06 ޑިސެމްބަރ 2022 - 12:36

ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަނިކޮށް ބިންދައިގެން ގޮސް ކަނޑަށް ވެއްޓުނު ކެރޭން ނަގައިފި އެވެ.
އެ މަސައްކަތުގައި ބޭނުން ކުރާ ކެރޭނެއްގެ ބޫމް ފެއިލްވެ ކެރޭންގެ ބިންދައިގެން ދިޔަ ބައި ކަނޑަށް ވެއްޓުނީ އިއްޔެ މެންދުރު އެވެ.
ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން "މިހާރު" އަށް މިއަދު ވިދާޅުވީ އިއްޔެ ކަނޑަށް ވެއްޓުނުބައި ނެގީ ރޭގެ ވަގުތެއްގައި ކަމަށެވެ.
ކެރޭން ބިންދައިގެން ދިޔަޔަސް މަސައްކަތަށް މެދުކެނޑުމެއް ނާންނަ ކަމަށާއި ހުރިހާކަމެއް ވެސް ޕްލޭނާ އެއްގޮތަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭ އަށް ބޭނުންކުރާ ޕްލެޓްފޯމެއް މިދިޔަ އޮގަސްޓް 16 ގައި ވިލިމާލެ ފަރަށް އެރި އެވެ. ބްރިޖްގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުންޏަށް އެ ޕްލެޓްފޯމް ފުންކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ.
އެ މައްސަލާގައި އެފްކޮން 69 މިލިއަން ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ. ނަމަވެސް އެ ފައިސާ އަދި ނުދައްކަ އެވެ.
ވިލިމާލެ ފަރުގެ ސާވޭއެއް ހެދުމަށް ފަހު އީޕީއޭ އިން އެންމެ ފުރަތަމަ ފޮނުވި ރިޕޯޓް އެފްކޯންސް އިން ގަބޫލެއް ވެސް ނުކުރި އެވެ. އެހެންވެ، އެފްކޯންސް އިން އަމިއްލަ އަށް ވެސް ސާވޭ ކުރުމުގެ ފުރުސަތު އީޕީއޭ އިން ދިނެވެ.