04 ޑިސެމްބަރ 2022 - 14:11

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ރޭ އާޖެންޓީނާ ކުޅުނު މެޗަކީ، އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ، އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި ކުޅުނު 1،000 ވަނަ މެޗެވެ.

އޮސްޓްރޭލިއާއާ ދެކޮޅަށް ގަދަ 16 ޓީމު ވާދަކުރި ބުރުގައި ކުޅުނު މެޗުގައި މެސީ ވަނީ މެޗުގެ ފުރަތަމަ ލަނޑުޖަހައި އާޖެންޓީނާ އަށް ލީޑު ވެސް ނަގައިދީފަ އެވެ. އާޖެންޓީނާ ވަނީ 2-1 އިން ރޭގެ މެޗުގައި އޮސްޓްރޭލިއާ ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މެސީގެ ޓްރޭޑްމާކް ވާތު ފައިން ޖަހައި ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި އެ ގޯލަކީ ކެރިއަރުގެ 789 ވަނަ ގޯލެވެ. އެ ގޯލަކީ ވޯލްޑް ކަޕް ގެ ނޮކައުޓް ބުރެއްގައި އޭނާ ކާމިޔާބު ކުރި ފުރަތަމަ ގޯލު ވެސް މެއެވެ. ރޭގެ މެޗާ ހަމައަށް މެސީ ވަނީ 348 ގޯލު އެސިސްޓް ކޮށްފަ އެވެ.
މިއާ އެކު މެސީ ވަނީ މިހާތަނަށް ވޯލްޑް ކަޕް މުބާރާތުގައި ނުވަ ގޯލު ހަމަކޮށް، ލިސްޓުގައި އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ފަހަތަށް ޖައްސާލައިފަ އެވެ. މަރަޑޯނާ ވަނީ ވޯލްޑް ކަޕް ގައި އަށް ގޯލު ޖަހައިފަ އެވެ. ވޯލްޑް ކަޕް ގައި އެންމެ ގިނަ ގޯލު ޖަހައިފައިވާ އާޖެންޓީނާގެ ކުޅުންތެރިޔަކީ، 10 ގޯލު ޖަހައިފައިވާ ގެބްރިއެލް ބަޓިސްޓޫޓާ އެވެ.
ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ މޮޅު އަދި އެންމެ ވާދަވެރި ކުޅުންތެރިންނަކީ މެސީ އާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކަމާމެދު ޝައްކެއް ވެސް ނެތެވެ. ފުޓުބޯޅައިގައި ދެ ކުޅުންތެރިންގެ ރެކޯޑްތައް ގުނާ އަދަދު ނުކުރެވެ އެވެ. ކުޅޭ ކޮންމެ މެޗަކީ ދެ ކުޅުންތެރިން ކޮންމެވެސް ރެކޯޑެއް މުގުރާލާ، ނުވަތަ ރެކޯޑެއް އާކުރާ މެޗެކެވެ.
⬤ 789 ގޯލު
⬤ 348 އެސިސްޓް
⬤ 41 ޓްރޮފީ
އުމުރުން 35 އަހަރާއި ފަސް މަހާއި 11 ދުވަހުގައި، މެސީ އޭނާގެ ކެރިއަރުގެ 1،000 ވަނަ މެޗު ރޭ ކުޅުނު ނަމަވެސް، ރޮނާލްޑޯ ވަނީ މީގެ ދެ އަހަރު ކުރިން ކެރިއަރުގައި 1،000 މެޗު ހަމަކޮށްފަ އެވެ. ރޮނާލްޑޯގެ 1،000 ވަނަ މެޗަކީ، 2020 ވަނަ އަހަރު އިޓަލީގެ ޔުނެވްޓަސް އަށް ކުޅެމުން، އިޓާލިއަން ސެރީ އޭ ގައި ސްޕާލް އާ ދެކޮޅަށް ކުޅުނު މެޗެވެ.
