13 ޖެނުއަރީ 2017 - 06:43

ޓީވީ ރިމޯޓެއް ވަގަށް ނަގައިގެން އެމެރިކާގެ 35 އަހަރުގެ ފިރިހެނަކު 22 އަހަރަށް ޖަލަށް ލާން އެމެރިކާގެ ކޯޓަކުން ހުކުމް ކޮށްފި އެވެ. ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ މި ހުކުމް އިއްވަން ޖެހުނީ ތަކުރާރުކޮށް ކުށް ކުރަމުންދާތީ ކަމަށެވެ.
ޗިކާގޯ ޓްރިބިއުން އިން ބުނީ އިލިނޮއިގެ ވީޓަން ކިޔާ ރަށުގައި ދިރިއުޅޭ އެރިކް ބްރެމްވެލް އަށް މިހާ ދިގު ހުކުމެއް އައީ އޭނާ މާޒީގައި ކޮށްފައިވާ ކުށްތަކަކަށް ރިއާޔަތް ކޮށްފައި ކަމަށެވެ.
ބްރަމްވެލްއާ ދެކޮޅަށް އުފުލި ދައުވާގައި ބުނެފައިވަނީ އޭނާ އޮގަސްޓް 1، 2015 ގައި އިމާރާތެއްގެ އެޕާޓްމަންޓަކަށް ވަދެ ޓީވީ ރިމޯޓެއް ވަގަށް ނެގި ކަމަށެވެ.
ރިމޯޓް ވަގަށް ނެގީ ބްރަމްވެލް ކަން އެނގުނީ ވައްކަން ކުރި އިރު އަތަށް ލެއްވި އަންގި އެއްލާލާފައި އޮއްވައި ފެނި އެއިން ލިބުނު ޑީއެންއޭ ސާމްޕަލްގެ އެހީގަ އެވެ.
އެހިސާބުގަނޑުގައި ހުންނަ އެޕާޓްމަންޓްތަކުން ރިމޯޓާއި ޓީވީ ސެޓުތައް ބްރޮމްވެލް ކުރިން ވެސް ވަރަށް ގިނައިން ވަގަށް ނަގަ އެވެ. ނަމަވެސް އޭގެ ކުރިން އެއްވެސް ފަހަރަކު އޭނާއާ ދެކޮޅަށް ހެކި ލިބިފައެއް ނުވެ އެވެ.
ސްޓޭޓް އެޓާނީ ރޮބަޓް ބާލިން ކޯޓުގައި ވިދާޅުވެފައިވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބްރަމްވެލް ފިލައިގެން އުޅެފައިވާ ކަމަށާއި އެންމެ ފަހުން ގާނޫނު އޭނާއާ އަރާ ހަމަކުރީ ކަމަށެވެ.
ބްރޮމްވެލް އަތުލައިގަތީ ކުޑަ ކުށެއް ކޮށްގެން ނަމަވެސް އޭގެ ކުރިން އޭނާއަކީ ހިތަށް އެރި އެއްޗެއް ހިތަށް އެރި ވަގުތަކު ވަގަށް ނަގަމުން ދިޔަ މީހެކެވެ.
ޖަޖް ރޮބާޓް މިލާ ބްރަމްވެލް އަށް ހުކުމް އިއްވަމުން ވިދާޅުވީ ބްރޮމްވެލް ޕެރޯލް އަށް ޝަރުތުހަމަވާނީ ވެސް ހުކުމުގެ އެއް ބައި ފުރިހަމަ ކުރުމުން ކަމަށެވެ. ބްރޮމްވެލްގެ މައްސަލަ ކޯޓުގައި ހިނގަމުން ދިޔައިރު އެއް ދުވަހު ކޯޓުގައި ހުތުރު އެއްޗެކޭ ބުނެގެން ބްރަމްވެލްގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވެ އެވެ.