08 ޖޫން 2016 - 16:03

ސިންގަޕޫރު (ޖޫން 8) - ސިންގަޕޫރުގެ ސަރުކާރު މުވައްޒަފުންގެ ކޮމްޕިއުޓަރުތަކުން އަންނަ އަހަރުގެ މެއި މަހުން ފެށިގެން އިންޓަނެޓް ކަނޑާލާ ގޮތަށް ހަމަޖައްސައިފި އެވެ.

ޓެކްނޮލޮޖީ އަށް އަހުލުވެރި ސިންގަޕޫރު ސަރުކާރުގެ އާދަޔާޚިލާފު ނިންމުން އައިސްފައި ވަނީ ސަރުކާރުގެ ރަސްމީ ލިޔުންތައް ލީކްވުން ހުއްޓުވުމަށް އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށް ސްޓްރައިޓް ޓައިމްސް އިން ބުނެފައިވެ އެވެ. އަދި ސިންގަޕޫރުގެ ސަރުކާޒުގެ އެއްވެސް މުވައްޒަފަކު އެ މީހެއްގެ މަސައްކަތާ ގުޅޭ ދާއިރާގެ އެއްވެސް އީމެއިލެއް އަމިއްލަ އީމެއިލް އެކައުންޓަށް ފޯވާޑް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
ބައެއް ފަރާތްތަކުން ދަނީ މި ނިންމުމަށް ފާޑުކިޔަމުންނެވެ. އަދި މިއީ އެ ގައުމުގެ ސްމާޓް ނޭޝަން ޓެކްނޮލޮޖީ އިނީޝިއޭޓިވްއާ ތައާރަޒްވާ ނިންމުމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އިންފޮމޭޝަން ޑިވެލޮޕްމަންޓް އޮތޯރިޓީ (އައިޑީއޭ) އިން ބުނެފައި ވަނީ ސައިބާ ހަމަލާތަކުން ދިފާއުކޮށް މަސައްކަތްތެރިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދޭނެ ކަމަށެވެ. އަދި ސިންގަޕޫރުގެ އައިޓީ ސިކިއުރިޓީ ދޭތެރެ ދޭތެރޭން މުތާލިއާކޮށް އައިޓީ ވިއުގައިގެ ރައްކާތެރިކަމަަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ސިންގަޕޫރަށް ވެސް މީގެ ކުރިން ވަނީ ސައިބާ ހަމަލާތައް އަމާޒުވެފަ އެވެ. މި ގޮތުން 2013 ވަނަ އަހަރު ވަނީ ބޮޑު ވަޒީރުގެ ރަސްމީ ވެބްސައިޓް ހެކްކޮށްފަ އެވެ. އޭގެ ފަހުން ސިންގަޕޫރުން ވަނީ އައިޓީ ސިކިއުރިޓީ އަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފަ އެވެ.
ސިންގަޕޫރަކީ އޮންލައިންކޮށް ގިނަ ޚިދުމަތްތައް ދޭ ގައުމެކެވެ. ކައިވެންޏަށް ރަޖިސްޓްރީ ކުރުމާއި ފުލުހުންނަށް މައްސަލަ ހުށަހެޅުމާއި ޑޮކްޓަރުންނާ ވީޑިއޯ ކޮންސަލްޓޭޝަން ހަދަނީ ވެސް އޮންލައިންކޮށެވެ.
ސަރުކާރުގެ ގާތްގަނޑަކަށް ލައްކައެއްހާ ވޯކް ސްޓޭޝަނުން އިންޓަނެޓް ކަނޑާލި ނަމަވެސ މުވައްޒަފުންގެ އަމިއްލަ ޑިވައިސްތަކަށް ނެޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އައިޑީއޭ އިން ބުންޏެވެ.