ކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށް
ކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށް

ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އޭޕްރީލް، 2020 ގައި ކ. އަތޮޅުގެ ރަށަކުން މުހައްމަދު ޝައިބާން ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކުރީ ކުއްޖާ ދިރިއުޅޭ ގޯތި ތެރޭގައި ވަކިން ހަދާފައި ހުރި ކޮޓަރިއެއްގެ ތެރެއަށް އެ ކުއްޖާ ގެންދިއުމަށް ފަހު ޖިންސީ ގޯނާ ކުރި މައްސަލައެއްގަ އެވެ.

އެ މައްސަލާގައި ދައުލަތުން އޭނާއަށް ދައުވާކުރީ ކުޑަކުއްޖެެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގަ އެވެ.

އެކަމަކު އެ ދައުވާއަށް އޭނާ އިންކާރުކުރުމާ ގުޅިގެން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހާއި ގަރީނާތަކަށް ބެލުމުން، އެ މައްސަލާގައި ޝަކުވާކުރި ކުއްޖާގެ ހެކި ބަސް އެއްގޮތް ކަމަށާއި އޭނާއާ ގުޅޭގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުބައި ނިޔަތެއް އެ ކުއްޖާގެ ކިބައިގައި އޮތްކަން އެނގެން ނެތުމުން އެ ދައުވާ ސާބިތުވާ ކަމަށް ކޯޓުން މިއަދު ކުރި ހުކުމްގައިވެ އެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށަށް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން ޝައިބާން، 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 7 އަހަރާއި 4 މަސް ދުވަހުގެ ޖަލު އަދަބެއް ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.