13 ޖެނުއަރީ 2017 - 06:22

"މަށަށް ހެޔޮ ފާޑު ކިޔަސް. އެކަމަކު އެ ކިޔާ ފާޑުކިޔުމަކީ ބިނާކުރުވަނަވި ފާޑު ކިއުމަކަށް ވާން ޖެހޭނެ. އަސްލު މިތާނގައިވާ ގޮތަކީ ޒާތީ މައްސަލަތައް ބޮޑީ،" ފިލްމްތަކަށް ފާޑު ކިޔުމާ ބެހޭ ގޮތުން ޕްރޮޑިއުސަރަކާ ދާދި ފަހުން ސުވާލު ކުރުމުން އޭނާ ދިން ޖަވާބަކީ މިއެވެ.

ރާއްޖޭގެ ފިލްމީ އިންޑަސްޓްރީއަކީ ވަރަށް ކުޑަކުޑަ، ވަރަށް މަދު ބަޔަކު ހިއްސާވާ ދާއިރާއެކެވެ.

އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ނުކުންނަނީ ގާތްގަނޑަކަށް ފަސް ވަރަކަށް ފިލްމް ކަމަށް ބަލަމާ ހިނގާށެވެ. ފިލްމް އަޅުވަން ރާއްޖޭގައި ހުރީ ރަސްމީ ސިފައެއްގައި ބަލައިފި ނަމަ، މާލޭގައި ހުރި އޮލިމްޕަސް ސިނަމާ އެކަންޏެވެ. ފިލްމަށް ކުރާ ހަރަދު ބަރޯސާ ވަނީ އޮލިމްޕަހުގައި ދެއްކޭ ޝޯތަކެއްގެ މައްޗަށެވެ.

ރާއްޖޭގެ ރަށްތައް ހުރި ގޮތުން ހުރިހާ ރަށަކަށް ގޮސް ފިލްމް ދެއްކުމަކީ މާލީ ގޮތުން ވެސް ޕްރޮޑިއުސަރުންނަށް ކުރެވޭ ވަރުގެ ކަމަކަށް ނުވެ އެވެ.

އެހެންވެ ދިވެހި ފިލްމްތައް އާންމުކޮށް ބަލާލަން ފުރުސަތު މި ލިބެނީ، މާލޭގައި މިއުޅޭ އާބާދީއަށެވެ. އެއީ ލައްކައެއްހާ މީހުން ކަމަށް އަންދާޒާކޮށްލަމާ ހިނގާށެވެ. ރާއްޖޭގެ އާބާދީ އަށް ބަލައިފި ނަމަ، އެއީ ނިސްބަތުން ވަރަށް ކުޑަ އަދަދެކެވެ.

އެކަމަކު އޭގެ މާނައަކީ ރަށްރަށުގެ ރައްޔިތުން ދިވެހި ފިލްމްތަކަށް ލޯބި ނުކުރާ ވާހަކައެއް ނޫނެވެ. ދިވެހި ފިލްމްތައް ބަލަން ބޭނުން ނުވާ ވާހަކައެއް ނޫނެވެ.
ފިލްމެއް އުފެއްދެނީ ހަރަދުތަކެއްކޮށްގެންނެވެ. ގުރުބާނީތަކެއް ވެގެންނެވެ. މިއީ ރާއްޖޭގައި ނަމަ، ހަމަ އާދައިގެ މީހެއްގެ ޖީބުން ހަރަދުތަކެއްކޮށްލައިގެން ކުރާ ކަމެކެވެ. މާލީ ގޮތުން ބެކަޕެއް ދޭނެ ބަޔަކު ތިބެގެން ކުރާ ކަމެއް ނޫނެވެ.
ރާއްޖޭގެ ފިލްމީ މަސައްކަތަކީ މިކަމަށް ޝައުގުވެރިވާ ބައެއްގެ އަތްމަތީގައި އޮތް ކަމެކެވެ. އެ މީހުން ފިލްމް ހަދަން ބޭނުންވުމުން، ފިލްމް ހަދާފައި އަޅުވަނީ އެވެ. ބަލަން ޝައުގުވެރިވާ ބަޔަކު ތިބޭތީ، ސިނަމާ އަށް ގޮސް ފިލްމް ބަލަނީ އެވެ.
