12 ޖެނުއަރީ 2017 - 13:44

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ތާރީހުގައި އެ ކްލަބަށް އެންމެ އަގުބޮޑުކޮށް ސޮއިކުރި ދެ ކުޅުންތެރިންގެ ގޮތުގައި ވެލެންސިއާގެ މުހައްމަދު އާރިފް (ބަކާ) އާއި މާޒިޔާގެ އިސްމާއިލް އީސާ އެ ކްލަބާ ގުޅިއްޖެ އެވެ.
ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅު ދެ މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ބަކާ އާއި އީސަގެ އިތުރުން ނިއު ރޭޑިއަންޓުގެ ވައިސް ކެޕްޓަން އަހުމަދު ނިޔާޒާއި ބީޖީ ސްޕޯޓްސްގެ ކެޕްޓަން މުހައްމަދު ސާބިގް އަދި ކްލަބް ވެލެންސިއާގެ ހަސަން އަދުހަމް (ސަޑޭ) ވެސް ވަނީ ވިކްޓަރީއާ ގުޅިފަ އެވެ.
ވިކްޓަރީގެ ޗެއާޕާސަން އިބްރާހިމް ނަޒީމް ވިދާޅުވީ ބަކާ އާއި އީސަ ވެގެންދާނީ ވިކްޓަރީގެ ތާރީހުގައި އެންމެ އަގުބޮޑު ދެ ކުޅުންތެރިންނަށް ކަމަށާއި ބޭނުންވަނީ ވިކްޓަރީ އަލުން ގަދަބާރަކަށް ހެދުން ކަމަށެވެ.
"އަޅުގަނޑު ކްލަބާ ހަވާލުވެ ވީ ފުރަތަމަ ވައުދަކީ ކްލަބް ގަދަބާރަކަށް ހެދުން. އެ ވައުދު ފުއްދުމުގެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. މި ކުޅުންތެރިންނާ އެކު ވިކްޓަރީ ވަރަށް ބޮޑަށް ވަރުގަދަވާނެ،" ނަޒީމް ވިދާޅުވި އެވެ.
"ފާއިތުވި ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ނުފެންވަރުގެ ވަރުގަދަ ސްކޮޑެއް ފެނިގެންދާނެ. އެކަމަކުގެ ޔަގީންކަން ކްލަބުގެ ސަޕޯޓަރުންނަށް އަރުވަން."
ބަކާ އާއި އީސަ ވިކްޓަރީ އަށް ސޮއިކުރި އަގެއް އެ ކްލަބުން ހާމަކޮށްފައެއް ނުވެ އެވެ.
މިދިޔަ އަހަރު ވެލެންސިއާ އަށް ކުޅެ އެ ޓީމަށް އެފްއޭ ކަޕުގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ބަކާ ވަނީ 2010 ވަނަ އަހަރު ވެސް ވިކްޓަރީ އަށް ކުޅެފަ އެވެ. އައިއެފްސީން 2004 ވަނަ އަހަރު ކެރިއަރު ފެށި ބަކާ ވަނީ ވީބީ ސްޕޯޓްސް އާއި ނިއު ރޭޑިއަންޓާއި ކްލަބް އީގަލްސް އާއި މާޒިޔާ އަދި މިިޔަންބާގެ ކޭބީޒެޑަށް ވެސް ކުޅެފަ އެވެ. ގައުމީ ޓީމުގައި ކުރިން މުހިއްމު ދައުރެއް އަދާކުރި ނަމަވެސް ފަހަކަށް އައިސް ފުރުސަތު ނުލިބެ އެވެ.
އީސަ އަކީ ވިކްޓަރީން ކެރިއަރު ފެށި ކުޅުންތެރިޔެކެވެ. އަލީ ސުޒޭނުގެ އިރުޝާދުގެ ދަށުން ވިކްޓަރީގައި ވިދާލި އީސަ ވަނީ އޭގެ ފަހުން ވީބީ އާއި މާޒިޔާ އާއި ނިއު ރޭޑިއަންޓް އަދި އީގަލްސް އަށް ވެސްް ކުޅެފަ އެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ އުފެއްދުންތެރި އެއް މިޑްފީލްޑަރަކީ ރާއްޖޭގެ ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިޔެކެވެ. އެކަމަކު މިދިޔަ ސީޒަނުގައި މާޒިޔާ އިން އޭނާ އަށް މާގިނަ ފުރުސަތެއް ނުލިބެ އެވެ.
ވިކްޓަރީ އަށް ދެން ބަދަލުވި ނިޔާ އަކީ ރާއްޖޭގައި މިވަގުތު ކުޅޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ވެލެންސިއާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު ވީބީ އަށް ވެސް ކުޅުމަށް ފަހު ނިޔާ ވަނީ މިދިޔަ އަހަރުތަކުގައި ނިއުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ވިކްޓަރީއާ ގުޅުމަށް ފަހު ސީޒަނުގެ މެދުތެރެއިން އެނބުރި ނިއު އަށް ބަދަލުވީ އެވެ.
ވެލެންސިއާގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އަދުހަމްގެ އިތުރުން މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި ބީޖީގެ ކެޕްޓަން ސާގިބް ވެސް ފެންނާނީ ވިކްޓަރީންނެވެ.
ބީޖީގެ ކުރީގެ ކޯޗު އަދި ވިކްޓަރީގެ ކުޅުންތެރިޔާ މުހައްމަދު ޝާޒްލީ ވިކްޓަރީގެ ކޯޗަކަށް ހަމަޖައްސާފައިވައިރު އެ ޓީމުން އަންނަނީ އަންނަ ހަފުތާގައި ޕްރެކްޓިސް ފަށަން މަސައްކަތްކުރަމުންނެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބް 2012 ގެ ފަހުން އަޑިއަޅާލާފައިވާއިރު މިދިޔަ އަހަރުގެ ކުރީކޮޅު ހަވާލުވި މެނޭޖްމަންޓާ އެކު އެދެވޭ ބަދަލުތަކެއް އަންނަނީ ފެންނަމުންނެވެ. އެކަމަކު މިދިޔަ ސީޒަނުގައި އެ ޓީމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަޔަކުން ފުރުސަތު ނުލިބުމުން، ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކުރަން ޕްލޭއޮފް ކުޅެން ޖެހުނެވެ.