04 ޑިސެމްބަރ 2022 - 16:32

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ދިރާގާއި އެމްއޭޕީޑީ ގުޅިގެން ކުޅުދުއްފުށީގައި ތަފާތު ހަރަކާތްތަކެއް ބާއްވައިފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)އާ ގުޅިގެން ބޭއްވި ހަރަކާތްތަކުގެ ތެރޭގައި "ހެލްތް އެންޑް ވެލްނެސް" ކޭމްޕަކާއި ރާއްޖޭގެ ފުރަތަމަ ގައުމީ ޕެރަލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން އިންކްލޫސިވް ސްޕޯޓްސް ފެސްޓިވަލެއް ހިމެނެ އެވެ.

ދިރާގުން ބުނި ގޮތުގައި، "ހެލްތް އެންޑް ވެލްނެސް" ކޭމްޕުގައި ނުކުޅެދުންތެރިކަން ހުންނަ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.
އެ ކޭމްޕުގައި މެޑިކަލް ސްކްރީން ކުރުމާއި ތެރަޕީ އަދި ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިޔަ އެވެ.
އެ ސެޝަންތައް ފޯރުކޮށްދިން ޓީމުގައި ދިވެހި އަދި ބޭރުގެ ސްޕެޝިއަލިސްޓުންގެ ތެރޭގައި ސްޕީޗް އެންޑް ހިއަރިން ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް އެންޑް ބިހޭވިއާ ތެރަޕިސްޓުންނާއި ޑެންޓިސްޓުންނާއި ޕީޑިއެޓްރިކް އޯތޮޕީޑިކް ތެރެޕިސްޓުން އަދި ފިޒިއޮތެރަޕިސްޓުން ހިމެނެ އެވެ.
އޭގެ އިތުރުން، ރާއްޖޭގެ ފުރަތަމަ ގައުމީ ޕެރަލިމްޕިކް ދުވަސް އިފްތިތާހުކުރުމަށް ހާއްސަ ހަފްލާއަކާއި އިންކްލޫސިވް ސްޕޯޓްސް ހަވީރެއް ބޭއްވި އެވެ. އެ ހަރަކާތްތައް ފައްޓަވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ.
އިންކްލޫސިވް ސްޕޯޓްސް ހަވީރުގައި ކުޅުދުއްފުށި ސިޓީގެ 90 އަށް ވުރެ ގިނަ ކުދިން ބައިވެރިވި ކަމަށް ދިރާގުން ބުންޏެވެ.
އެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭޕީޑީ ޗެއާޕާސަން އަހްމަދު މުހައްމަދު ވިދާޅުވީ 2011 ވަނަ އަހަރުން ފެށިގެން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޕްލެޓްފޯމެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.
"މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފެދުމާ އެކު ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި ގިނަ އަހަރުތަކެއް ވަންދެން ގަވައިދުން ބައިވެރިވި ބައެއް ކުދިންނަށް ބައިނަލްއަގްވާމީ ޕެރަލިމްޕިކް ކުޅިވަރުތަކުގައި ބައިވެރިވުމުގެ ޔަގީންކަމާއި އިތުބާރު ވަނީ ލިބިފައި،" އަހްމަދު ވިދާޅުވި އެވެ.
ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި، ކުޅުދުއްފުށި ސިޓީގައި ބޭއްވި އެ ހަރަކާތްތަކަށް ސަޕޯޓު ދިނުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެކެވެ.
މުޖުތަމައުތައް ބާރުވެރިކުރުވާ، މުޖުތަމައުގެ އެންމެން ޝާމިލުވާ ގޮތަށް މިފަދަ ސީއެސްއާރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އިސްކަންދޭން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.