ގަބޫލު ކުރަން ޖެހޭ ހަގީތަކަކީ ފިލްމީ މަސައްކަތަކީ ވެސް މިހާރު ބޮޑު ވިޔަފާރިއެއްކަމެވެ. ބޮޑު އާމްދަނީއެއް ލިބޭ ކަމަކަށްވުމެވެ. އެކަމަކު އޭގެ މާނައަކީ ހަމައެކަނި ވިޔަފާރި އުސޫލުން ފިލްމް ހަދާފައި، ޕްރޮޑިއުސަރުންގެ ޖީބުތަކަށް ބަރު ކުރަން ޖެހުމެއް ނޫނެވެ.
ދިވެހިންގެ ދިރިއުޅުމާއި ވިސްނުމާއި ފިކުރު ވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. އެހެންވެ ދިވެހި ސިނަމާ އިން ވެސް އެ ބަދަލުތައް ފެންނަން ޖެހޭނެ އެވެ. ފެންވަރު ރަނގަޅު، އޮއްޓަރު ހުރި އުފެއްދުންތަކެއް ގެނެސް ދީގެން ނޫނީ، ދިވެހިން މިހާރު ބަލައެއް ނުގަންނާނެ އެވެ.
އަށްޑިހައިގެ އަހަރުތަކުގައި ނުވަތަ ނުވަދިގައިގެ އަހަރުތަކުގައި ދިވެހި ފިލްމްތައް ހުރި ފެންވަރަށް ހަދައިގެން، މިހާރު އެއްވެސް ދިވެއްސަކު އެ ފިލްމެއް ގަބޫލެއް ނުކުރާނެ އެވެ. އެހެންވެ ފިލްމުތަކުގެ ފެންވަރަށް ހާއްސަ އިސްކަމެއް ދޭން ޖެހެ އެވެ.
އެ ބަދަލުތައް މިހާރު މަޑުމަޑުން ފެންނަން ވެސް ފަށައިފި އެވެ. އެކަމަށް ހިތްވަރު ދޭން ޖެހެ އެވެ. ސާބަސް ދީ، އަގު ވަޒަން ވެސް ކުރަން ޖެހެ އެވެ.
ދިވެހި ފިލްމްތައް، މިހާރުގެ ދިވެހިން ބަލައި ގަންނަ ފެންވަރަށް ހެދެން ޖެހޭނެ އެވެ. އެކަން އެގޮތަށް ނުކުރެވޭ ނަމަ ފާޑު ވެސް ކިޔާނެ އެވެ. އެކަމަކު ފާޑު ކިޔަނީ މި މަސައްކަތް ކުރާ މީހުންނާ ޒާތީވެގެން ނުވަތަ އެ މީހުންގެ ހިތްވަރު އެލުވައިލުމުގެ ބޭނުމުގައެއް ނޫނެވެ.
ރާއްޖޭގައި މިހާރު މީޑިއާ ވެސް ކުރިއަރާފައި އޮތް ހިސާބަށް ބަލާ އިރު، ފިލްމީ މަސައްކަތްތަކަށް ވެސް މީޑިިއާތަކުން ވަރަށް ގާތުން ފާރަލާނެ އެވެ. މިއީ ރާއްޖޭން ބޭރުގައި ވެސް މިކަން އޮތް ގޮތެވެ.
ދިވެހި އުފެއްދުންތަކުގައި ހުރި ރަނގަޅު ކަންކަމާއި ގޯސް ކަންކަމާއި ރަނގަޅު ކުރަންވީ ކަންކަން މީޑިއާތަކުން ފާހަގަ ކުރާނެ އެވެ. އަދި އެކަން މީޑިއާތަކުން ކުރަން ޖެހޭނީ ވެސް އަދި ކުރާނީ ވެސް ވަކި މީހެއްގެ ނުވަތަ ވަކި ބައެއްގެ މޫނަކަށް ކަނދުރާއަކަށް ބަލައިގެނެއް ނޫނެވެ.
