06 ޑިސެމްބަރ 2022 - 10:33

ވޯލްޑް ކަޕުގެ ދެ ވަނަ ބުރުގައި އާދީއްތަ ދުވަހުގެރޭ ޕޮލެންޑް އަތުން 3-1 އިން ފްރާންސް މޮޅުވި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނު ފްރާންސްގެ ކީލިއަން އެމްބާޕޭ، މެޗަށް ފަހު، މޮޅު ކުޅުންތެރިޔާގެ އެވޯޑް ސްޕޮންސާކޮށްފައިވާ ބިޔަރު ބްރޭންޑް "ބަޑްވައިޒާ" ޕްރޮމޯޓްކުރަން ދެކޮޅު ހަދައިފި އެވެ.
"ބައިޑްވައިޒާ" އިން ދިން މޭން އޮފް ދަ މެޗު ޓްރޮފީއާ އެކު އެމްބާޕޭ ފޮޓޯ ނެގީ، ޓްރޮފީ އަނެއްކޮޅަށް އަނބުރާލައި އެ ބްރޭންޑުގެ ނަން ނާރާ ގޮތަށެވެ. ގްރޫޕް ސްޓޭޖުގެ ދެ މެޗުގައި އޭނާ އަށް މި ޓްރޮފީ ލިބުނުއިރު ވެސް ފޮޓޯ ނެގީ މިގޮތަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެމްބާޕޭ ވަނީ ބަނގުރަލާއި ބެޓިން އާއި ޖަންކް ފުޑް އިޝްތިހާރު ނުކުރަން ނިންމައިފަ އެވެ. އޭގެ ސަބަބަކީ ކުޑަކުދިންނާއި ޒުވާނުންނަށް ނަމޫނާ ކުޅުންތެރިޔަކަށް ވުމެވެ. އެހެންވެ އޭނާގެ އިމޭޖްރައިޓްސް އެއްބަސްވުމުގައި ވެސް އެފަދަ އެއްވެސް އެއްޗެއް ޕްރޮމޯޓްނުކުރަން ވަނީ މާއްދާއެއް ހިމަނައިފަ އެވެ.
އެމްބާޕޭ ވަނީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާން ވެސް ދެކޮޅު ހަދައިފަ އެވެ. އޭގެ ސަބަބުން ފީފާ އިން ފްރާންސް ޖޫރިމަނާކުރާނެ އެވެ. އެމްބާޕޭ ބުނީ ނުދިޔައީ ނޫސްވެރިންނާ މައްސަލައެއް އޮވެގެން ނޫން ކަމަށާއި ބޭނުންވީ މެޗަށް ފޯކަސްކުރަން ކަމަށެވެ.
"ޖޫރިމަނާ ދައްކާނީ އަހަރެންގެ އަމިއްލަ ޖީބުން،" އޭނާ ބުންޏެވެ.
އެކަމަކު އޭނާގެ ވާހަކަތައް ބޮޑަށް ދެކެވެން ފެށީ "ބަޑްވައިޒާ" ޕްރޮމޯޓްނުކުރަން ނިންމުމުންނެވެ.
"ބަޑްވައިޒާ" އަށް މި ވޯލްޑް ކަޕުގައި ނެގެޓިވް ކަންކަން އަންނަނީ ކުރިމަތިވަމުންނެވެ. އެގޮތުން ސްޓޭޑިއަމް ސަރަހައްދުގައި ބިޔަރު ނުވިއްކޭނެ ކަމަށް ފަހު ވަގުތު ގަތަރުން ނިންމުމުން އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ވަނީ ވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ކުންފުނިން އަންނަނީ ފީފާ އަތުން މާލީ ބަދަލެއް ހޯދަން ވިސްނަމުންނެވެ. ސްޓޭޑިއަމް ބޭރުގައި ބިޔަރު ވިއްކައިގެން ބޮޑު ނަފާއެއް ހޯދަން އެ ކުންފުނިން އޮތީ ރާވައިފަ އެވެ.