ޕާމް އޮއިލް އިން ކެންސަރު ޖެހޭ ކަމަށް ބުނުމުން ނަޓެއްލާ ކުންފުނިން ދިފާއުގައި ނިކުމެއްޖެ
ޕާމް އޮއިލް އިން ކެންސަރު ޖެހޭ ކަމަށް ބުނުމުން ނަޓެއްލާ ކުންފުނިން ދިފާއުގައި ނިކުމެއްޖެ

އާއްމުކޮށް ޕާނުގައި ޖަހައިގެން ކެއުމަށް ބޭނުންކުރާ ނަޓެއްލާގައި ބޭނުންކޮށްފައިވާ މުހިއްމު އެއްޗަކުން އިންސާނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވެގެންދާ ކަމަށް ބުނެ ތަޖުރިބާކާރުން ދިން އިންޒާރަކާ ގުޅިގެން ކަންބޮޑުވުންތައް އިތުރުވެއްޖެ އެވެ.

ޕާމް އޮއިލް އިން ކެންސަރު ޖެހޭ ކަމަށް ބުނުމުން ނަޓެއްލާ ކުންފުނިން ދިފާއުގައި ނިކުމެއްޖެ
ޕާމް އޮއިލް އިން ކެންސަރު ޖެހޭ ކަމަށް ބުނުމުން ނަޓެއްލާ ކުންފުނިން ދިފާއުގައި ނިކުމެއްޖެ

މިދިޔަ މޭ މަހު ޔޫރަޕިއަން ފުޑް ސްޓޭންޑަޑްސް އެޖެންސީ (އީއެފްއެސްއޭ) އިން ނެރުނު އިންޒާރުގައި ބުނެފައިވަނީ ނަޓެއްލާ އުފެއްދުމުގައި އުފެދޭ ކެމިކަލްތަކަކުން ކެންސަރު ޖެހިދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަޓެއްލާ ތައްޔާރުކުރުމުގައި ބޭނުންކުރާ ޕާމް އޮއިލް 200 ޑިގްރީ ސެންޓިގްރޭޑަށް ވުރެ ބޮޑަށް ހޫނު ވުމުން ކެންސަރަށް މަގު ފަހިކުރާ ކެމިކަލްތަކެއް ނުކުންނަ ކަމަށް އޭރު ބުނެފައިވެ އެވެ.

ނަމަވެސް ނަޓެއްލާ ކެއުން މުޅިން ހުއްޓާލާކަށް އީއެފްއެސްއޭ އިން އިރުޝާދު ދީފައެއް ނުވެ އެވެ. ބުނެފައިވަނީ އެއިން ކެންސަރު ޖެހުމުގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް އިތުރު ދިރާސާތައް ކުރަން ބޭނުންވާ ކަމަށެވެ.

އިންޒާރާ އެކު މީހުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާ އިރު، ނަޓެއްލާ އުފައްދާ އިޓަލީގެ ކުންފުނި ފެރޭރޯ އިން ވަނީ އާ އިޝްތިހާރު ކެމްޕެއިނެއް ލޯންޗުކޮށްފަ އެވެ. އެ ކުންފުނިން ވަނީ ނަޓެއްލާއަކީ ކެއުމަށް މުޅިން ރައްކާތެރި އެއްޗެއްކަން ޔަގީން ކޮށްދީފަ އެވެ.

ނަމަވެސް ކާބޯތަކެތި އުފައްދާ އިޓަލީގެ އެހެން ބައެއް ކުންފުނިތަކުން ޕާމް އޮއިލް ބޭނުންކުރުން ހުއްޓާލަން ނިންމާފައިވާކަން ހާމަކޮށްފައިވެ އެވެ.

ފެރޭރޯ އިން ބުނަނީ އެ ކުންފުނިން އުފައްދާ ނަޓެއްލާއަކީ އެމީހުންގެ ވިޔަފާރީގެ ބޮޑު ހިއްސާއެއް އޮންނަ ބާވަތަކަށް ވާއިރު ނަޓެއްލާ އުފެއްދުމުގައި ޕާމް އޮއިލް ނޫން ތެލެއް ބޭނުންކޮށްފި ނަމަ އަސްލު ނަޓެއްލާގައި އެހާ މީރު ރަހަ ނުލާނެ ކަމަށެވެ.

ފެރޭރޯގެ ޕާޗޭސިން މެނޭޖާ ވިންސެންޒޯ ޓަޕެއްލާ ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޕާމް އޮއިލްއާ ނުލައި ކޮންމެވެސް އެކަހަލަ އެހެން ތެލެއް ބޭނުންކޮށްގެން ނަޓެއްލާ އުފައްދައިފިނަމަ އެއީ ފަހަތަށް އެޅޭ ފިޔަވަޅަކަށް ވާނެ ކަމަށާއި އަސްލު ނަޓެއްލާގެ ރަހަ އެފަދަ އުފެއްދުމެއްގައި ނުލާނެކަމަށެވެ.
މި ކުންފުނިން ނަޓެއްލާ އުފެއްދުމަށް އަހަރަކު 185،000 ޓަނުގެ ޕާމް އޮއިލް ބޭނުންކުރެ އެވެ.

އެންރިކޯ ބްރީވިއޯ، ޔޫރަޕިއަން ކޮމިޝަންގެ ހެލްތް އެންޑް ސޭފްޓީ ތަރުޖަމާނު ބުނި ގޮތުގައި ޕާމް އޮއިލްއާ ބެހޭ ގައިޑްލައިނެއް މިއަހަރުގެ ފަހުކޮޅު ނެރޭނެ ކަމަށެވެ. އެގޮތުން ގައިޑްލައިންގައި އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި އެ ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރަން ބާރު އެޅުން ހިމެނޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

"ނަމަވެސް ޕާމް އޮއިލް ބޭނުންކުރުން މުޅިން މަނަލެއް ނުކުރާނަން،" ބްރީވިއޯ ބުނެފައި ވެއެވެ.

ފެރޭރޯ އިން ބުނަނީ އެ ކުންފުނިން ބޭނުންކުރާ ޕާމް އޮއިލް އަކީ ރައްކާތެރި އެއްޗެއް ކަމަށާއި ސަބަބަކީ އެއީ ތާޒާ މޭވާގެ ދިޔަ ފެލައިގެން، ކޮންޓްރޯލްކޮށްފައިވާ ޓެމްޕްރޭޗަރެއްގައި ޕްރޮސެސްކުރާ އެއްޗަކަށް ވާތީ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔޫއެން. ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަނުން ވެސް މި ނުރައްކާ އޮތް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެފަރާތުން ވެސް ޕާމް އޮއިލް ބޭނުންކުރުން ހުއްޓާލުމަށް އިރުޝާދު ދީފައެއް ނުވެ އެވެ.

ޕާމް އޮއިލް އުފައްދާއިރު ޓެމްޕްރޭޗަރު މަތިކުރަނީ އޭގައި ހުންނަ އޮރެންޖް ކުލަ އަލި ކުރުމަށާއި އޭގެ ވަސް ކަނޑުވާލުމަށެވެ.

ދަށް ޓެމްޕްރޭޗަރުގައި އުފައްދާ ޕާމް އޮއިލްއިން ލިބިދާނެ ގެއްލުމަކާ ގުޅޭ ގޮތުން އީއެފްއެސްއޭ އިން ކޮމެންޓެއް ނުކުރި ކަމަށް ރޮއިޓާސް އިން ބުންޏެވެ.