންމައިފަ އެވެ. އެއީ، އޭގައި ބުނި ގޮތުގައި، މިފްކޯ އަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަނެ، އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން އަޅާ ފިޔަވަޅެކެވެ.
އާ އޮނިގަނޑުގެ ދަށުން އަންނާނެ މައިގަނޑު ދެ ބަދަލަކީ:
- ބައެއް މުވައްޒަފުން މަސައްކަތް ކުރާ ދާއިރާ ނުވަތަ ސައިޓް އެހެން ތަންތަނަށް ބަދަލުކުރުން
- ބައެއް މުވައްޒަފުންގެ މަގާމަށާއި މުސާރަ އަށް ބަދަލު ގެނައުން
އޭގެ އިތުރުން، މުވައްޒަފުން މަދުކުރަން ޖެހޭ ކަމަށް ފެންނަ ދާއިރާތަކުން މުވައްޒަފުން ވަކިކުރަން ޖެހިދާނެ ކަމަށް ވެސް މެމޯގައި ބުންޏެވެ. އެކަމަކު، މުވައްޒަފުންގެ އަދަދު މަދުކުރަން ނުވަތަ އެ މީހުންނަށް ލިބޭ މުސާރަ ކުޑަ ކުރަން ނިންމާފައިވާ ކަމަށް މި މެމޯގައި ސީދާ ބުނެފައެއް ނުވެ އެވެ.
"... ކުންފުނީގެ ހިންގުމުގެ ނިޒާމަށާއި މުސާރައިގެ އޮނިގަނޑަށް ބަދަލުތައް ގެނައުމުގެ ގޮތުން ރީސްޓްރަކްޗަރިންގެ ޕްލޭނެއް އެކުލަވާލައި ގެނެވޭ ބަދަލުތައް މުވައްޒަފުންނަށް ދުރާލާ އެންގޭނެ އެވެ. އަދި ކުންފުނީގެ އާ އޮނިގަނޑު އެކުލަވާލައި މުވައްޒަފުންނާ މެދު އަމަލުކުރެވޭނެ އުސޫލު އެންގޭނެ ވާހަކަ ދެންނެވީމެވެ،" މެމޯގައިވެ އެވެ.
މި ބަދަލުތަކާ ގުޅޭ ގޮތުން މިފްކޯގެ ބަހެއް އަދި ނުލިބެ އެވެ.
މިފްކޯ އަކީ ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތަށް ފަހު 1993ގެ އަހަރުތަކުގެ ކުރީކޮޅު އޭރުގެ މަސް ކުންފުނި އެފްޕީއައިޑީގެ ނަން ބަދަލުކޮށް، އުފެއްދި ދަރަންޏަށް ޒިންމާވާ ވަކި ކުންފުންޏެކެވެ. އޭގެ ކުރިން އެފްޕީއައިޑީ ހިންގަމުން އައީ ވެސް އެސްޓީއޯގެ ދަށުންނެވެ.
އެސްޓީއޯ އިން ކުރިން ބުނެފައިވާ ގޮތުގައި މިފްކޯ އަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަނެ، އެއީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ. އަދި އެސްޓީއޯގެ ތެލުގެ ވިޔަފާރި ފުޅާކޮށް، އެ ކުންފުންޏަށް ބޭރު ފައިސާ ލިބޭނެ އިތުރު ދޮރުތައް ވެސް ހުޅުވޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.