ގިނަ އަދަދަކަށް މިޔަރު ބޭނި ލަންކާގެ ތިން ބޯޓެއް އަތުލައިގެންފި
ގިނަ އަދަދަކަށް މިޔަރު ބޭނި ލަންކާގެ ތިން ބޯޓެއް އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެެރިކަން ކުރަނިކޮށް ސްރީ ލަންކާގެ ތިން މަސް ބޯޓު އަތުލައިގެންފި އެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑުގެ ޝިޕް ގާޒީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރަމުންދަނިކޮށް ލަންކާގެ ތިން މަސް ބޯޓު ރާއްޖެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ފެނިގެން ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ ބޯޓުތަކުގައި ގިނަ އަދަދަކަށް މިޔަރާއި އެހެން ބާވަތްތަކުގެ މަސް ހުރި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެެވެ.

އަތުލައިގަތް ތިން މަސް ބޯޓު މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު އެމްއެންޑީއެފުން ބުނީ އެ ބޯޓުތައް ދޫނިދުއާ ހަމައަށް ގެނެވޭނެ ކަމަށް ލަފާކުރަނީ މިރޭ ދަންވަރު 1 ގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އޭގެ ތެރެއިން ދެ މަސް ބޯޓު، ކޯސްޓްގާޑް ޝިޕް ގާޒީގެ ބެލުމުގެ ދަށަށް ގެނައީ މިދިޔަ މަހުގެ 30 ގަ އެވެ. "ބަނޫޒަން އަދި "ރަތު 01" ނަމަކަށް ކިޔާ މި ދެ ބޯޓުގައި ލަންކާގެ ހަ ފަޅުވެރިން ތިއްބެވެ.

މިމަހުގެ އެއް ވަނަ ދުވަހު، ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނައި ލަންކާގެ މަސް ބޯޓަކީ "ލަކްޕްވިޔާ ދެނެތު" ކިޔާ ބޯޓެކެވެ. އެ ބޯޓުގައި ހަތް ފަޅުވެރިން ތިއްބެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ކަނޑުގެ ސަރަަހައްދުގައި މަސްވެރިކަން ކުރަނިކޮށް ބޭރުގެ އެކި ބޯޓުތައް އަތުލައިގެންފައިވެ އެވެ.