13 ޖެނުއަރީ 2017 - 06:28

ޝާހްރުކް ޚާނާއި ސަލްމާން ޚާން އެކުގައި ފިލްމަކުން ފެނުނުތާ 10 އަހަރު ވެއްޖެ އެވެ. އަދި މި ދެ ތަރިންގެ ފޭނުން އެއް ފިލްމަކުން މި އެ އެކްޓަރުން ދުށުމަށް އެދެމުންދާތާ ވެސް އެހާ ދުވަސް ވެއްޖެ އެވެ.

މިހާރު އެފަދަ ފޭނުންނަށް ވަރަށް އުފާވެރި ޚަބަރެއް ލިބިއްޖެ އެވެ. ސަލްމާންގެ "ޓިއުބުލައިޓް"ގައި ޝާހްރުކްގެ ކުޑަ ރޯލެއް ހިމެނޭކަން ޔަގީންވެފައި ވާތީ އެވެ.
އެންމެ ފަހުން މި ދެ ތަރިން އެކުގައި ފެނިފައިވަނީ 2007 ގައި ނުކުތް ފަރާ ޚާންގެ "އޯމް ޝާންތީ އޯމް" އިންނެވެ. އެއީ ފިލްމުގެ ޓައިޓްލް ޓްރެކްގެ ވަރަށް ކުރު މަންޒަރެއްގަ އެވެ.
ބޮލީވުޑް ޚަބަރުތައް ބުނަނީ ޑައިރެކްޓަރު ކަބީރް ޚާން "ޓިއުބުލައިޓް"ގެ މަސައްކަތް ކޮށްފައިވާ ގޮތާ މެދު ސަލްމާން ހިތްހަމައެއް ނުޖެހެ އެވެ. އެކުވެރިޔާ ޝާހްރުކް ފިލްމުގައި ބައިވެރިކުރަން ސަލްމާން ބޭނުންވީ އެހެންވެ އެވެ. ކުރިން މި ރޯލު ކުޅެން ހަމަޖެހިފައި އޮތީ ޝަތުރޫގަން ސިންހާ ކަމަށްވެ އެވެ. ނަމަވެސް ސަލްމާން އެދިގެން ޝާހްރުކް އެ ޚާއްސަ ރޯލު އަދާކުރާ ގޮތަށް ހަމަޖެއްސީ އެވެ.
މަނާލީގައި ހުރި "ޓިއުބުލައިޓް"ގެ ސެޓުގައި ކަބީރް ޚާނާއި ސަލްމާނާ ދެމެދު ވަރަށް ގިނަ އަރާރުންތައް ހިނގާފައިވާ ކަމަށް ފިލްމު ކުރޫގެ ބައެއް މެމްބަރުން ބުނެފައިވެ އެވެ. ނަމަވެސް ކަބީރް ޚާން މި ވާހަކަތައް ދޮގުކުރި އެވެ. އަދި ސަލްމާން މިކަމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. މި ވާހަކަތައް ދެކެވެން ފެށީ މުމްބައިގައި ހުރި އެ ފިލްމުގެ ސެޓުގައި ހުރި ކަބީރް ޚާން ފިލްމު ޕްރޮޑަކްޝަންގެ ނަން ބޯޑު ނަގައި އެސްކޭއެފް (ސަލްމާން ޚާން ފިލްމްސް)ގެ ނަން ބޯޑު އެތަނުގައި ހަރުކުރުމުންނެވެ.
އަދި "ޓިއުބުލައިޓް"ގެ ނިމޭ މަންޒަރުތައް ކަބީރް ޚާން ޝޫޓްކޮށްފައިވާ ގޮތާ ވެސް ސަލްމާން ވަނީ ހިތްހަމަނުޖެހިފަ އެވެ. އަދި ބައެއް ބައިތައް އަލުން ޝޫޓްކުރުމަށް ސަލްމާން އެދިފައިވާ ކަމަށްވެ އެވެ.
"ޓިއުބުލައިޓް" ގައި ބައިވެރިވަންތޯ ނޫސްވެރިއަކު ދާދިފަހުން ޝާހްރުކާ ސުވާލު ކުރުމުން އެއީ ދޮގެކޭ ނުވަތަ ތެދެކޭ ވެސް ނުބުންޏެވެ. ޝާހްރުކް ބުނީ އޭނާ ވެސް އެކަހަލަ ވާހަކަތަކެއް އަޑުއަހާފައިވާ ކަމަށާއި ޕްރޮޑިއުސަރުންނާ އެ ސުވާލު ކުރުމަށެވެ.