06 ޑިސެމްބަރ 2022 - 12:09

ލުސެއިލް (ޑިދެމްބަރު 6) - ޕޯޗުގަލް އިން ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބަދަލު ކުރުމުން އޭނާ ހިތްހަމަ ނުޖެހުން ފާޅުކުރި ވީޑިއޯ ފޫޓޭޖް ފެނި، އެޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ހިތްހަމަ ނުޖެހޭ ކަން ހާމަ ކޮށްފި އެވެ.

އެ މެޗުގައި ރޮނާލްޑޯ ބަދަލުކުރީ 65 ވަނަ މިނިޓުގަ އެވެ. އޭނާ ބަދަލު ކުރީ މާ އަވަހަށް ކަމަށް ބުނެ ހިތްހަމަ ނުޖެހިގެން ކޯޗާމެދު ބޭއަދަބީ ބަހެއް ބޭނުންކުރި ކަމަށް ޕޯޗުގަލްގެ ރިޕޯޓްތަކުން ހާމަކޮށްފައި ވީ ނަމަވެސް، ރޮނާލްޑޯ ވަނީ އެއީ ކޯޗަށް ނިސްބަތްކޮށް ބުނި އެއްޗެއް ނޫން ކަމަށް ބުނެފަ އެވެ. ރޮނާލްޑޯ ބުނީ އެއީ ދެކުނު ކޮރެއާ ކުޅުންތެރިއެއް އޭނާ ގާތު އަވަހަށް ދަނޑުން ފައިބާން ބުނުމުން އެކަމާ ރުޅި އައިސްގެން ބުނި އެއްޗެއް ކަމަށެވެ.
ކޯޗު ސަންޓޯސް ވެސް ވަނީ އެންމެ ފުރަތަމަ އެ ރިޕޯޓްތަކާ ގުޅޭގޮތުން ރޮނާލްޑޯ ދިފާއު ކޮށްފަ އެވެ. ނަމަވެސް ފަހުން އެ ވީޑީއޯ ފޫޓޭޖް ފެނުމުން ސަންޓޯސްގެ ރާގު ވަނީ ބަދަލު ވެފަ އެވެ.
"ރޮނާލްޑޯ ބަދަލުކުރި ވަގުތުގެ ފޮޓޯތައް އަހަރެންނަށް ފެނުނުހޭ؟ އާނ. ފެނުނު މަންޒަރުތައް އަހަރެންނަށް ކަމުދިޔަ ތަ؟ ނޫން. ކުޑަކޮށް ވެސް އަހަރެން ހިތްހަމައެއް ނުޖެހުން،" ދެވަނަ ބުރުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަންޓޯސް ބުންޏެވެ.
"މި ކަންކަމަކީ ފަރުދާގެ ފުރަގަހުގައި ހައްލުކުރަން ޖެހޭ ކަންކަން. އެކަން ހައްލު ވެއްޖެ. މިހާރު އެ މައްސަލައިގައި ފުލުސްޓޮޕް ޖަހައިފިން، ހުރިހާ ސަމާލުކަމެއް ހުރީ މާދަމާގެ މެޗަށް."
ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ބަދަލު ކުރި އިރު ވެސް ޕޯޗުގަލް ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ. އޭރު މެޗުގެ ނަތީޖާ އޮތީ 1-1 އިން އެއްވަރު ވެފަ އެވެ. މެޗުގެ ފަހު ވަގުތު ކޮރެއާ އިން ލަނޑެއް ޖަހައި ޕޯޗުގަލް ބަލިވި ނަމަވެސް، ޕޯޗުގަލް ގުރޫޕް ސްޓޭޖް ނިންމާލީ އެއްވަނައިގައި އޮވެގެންނެވެ.
ރޮނާލްޑޯ އަންނަނީ ވޯލްޑް ކަޕް ގައި ޕޯޗުގަލް އަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ޔޫސޭބިއޯ ގެ ރެކޯޑް މުގުރާލަން މަސައްކަތް ކުރަމުންނެވެ. ޔޫސޭބިއޯ ވަނީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި ނުވަ ގޯލު ޖަހައިފަ އެވެ. އެއީ އޭނާ ކުޅުނު ހަމައެކަނި ވޯލްޑް ކަޕް މުބާރާތެވެ.
މި އަހަރުގެ ވޯލްޑް ކަޕަކީ ރޮނާލްޑޯ ކުޅޭ ފަސްވަނަ ވޯލްޑް ކަޕެވެ. ފަސް ވޯލްޑް ކަޕް ގައި ކުޅެގެން ރޮނާލްޑޯ އަށް އަދި ހަމަކުރެވުނީ އަށް ގޯލެވެ. އޭގެ ތެރޭގައި މި އަހަރުގެ ގުރޫޕް ސްޓޭޖުގައި ޖެހި ލަނޑު ވެސް ހިމެނެ އެވެ. އަދި މި އަހަރުގެ މުބާރާތަކީ 37 އަހަރުގެ ރޮނާލްޑޯ ކުޅޭ ފަހު ވޯލްޑް ކަޕަށް ވުން ވެސް އެކަށީގެން ވެއެވެ.
ވޯލްޑް ކަޕް ތެރޭގައި ރޮނާލްޑޯ އާއި މެންޗެސްޓާ ނައިޓެޑާ ދެމެދު އޮތް ކޮންޓްރެކްޓް އުވާލާފައިވާ އިރު، ރޮނާލްޑޯ ހޯދަން ސައުދީގެ ކުލަބަކުން ވަނީ މިދިޔަ ހަފްތާ ރެކޯޑް އަގެއް ހުށަހަޅައިފަ އެވެ. ނަމަވެސް އެއާމެދު ވަކި ގތެއް ނުނިންމައި ރޮނާލްޑޯ ހުރީ ވޯލްޑް ކަޕަށް ފޯކަސް ކޯށްގެންނެވެ. އެހެން ނަމަވެސް އޭނާގެ އެޖެންޓް ވަނީ ނުރަސްމީކޮށް ހުށަހެޅުމުގައި ހުރި ކަންކަމާ މަޝްވަރާ ކުރަން ފަށައިފަ އެވެ.
ޖެނުއަރީ އިން ފެށިގެން ދެ އަހަރާ ބައިގެ މުއްދަތަކަށް ރޮނާލްޑޯ ސައުދީގެ އައް ނަސްރު އަށް ކުޅެން އެއްބަސް ވެފައިވާކަމަށް ސްޕެއިންގެ މީޑީއާތަކުން ރިޕޯޓް ކުރި އެވެ. ނަމަވެސް އެއާ މެދު އަދި ގޮތެއް ނުނިންމަ އެވެ. އަދި މިއީ ރޮނާލްޑޯގެ ފޯކަސް ގެއްލުވާލަން މީޑިއާތަކުން ކުރާ މަސައްކަތެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ފަހު މެޗުގައި، ޕޯޗުގަލް އާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ.