2036 ގެ އޮލިމްޕިކްސް ބާއްވަން ގަތަރުން ބޭނުންވޭ
2036 ގެ އޮލިމްޕިކްސް ބާއްވަން ގަތަރުން ބޭނުންވޭ

ގަތަރުން، 2036 ގެ ހޫނު މޫސުމުގެ އޮލިމްޕިކްސް މުބާރާތަށް ބިޑް ކުރަން މަސައްކަތް ކުރާ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މުބާރާތާ އެކު އެ ގައުމަށް ވަނީ ބިޑް ކާމިޔާބު ކުރުމުގެ އިތުބާރު ވެސް ބޮޑު ވެފަ އެވެ.

ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން 2036 ގެ ބިޑް ކާމިޔާބުކުރާ ފަރާތެއް ކަނޑައަޅާނީ 2025 ވަނަ އަހަރެވެ.

އިންޑިއާ އާއި އިންޑޮނޭޝިއާ އަދި ތުރުކީ އިން ވެސް 2036 ވަނަ އަހަރުގެ އޮލިމްޕިކްސް ބާއްވަން ޝައުވެރިކަން ފާޅުކޮށްފައި ވެއެވެ. މިއާ އެކު ވެސް ގަތަރުން ބިޑް ކާމިޔާބު ކޮށްފި ނަމަ 2036 ގެ އޮލިމްޕިކްސް ވެގެން ދާނީ މުސްލިމް ގައުމެއްގައި ބާއްވާ ފުރަތަމަ އޮލިމްޕިކްސް މުބާރާތަށެވެ.

ގަތަރުން ވަނީ 2016 އަދި 2020 ވަނަ އަހަރުގެ އޮލިމްޕިކްސް ބާއްވަން ވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ހޫނުމޫސުމުގައި ގަތަރުގެ ހޫނުމިން އިންތިހާއަށް މަތި ވާތީވެ، ދެ ފަހަރު ވެސް ގަތަރުގެ ބިޑް ޝޯޓްލިސްޓެއް ނުކުރެ އެވެ. އެ ދެ އަހަރު އޮލިމްޕިކްސް ބޭއްވީ ބްރެޒިލްގެ ރިއޯ ޑި ޖެނީރޯ އާއި ޖަޕާނުގެ ޓޯކިޔޯގަ އެވެ.

ވޯލްޑް ކަޕުގެ އެހެން ފަހަރުތަކާ ހިލާފަށް މި އަހަރުގެ ވޯލްޑް ކަޕް ގަތަރުގައި ކުރިއަށް ދަނީ، އަހަރުގެ ފަހު ކޮޅުގަ އެވެ. ގަތަރުގެ ހޫނުމިން މައްޗަށް ދާތީ ސްޓޭޑިއަމްތައް ވެސް ވަނީ އޭސީކޮށްފަ އެވެ. ވޯލްޑް ކަޕަށް ހާއްސަކޮށް ގަތަރުން ވީ ތައްޔާރީ އާއި ހޫނު މިން ކޮންޓްރޯލް ކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން އޮލިމްޕިކް ގޭމްސް ވެސް އަހަރުގެ ފަހުކޮޅު ގަތަރުގައި ބާއްވަން އެއްބަސް ވާނެކަމަށް އެ ގައުމުން ދެކެ އެވެ.

ގަތަރުން ވަނީ 2006 ވަނަ އަހަރުގެ އޭޝިއަން ގޭމްސް ހޯސްޓް ކޮށްފަ އެވެ. އަދި އެ ގައުމުން ވަނީ 2030 ވަނަ އަހަރުގެ އޭޝިއަން ގޭމްސް ބާއްވަން ބިޑް ކާމިޔާބު ކޮށްފަ އެވެ.

މީގެ ކުރިން ވެސް އައިއޯސީ އިން ވަނީ އަހަރުގެ ފަހުކޮޅު އޮލިމްޕިކް މުބާރާތް ބާއްވައިފަ އެވެ. ޖަޕާނުގައި 1964 ގެ އޮލިމްޕިކްސް އޮކްޓޫބަރު މަހަށް ފަސްކުރި އެވެ. އަދި ދެކުނު ކޮރެއާ ގައި 1988 ވަނަ އަހަރުގެ އޮލިމްޕިކްސް ބޭއްވީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ. މީގެ އިތުރުން 2000 ވަނަ އަހަރު އޮސްޓްރޭލިއާ ގައި އޮލިމްޕިކް މުބާރާތް ފެށީ ވެސް ސެޕްޓެމްބަރު މަހު އެވެ.

ކުރިއަށް އޮތް 2024 ވަނަ އަހަރުގެ އޮލިމްޕިކްސް ބާއްވަން ހަމަޖެހިފައި ވަނީ ފްރާންސްގެ ޕެރިހުގަ އެވެ. އެއަށް ފަހު 2028 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖެލިސް ގައި ބާއްވާއިރު، 2032 ވަނަ އަހަރުގެ ގޭމްސް ބާއްވާނީ އޮސްޓްރޭލިއާގެ ބްރިސްބޭންގަ އެވެ.

އެއްޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމަށް ބުނެ އެކަން ޕްރަމޯޓް ކުރަން މަސައްކަތް ކުރާ ހުޅަނގުގެ ގައުމުތަކަށް ގަތަރުގައި އެ ފުރުސަތު ނެތުމުން އެ ގައުމުތަކުން ދަނީ ވޯލްޑް ކަޕް ކުރިއަށްދާއިރު ވެސް ގަތަރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ގަތަރަކީ މުސްލިމު ގައުމަކަށް ވެފައި، އިސްލާމް ދީނާ ހިލާފު ޝިއާރުތައް އެ ގައުމުގައި ފާޅުކުރުމުގެ މިނިވަންކަން އެ ފަރާތްތަކަށް ނުލިބޭތީ އެވެ.

ގަތަރުން އޮލިމްޕިކްސް ބާއްވަން ބިޑް ކުރަން އުޅޭ ވާހަކަ ފެންމަތި ވުމާއެކު އެއް ޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމަށް ބުނެ އެ ފާހިޝް އަމަލު ޕްރަމޯޓް ކުރަން މަސައްކަތް ކުރާ ފަރާތްތަކުގެ ވަނީ ގަތަރުގައި އޮލިމްޕިކްސް ބޭއްވުމާ ދެކޮޅަށް ވެސް އަޑު އުފުލަން ފަށައިފަ އެވެ.

ހުޅަނގުގެ އެތަކެއް ގައުމުތަކާއި ބައެއް މީޑީއާތަކުގެ ފިއްތުންތަކާ އެކު ވެސް މި އަހަރުގެ ވޯލްޑް ކަޕް ގަތަރުގައި ކާމިޔާބު ކަމާއެކު ކުރިއަށް އެބަ ދެއެވެ.