ހާޑް ޑިސްކުގެ މައްސަލައިގައި މައުމޫނާ ސުވާލުކޮށްފި
ހާޑް ޑިސްކުގެ މައްސަލައިގައި މައުމޫނާ ސުވާލުކޮށްފި

ހ. ތެމާގައި ހިންގި ހިންގި ޕީޕީއެމްގެ ރަސްމީ އޮފީހުން ހާޑް ޑިސްކު ގެއްލުނު މައްސަލައިގައި، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މިއަދު ފުލުހުން ސުވާލުކޮށްފި އެވެ.

ޕީޕީއެމުން ބުުނިގޮތުގައި އެ މައްސަލައިގައި ފުލުހުން މައުމޫނާ ސުވާލު ކުރީ މިއަދު މެންދުރު ފަހު، މައުމޫންގެ އޮފީހުގަ އެވެ.

މިކަމާ ގުޅޭގޮތުން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހާޑު ޑިސްކާ ގުޅޭގޮތުން ފުލުހުން މިއަދު ސުވާލު ކުރީ ވަރަށް އިހުތިރާމާއެކުގައި ކަމަށެވެ. އެ ހާޑިސްކާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް އެނގިވަޑައިނުގަންނަވާ ކަމަށް ފުލުހުންނަށް ދެންނެވި ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ އޮފީހަށް ގަދަކަމުން ވަދެ، ގަވައިދާ ހިލާފަށް ތަކެތި ގެންދިޔަ މީހުންނާ އެ ސުވާލު ކުރުމަށް ވެސް ފުލުހުންނަށް ދެންނެވި ކަމަށް މައުމޫންގެ ޓްވީޓްގައިވެ އެވެ.

ހާޑު ޑިސްކު ހޯދަން ފުލުހުން މީގެ ކުރިން ވަނީ ކޯޓު އަމުރެއްގެ ދަށުން ރައީސް މައުމޫންގެ އޮފީހާއި އެ ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ދިރިއުޅޭ އެޕާޓްމެންޓް ވެސް ބަލައި ފާސްކޮށްފަ އެވެ. އަދި އަލީމްގެ އިތުރުން މައުމޫން ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނެގި އެވެ.

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ކޯޓުން ހަވާލުކުރުމާ އެކު ޕީޕީއެމްގެ އޮފީހުގައި ހުރި މުދާތައް ގެންދިޔައީ އެމަނިކުފާނު ފެކްޝަނަށް ނިސްބަތްވާ ބައެކެވެ. އޮފީހުން މުހިއްމު ލިޔެކިޔުންތައް މަދު ކަަމަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ވެސް އެ ފެކްޝަނުންނެވެ.

ނާދިރާ ވިދާޅުވީ ހާޑު ޑިސްކު ހޯދަން މައުމޫނާ ސުވާލު ކުރެއްވި ނަމަވެސް، އޭގައި ހުރި ޑޭޓާ ބޭސްގެ މައުލޫމާތުތައް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިހާރު ވެސް ބޭނުން ކުރަމުން އަންނަ ކަމަށެވެ.

"(ރައީސް ޔާމީންގެ ކެމްޕޭން ފެށުމަށް) މާދަމާ ރޭ ހުޅުމާލޭގައި ބާއްވާ އިވެންޓުގައި ބައިވެރިވުމަށް، މީހުންނަށް ގުޅަނީ ވެސް އެ ހާޑު ޑިސްކުގައި ހުރި ނަމްބަރުތަކަށް. އެ ޑޭޓާ ބޭސްތައް ނެތިއްޔާ ކިހިނެއްތޯ ގުޅާނީ،" ނާދިރާ ވިދާޅުވި އެވެ.