ފާޑު ކިޔާ ނަމަ، ހަމަހަމަ އުސޫލަކުން ހުރިހާ އެއްޗަކަށް ވެސް ފާޑު ކިޔާނެ އެވެ. އެއީ ވަކި ފަރާތަކަށް ޖެހިގެން ނުވަތަ ވަކި މީހަކަށް "ވިކިފައި ހުރެގެން" ކުރަން ޖެހޭ ކަމެއް ނޫނެވެ.
ވަކި މީހަކު ހެދި ފިލްމަކަށް ވާތީ އެއަށް ސަނާ ކިޔާފައި، ވަކި މިވެނި މީހަކު ހެދި އެއްޗަކަށްވާތީ އޭގައި ހަމަ ރަނގަޅު އެއްކަމެއް ވެސް ނެތުމަކީ މައްސަލައެކެވެ. ފިލްމް އުފައްދާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ އެންމެ ބޮޑު ޝަކުވާއަކީ ވެސް، މައްސަލައަކީ ވެސް މިއީ ކަމަށް ވެދާނެ އެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްވެރިންނާ ދޭތެރޭ ނުކިއްސަރު ނަޒަރަކުން ބަލަން ފުރުސަތު ލިބެނީ ވެސް އެފަދަ ކަންކަމާ ހެދި ކަމަށްވުން ގާތެވެ.
"ފާޑު ކިޔުމަކީ ކުރިއެރުމެއް ކަމަށް އަހަރެން ދެކެނީ. ފާޑު ކިޔައިގެން މި ދާއިރާގެ ކަންކަން ރަނގަޅު ވެސް ވެފައި އެބަހުރި. އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް. އަބަދު ސަނާ ކިޔާ ކަމަށް ވަންޏާ، ކުރިއެރުމެއް ނުފެންނާނެ،" ކާމިޔާބު ގިނަ ފިލްމްތަކެއް އުފައްދާފައިވާ ޑައިރެކްޓަރަކު ބުންޏެވެ. "ކަންކަން ރަނގަޅު ކުރުމުގެ ވިސްނުމެއް ވެސް ނުހުންނާނެ."
އޭނާ ބުނީ ރާއްޖޭގައި ފިލްމް ހަދާ މީހުން މިހާރު އެންމެ ކަންބޮޑުވާ އެއް މައްސަލައަކީ ނޫސްވެރިން (ކްރިޓިކުން) ފިލްމުތަކުގެ ރިވިއު ލިޔާތީ އެވެ. އެއީ ކުރިން އެއްވެސް ވަރަކަށް ނެތް ކަމަކަށްވާތީ، މިހާރު އެކަން ކުރުމުން ބަލައި ގަންނަން އުނދަގޫ ވަނީ އެވެ.
އެހެންވެ ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން "ރަތަށް އަރަނީ" އެވެ.
"އެއްގޮތުން ބަލާ އިރު ފިލްމްތަކުގެ ރިވިއު ގެނައުމަކީ ވަރަށް ރަނގަޅު ކަމެއް. އެކަމަކު އެކަން ކުރަން ވާނީ އެކަން ކުރަންވާ ގޮތަށް، ޕްރޮފެޝަނަލްކޮށް. ބައެއް ފަހަރުވާ ގޮތަކީ ރިވިއުއަކަށް ވުރެ ބޮޑަށް ބައެއް ލިޔުންތެރިންނަށް ޒާތީ ހާސަރުގަނޑުތަކެއް ދެމިފައި ހުންނަނީ،" އޭނާ ބުންޏެވެ. "ރިވިއު ގެނައުން ރަނގަޅޭ އަހަރެން މި ބުނާ އެއް ސަބަބަކީ އެއީ ފިލްމަށް އެހެން ބައެއްގެ ފަރާތުން އޮޕީނިއަން އަންނާތީ."
