އޮޅުވާލައިގެން 180،000ރ. ޓްރާންސްފާކުރި މީހާ 1 އަހަރު ވީއިރު ވެސް ނުހޯދޭ
އޮޅުވާލައިގެން 180،000ރ. ޓްރާންސްފާކުރި މީހާ 1 އަހަރު ވީއިރު ވެސް ނުހޯދޭ

އެކައުންޓުގެ ވެރި ފަރާތަށް ނޭނގި އެ އެކައުންޓުން އެހެން މީހެއްގެ އެކައުންޓަށް 180،000ރ. ޓްރާންސްފާ ކުރި ކަމުގެ ތުހުމަތުގައި މީގެ އަހަރެއް ކުރިން ހޯދަން އިއުލާން ކުރި މީހަކު ނުފެނިގެން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

ފުލުހުން އެންމެ ފުރަތަމަ އެ މީހާ ހޯދަން އިއުލާން ކުރީ، މިދިޔަ އަހަރު ސެޕްޓެމްބަރު 6 ގަ އެވެ.

ފުލުހުން އާންމުކުރި ވީޑިއޯގައި ފެންނަނީ އަންހެނެކެވެ. ވީޑިއޯއިން ފެންނަނީ އެ މީހާ ރެސްޓޯރަންޓެއްގެ ތެރެއިން ހިނގާފައި އަންނަނިކޮށެވެ.

ފުލުހުން ބުނީ، އެ މީހާ އަކީ ވެރިފަރާތަށް ނޭނގި 180،000ރ. އަށް ވުރެ ގިނަ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޓްރާންސްފާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުން އަންނަ ކަމަށެވެ.

މި ވީޑިއޯގައިވާ ފެންނަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ވީހާ ވެސް އަވަހަކަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މަކަރާއި ހީލަތުގެ އެކި އަމަލުތައް ހިންގައިގެން މީހުންގެ އަތުން ފައިސާ އަތުލުން އާންމުވެފައި ވާތީ ފުލުހުންނާއި ބޭންކުތަކުން ގެންނަނީ އެކަމަށް އާންމުން ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.