ރޮނާލްޑޯ އޭނާގެ 1،000 ވަނަ މެޗު ހަމަކުރި އިރު އޭނާގެ އުމުރުން 35 އަހަރާއި 18 ދުވަހެވެ. އެ މެޗުން ރޮނާލްޑޯގެ ޔުވެންޓަސް މޮޅުވީ ވެސް 2-1 އިންނެވެ. ސްޕާލް އާ ދެކޮޅަށް ފުރަތަމަ ލަނޑު ޖަހައި ޓީމަށް ލީޑު ހޯދައިދިނީ ވެސް ރޮނާލްޑޯ އެވެ. އެއީ ރޮނާލްޑޯގެ ކެރިއަރުގެ 725 ވަނަ ގޯލެވެ. އަދި އެ މެޗާ ހަމައަށް ރޮނާލްޑޯ ވަނީ 216 ގޯލު އެސިސްޓު ކޮށްފަ އެވެ.
ދެ ކުޅުންތެރިން ވެސް ކެރިއަރުގެ 1،000 ވަނަ މެޗު ހަމަކުރި އިރު، އެންމެ ގިނަ ޓްރޮފީ ހޯދާފައި ވަނީ ވެސް މެސީ އެވެ. މެސީ ވަނީ 41 މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ރޮނާލްޑޯ އަށް ކާމިޔާބު ކުރެވިފައި ވީ 31 މުބާރާތެވެ.
⬤ 725 ގޯލު
⬤ 216 އެސިސްޓް
⬤ 31 ޓްރޮފީ
މި ހިސާބުތަކުން މެސީ ކުރީގައި އުޅުނު ނަމަވެސް، ޔޫރަޕުގެ ކްލަބް ފުޓުބޯޅައިގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ އުޅެނީ މާ ކުރީގަ އެވެ. އޭނާ އަކީ އެ މުބާރާތުގެ އެންމެ ގިނަ މެޗު ކުޅެދީ، އެންމެ ގިނަ ގޯލު ވެސް ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.
މެސީ އަށް މިހާތަނަށް ޗެމްޕިއަންސް ލީގު ހޯދުނީ ހަތަރު ފަހަރެވެ. ނަމަވެސް ރޮނާލްޑޯ ވަނީ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އަދި މުބާރާތުގެ ނޮކައުޓް ބުރުތަކުގައި ވެސް ރޮނާލްޑޯގެ ހިސާބުތައްމާ ބޮޑަށް ވެސް ރަނގަޅެވެ.
މީގެ އިތުރުން ރޮނާލްޑޯ ވަނީ މެސީ އަށް ވުރެ އެއް ފަހަރު އިތުރަށް، ހަތަރު ފަހަރު ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.
މި އަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ކުރިން މެސީ ވަނީ، މިއީ އޭނާ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕް ކަން ހާމަ ކޮށްފަ އެވެ. ނަމަވެސް މިހާރު އުމުރުން 37 އަހަރުގެ ރޮނާލްޑޯ އެފަދަ ވާހަކައެއް ހިއްސާ ކޮށްފައި ނުވި ނަމަވެސް، އުމުރުން 40 އަހަރަކީ ރިޓަޔާ ކުރަން އެންމެ މުނާސަބު ވަގުތު ކަމުގައި ދެކޭ ކަމަށް، ވޯލްޑް ކަޕް ގެ ކުރިން އޭނާގެ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.
ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފަށާއިރު ރޮނާލްޑޯގެ އުމުރު 42 އަހަރަށް އަރާނެ އެވެ. އެހެންވެ، މިއީ އޭނާގެ ވެސް ފަހު ވޯލްޑް ކަޕް ކަމަށް ވުން އެކަށީގެން ވެއެވެ.
މި އަހަރުގެ ވޯލްޑް ކަޕް ގުރޫޕް ސްޓޭޖުގައި ޕޯޗުގަލްގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިނީ ރޮނާލްޑޯ އެވެ. އެއީ އޭނާ ވޯލްޑް ކަޕް ގައި ޖެހި އަށްވަނަ ލަނޑެވެ.
ބޮޑެތި މުބާރާތްތަކުގެ ތެރެއިން ދެ ކުޅުންތެރިންނަށް ވެސް ކެރިއަރުގެ މިހާތަނަށް އަތް ނުލެވި އޮތް ހަމައެކަނި ތަށްޓަކީ ވެސް ފީފާ ވޯލްޑް ކަޕެވެ.