ރާއްޖޭގެ މަޝްހޫރު ސްކްރީން ރައިޓަރަކު ބުނި ގޮތުގައި ފިލްމުތަކުގެ ރިވިއު ގެންނަން އޭނާ ވަރަށް ތާއީދެވެ. މައްސަލައަކީ އެކަން ހަޖަމު ކުރަން ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް އުނދަގޫވުމެވެ.
"ބައެއް ޕްރޮޑިއުސަރުން އެބަ ގަބޫލު ކުރެވޭ ދިވެހި ފިލްމެއްގެ ރިވިއު ގެންނަންޏާ އެކަން ކުރަން ޖެހޭނީ ފިލްމް ސްކްރީންގައި ދައްކާނެ ވަރަކަށް ދައްކައި ނިމުމުން ކަމަށް. އަދި ފިލްމް އަޅުވާ ހިސާބުން ރިވިއު ގެނައުމަކީ ފިލްމްގެ ވިޔަފާރި ހަލާލުކޮށްލުން ކަމަށް އެފަދަ މީހުން ދެކެނީ." އޭނާ ބުންޏެވެ. "މީގައި އެ މީހުންގެ ހައްގު އޮތް ގޮތަށް ބެލުންތެރިންގެ ހައްގު ވެސް އެބަ އޮތް. ޓިކެޓް ގަނެގެން ސިނަމާ އަށް ވަންނާނީ ރަނގަޅު ފިލްމެއް ބަލާލަން އުންމީދުކޮށްގެން. އެ ކުރި ހަރަދާ އެއްވަރުގެ މަސައްކަތެއް ދެއްކިފައި ނެތް ނަމަ، އެއީ ބެލުންތެރިންނަށް ވެސް ވެވޭ ބޭއިންސާފެއް."
އެހެންވެ އޭނާ ގަބޫލު ކުރާ ގޮތުގައި ފިލްމެއް ރިލީޒްވުމާ އެކު، ބެލުންތެރިންގެ ހައްގުގައި ވެސް "ކްރިޓިކުންގެ ފެއާ ޖަޖްމަންޓެއް" އަންނަން ވާނެ އެވެ.
ދިވެހި ފިލްމްތަކަށް ލޯބި ކުރާ މީހަކު ބުނި ގޮތުގައި އޭނާ މިހާރު ފިލްމަކަށް ދާނީ އޭގެ ރިވިއު ކިޔާލައިފަ އެވެ. އަދި އެއީ ކޮންމެހެން ދިވެހި ފިލްމަކަށް ވެގެން އޭނާ ނިންމި ނިންމުމެއް ވެސް ނޫނެވެ.
"އެހެން ނޫނީ ހަމަ ބޭކާރު ކަމަކަށް ވާނީ. ސަތޭކަ ރުފިޔާ ދީފައި ވޯތު ނޫން އެއްޗެއް ބަލަން ދިއުމުގެ މާނައެއް ނެތް. އެއީ ވަގުތާއި ފައިސާ އާއި ހަކަތަ ވެސް ބޭކާރު ގޮތުގައި ދުއްވާލުން،" އޭނާ ބުންޏެވެ. "އެކަމަކު އަދިވެސް އެންމެ އެދެވޭ ގޮތަކަށް ނޫން [ދިވެހި ފިލްމުތަކުގެ] ރިވިއު ގެނެސް ދެވިފައި ހުންނަނީ. އަދި ސިނަމާ އަށް އަންނަ ހުރިހާ ފިލްމެއްގެ ރިވިއު ނުވެސް ގެނެސް ދެވޭ. އެއީ މައްސަލައެއް."
ގިނަ ފިލްމަތަކެއް ހަދާފައިވާ ޕްރޮޑިއުސަރަކު ބުނި ގޮތުގައި ރިވިއު ގެނައުމަކީ ދުވަހަކު ވެސް ގަބޫލު ކުރާނެ ކަމެއް ނޫނެވެ.
