04 ޑިސެމްބަރ 2022 - 19:56

ފެނަކައިގެ މުވައްޒަފުން ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމައި އިތުރު ގަޑީގައި ހުއްދަ ލިބިގެން ނޫނީ މަސައްކަތް ނުކުރުމަށް އެ ކުންފުނިން އަންގައިފި އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ސޮއިކުރައްވައި، ކުންފުނީގެ މުވައްޒަފުންނަށް ފޮނުއްވި ސާކިއުލާގައި ވަނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ދުވަހުން ދުވަހަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ރަސްމީ ގަޑީގައި ނިންމުމަށް އަންގަވައިފަ އެވެ.
އެ ކުންފުނީގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު އަށަކުން މެންދުރު ފަހު ތިނެއް ޖެހުމާ ހަމައަށެވެ. އޭގެ ފަހުން ކުންފުނީގެ ބްރާންޗުތަކާއި ޑިޕާޓްމަންޓްތަކުން ނުވަތަ މުވައްޒަފުން މަސައްކަތްކުރާ ނަމަ، އެކަން ކުރެވޭނީ ހާއްސަ ހުއްދައެެއް ލިބިގެން ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.
ފެނަކައިގެ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ނުކުރެވޭ ގޮތަށް ނިންމެވީ ކީއްވެތޯ ސުވާލުކުރެއްވުމުން ސައީދު، "މިހާރު" އަށް ވިދާޅުވީ އެ ނިންމުމަކީ ރަސްމީ ގަޑީގައި މަސައްކަތް ނިންމުމަށް ބާރު އެޅުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ.
"މަސައްކަތަށް ކަނޑައަޅާފައިވާ ގަޑިއަށް މަސައްކަތްކުރުމުގެ އަހުލާގު މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމަށް،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގެ 154 ރަށަކަށް ކަރަންޓުގެ ހިދުމަތްދޭ، އެ ކުންފުނީގައި 3،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ އެ ކުންފުންޏަކީ ކުރިން ކޮންމެ އަހަރަކު ގެއްލުމުގައި ހިންގަމުން އައި ކުންފުންޏެއް ނަމަވެސް މިދިޔަ ތިން އަހަރު އެ ކުންފުނި ހިންގާފައި ވަނީ ފައިދާ ނެރެގެންނެވެ.