03 ޑިސެމްބަރ 2022 - 17:11

ދުނިޔޭގެ އިގްތިސާދަށް ދަތި ދުވަސްތަކެއް ކުރިމަތިވި ނަމަވެސް، މި އަހަރު ނިމޭ އިރު ރާއްޖޭގެ އިގްތިސާދު 12 ޕަސެންޓަށް ކުރިިއަރައި، ކޮވިޑްގެ ކުރީގެ ހާލަތަށް ރުޖޫއަވާނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭއިން އާންމު ކުރި ރިޕޯޓުގައިވާ ގޮތުން އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 7.6 ޕަސެންޓުގައި ކުރިއަރާނެ އެވެ. މިއީ ކޮވިޑްގެ ކުރިން އިގްތިސާދު ކުރިއެރި މިންވަރަށް ވުރެ އިތުރު އަދަދެކެވެ.
އެމްއެމްއޭއިން ބުނީ މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރި ވަރު 33 ޕަސެންޓު އިތުރު ކަމަށެވެ. މިއީ މުޅި އިގްތިސާދު ކުރި އެރި އެއް ސަބަބެވެ.
އެމްއެމްއޭއިން ބުނީ ޓޫރިސްޓުން އަންނަ އަދަދު ރަނގަޅުވި ނަމަވެސް ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 18 ޕަސެންޓަށް އިތުރުވާނެ ކަމަށެވެ. އެއީ މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރު ރާއްޖެއިން އިމްޕޯޓު ކުރި ވަރު 3.2 ބިލިއަން ޑޮލަރަށް އަރާނެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އިމްޕޯޓު ކުރީ 2.4 ބިލިއަން ޑޮލަރުގެ މުދަލެވެ. ކަރަންޓް އެކައުންޓް ޑެފިސިޓުން ދައްކުވައިދޭނީ ރާއްޖެ އަށް އިމްޕޯޓު ކުރާ ވަރާއި އެކްސްޕޯޓު ކުރާ މިންވަރެވެ. ޓޫރިޒަމް ކުރިއަރާނެ މިންވަރަށް ބަލާ އަންނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 15 ޕަސެންޓަށް ކުޑަ ކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ބުނީ މި އަހަރު ނިމޭ އިރު ރާއްޖޭގެ އިންފްލޭޝަން ހުންނާނީ 2.2 ޕަސެންޓުގަ އެވެ. އަންނަ އަހަރު ޖީއެސްޓީ ބޮޑު ކުރުމާ ގުޅިގެން އިންފްލެޝަން ދެ ގުނައަށް އިތުރު ވާނެ ކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފަ އެވެ. އެއީ 5.4 ޕަސެންޓަށެވެ.
ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ބެލެވޭ އިރު އަންނަ އަހަރު ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ވެސް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކާބޯތަކެތީގެ އަގުތައް އުފުލުމާއި އެތެރޭގެ އިގްތިސާދު ފުޅާ ކުރަން ހުރަސްތައް ކުރިމަތިވުމާއި ތަރައްގީވަމުން އަންނަ ބައެެއް ގައުމުތަކުން ޓޫރިސްޓުން އައުން މަދުވުން އެކަށީގެންވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.