އޭނާ އަށް މައްސަލައަކީ މިއެވެ؛ އަހަރަކު ހަތަރު ފިލްމް ހަދާ ތަނެއްގައި ރިވިއު ގެނެސް ދޭ ނަމަ، ފިލްމްގެ ވިޔަފާރި "ހަލާކު ވާނެ" އެވެ. ރިވިއު "ނެގަޓިވްވެއްޖެ ނަމަ" ފިލްމްގެ ވިޔަފާރި އެއްކޮށް ހުއްޓުނީ އެވެ.
އެކަމަކު ހަމަ މިއާއެކު މީގެ އަނެއްކޮޅު ވެސް އޮތްކަން ގަބޫލު ކުރަން ޖެހެ އެވެ. އެއީ ރިވިއު "ޕޮޒިޓިވްވެއްޖެ ނަމަ" ފިލްމްގެ ވިޔަފާރި ރަނގަޅުވުމެވެ. އެކަމަކު އެ ދެ ކަންތައް ގުޅެނީ ފިލްމަށް ކުރެވިފައި ހުރި މަސައްކަތާ އެވެ.
މި މައްސަލާގައި އެހެން ނަޒަރަކުން ވިސްނައިފި ނަމަ، ރިވިއުތަކަށް ދިވެހި ފިލްމް ހަދާ ބައެއް މީހުން "ނަފުރަތު ކުރަނީ" އެ މީހުންކޮށްފައި އޮތް މަސައްކަތާ ދޭތެރޭ އޮންނަ އިތުބާރު ކުޑަވުމުންނެވެ. ބެލުންތެރިންނަކީ އަދިވެސް "ގަމާރުން ކަމަށް ގަބޫލު ކުރެވޭތީ" އެވެ.
"މި ވާހަކަ މިގޮތަށް ބުނީމަ ބައެއް މީހުން ބުނެފާނެ ބޮލީވުޑާއި ހޮލީވުޑްގައި ވެސް ރިވިއު ގެނެސްދެއޭ. އެކަން މައްސަލައަކަށްވެގެނެއް އެ މީހުންނެއް ނޫޅެއޭ،" އޭނާ ބުންޏެވެ. "އަހަރެން ބުނާނީ ދިވެހި ފިލްމް އިންޑަސްޓްރީއަކީ އެ ދެ އިންޑަސްޓްރީއާ އަޅާކިޔާން ހެޔޮ ވެސް ވާރުގެ ކަމެއް ނޫނޭ. އެ މީހުންގެ ފިލްމްތައް ބަލަން، މިލިއަނުން ބިލިއަނުން މީހުން އެބަ ތިބި. ބަޖެޓަކީ އެ މީހުންނަށް ފެންފޮދެއް ކަހަލަ ކަމެއް. އަހަރެމެން އެހެންތަ؟ ފިލްމް ހަދަން މިތިބީ ދެތިން ހަތަރު މީހެއް. ބަލަން މިތިބީ އެންމެ ގިނަވެގެން ވެސް ލައްކައެއްހާ މީހުން. ދިވެހި ފިލްމެއް ވެސް މިހާރު ނެހެދޭނެ މަދުވެގެން ދެ ލައްކައެއްހާ ރުފިޔާގެ ބަޖެޓަކުން ނޫނީ. ރިވިއުއޭ ކިޔާފަ މި ލިޔާ އެއްޗެހިން ފިލްމްގެ ވިޔަފާރި ހަލާކުވާކަށް އެއްވެސް ޕްރޮޑިއުސަރަކު ބޭނުމެއް ނުވާނެ."
ރިވިއުތަކާ ދޭތެރޭ ހުރީ މަސްހުނި ހިޔާލުތަކެވެ. އެކަމަކު އެއީ ފިލްމް ހަދާ މީހުން މިހާރު ބަލައި ގަންނަން ޖެހޭ އެއްޗެކެވެ. އެއީ މި މަސައްކަތުގެ ކުރިއެރުމުގެ އެއް ބައެވެ.
ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ މި ޒަމާނުގައި ފާޑު ކިޔާނެ ކަމެވެ. އެކަން ނުހުއްޓުވޭނެ ކަމެވެ. އެކަމަކު އެކަން ގަބޫލު ކުރުމާއި ނުކުރުން އެއީ މުޅިން އެހެން މައްސަލައެކެވެ.