04 ޑިސެމްބަރ 2022 - 10:34

އެއްދުވަސް މަތިން 50 ޓަނުގެ މަސް ބާނައި، މިލިއަނެއްހާ ރުފިޔާ ހޯދުމަކީ މިހާރު އެއްވެސް ކަމެއް ނޫން ކަމަށް، މަސްވެރިކަމުގެ އާ ރެކޯޑު ހެދި، ގދ. ފަރެސް މާތޮޑާގެ ބާހިރާ ދޯނިން ބުނެފި އެވެ.

އެ ދޯނީގެ ކޭޝިޔަރު އަދި އޮޕަރޭޝަން މެނޭޖަރު މުހަންމަދު ޝެނީޒް މިއަދު ބުނީ، މިފްކޯ އަށް އެއް ދުވަސްމަތިން އެންމެ ގިނަ މަސް ކިރުވި ދޯނީގެ ރެކޯޑު ބުރާސްފަތި ދުވަހު އެ ދޯނި ހެދިއިރު، އެ އަދަދާ ވަރަށް ގާތަށް ވަރަށް ގިނަ ދުވަހު މަސް ބާނަމުން އަންނަ ކަމަށެވެ. އެ ދޯނިން ބުރާސްފަތި ދުވަހު ވަނީ 58 ޓަނުގެ މަސް ކިރައިފަ އެވެ. އެއީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާގެ މަހެވެ.

"މީގެ ކުރިން އަޅުގަނޑުމެން ހުންނާނެ 40، 47، 53 ޓަނުގެ މަސް ވެސް ކިރައިފައި،" އޭނާ ބުންޏެވެ.
އަށާވީސް ފަޅުވެރިންނާ އެކު މަހަށްދާ ބާހިރާ ދޯންޏަކީ 117 ފޫޓުގެ ބޮޑު، އަދި ދެކުނުގައި ވެސް މަސްވެރިކަމަށް ވަރަށް މަޝްހޫރު ދޯންޏެކެވެ. އަށްޑިހަ ޓަނުގެ މަސް ރައްކާ ކުރެވޭ އެ ދޯންޏަކީ ޒަމާނީ އެންމެ ފަހުގެ ވަސީލަތްތައް ހުރި ދޯންޏެކެވެ.
ޝެނީޒް ބުނީ ރެކޯޑު ހެދި ދުވަހު ބޭނި ގާތްގަނޑަކަށް ހުރިހާ މަހަކީ ވެސް އެއް ދުވަސް މަތިން ބޭނި މަސް ކަމަށެވެ.
"އަރިއަތޮޅާއި ފ. އަތޮޅާ ދޭތެރޭ އަޅުގަނޑުމެން މަސް ބޭނީ. ހުސް ގޮދާ ހުންނާނީ،" އޭނާ ބުންޏެވެ.
"މަސްވެރިކަން ރަނގަޅިއްޔާ އެވަރަށް މަސް ބޭނުމަކީ އެއްވެސް ކަމެއް ނޫން. މަސްވެރިކަން ރަނގަޅިއްޔާ އެވްރެޖްކޮށް އެވަރު އަޅުގަނޑުމެން ބާނަން."
ދޯނީގައި ތިބި ފަޅުވެރިންގެ ތެރޭގައި ދެ ބިދޭސީއަކު ފިޔަވައި ދެން މުޅިން ވެސް ހިމެނެނީ ދިވެހިންނެވެ. ކޮންމެ މީހަކަށް، މަސްވެރިކަން ރަނގަޅިއްޔާ އެވްރެޖްކޮށް ހަފުތާއަކު 12،000 އާއި 15،000ރ.ގެ އާމްދަނީއެއް ލިބޭނެ ކަމަށް ޝެނީޒް ބުންޏެވެ.
"މަސްވެރިކަން ކުރާ ސަރަހައްދެއްގެ ގޮތުން ލިބޭ އާމްދަނީއެއް އޮންނާނީ. ދުރަށް ގޮސްގެން މަސް ބާނާ ނަމަ ހަރަދު ބޮޑުވާނެ. ބުރާސްފަތި ދުވަހު އަޅުގަނޑުމެން މި މަސް ބޭނީ ކޫއްޑުއާ ގާތްގަނޑަކަށް 180 މޭލު ދުރުން،" އޭނާ ބުންޏެވެ.