03 ޑިސެމްބަރ 2022 - 09:29

ވޯލްޑް ކަޕުގައި ރޭ ބްރެޒިލް އަތުން 1-0 އިން ކެމަރޫން މޮޅުވުމަކީ ހަމައެކަނި އެ ގައުމަށް ލިބުނު ޝަރަފެއް ނޫނެވެ. މި މޮޅާ އެކު ކެމަރޫން ވެގެންދިޔައީ ވޯލްޑް އެންމެ ކާމިޔާބު ޓީމުގެ މައްޗަށް އެ މުބާރާތުގައި ކުރި ހޯދި އެފްރިކާގެ ފުރަތަމަ ޓީމަށެވެ. ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް މި މޮޅުގެ ސަބަބުން ކެމަރޫން އެނބުރި ގައުމަށް ދާނީ އުފަލާ އެކު އެވެ.

އެހެންވެ ކެމަރޫން މޮޅުވި ލަނޑު އިތުރު ވަގުތުގެ ތެރޭ ޖެހި އެ ޓީމުގެ ކެޕްޓަން ވިންސެންޓް އަބޫބަކަރް އަށް އެ ވަގުތުވީ ވަރަށް ހާއްސަ ވަގުތަކަށެވެ. ކުރިން ރީނދޫ ކާޑެއް ދައްކާފައިވާތީ، ޖާޒީ ބާލައިފި ނަމަ ރަތްކާޑެއް އަންނާނެކަން އެނގި ހުރެ ވެސް އޭނާ ލަނޑަށް ފަހު އުފާފާޅުކުރަން ޖާޒީ ބޭލީ ލިބުނު އުފާވެރިކަން ބޮޑުވުމުންނެވެ.
ވިންސެންޓާއި ކެމަރޫނަށް އަދި މުޅި އެފްރިކާ ބައްރަށް ލިބުނު އެ އުފާވެރި ވަގުތު، އެ ކުޅުންތެރިޔާ އަށް ރަތްކާޑެއް ދައްކައި ފޮނުވާލުންވީ އެ ބައްރުގެ މޮރޮކޯ އަށް އުފަން އެެމެރިކާ ރެފްރީ އިސްމާއީލް އެލްފާތު އަށް ފަސޭހަކަމަކަށް ނުވި އެވެ. އެކަމަކު ގަވާއިދަށް އަމަލުކުރަން ޖެހޭތީވެ، ވިންސެންޓް އަށް އެލްތާފު ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކި އެވެ.
އެހެންވިޔަސް ރެފްރީ ކާޑު ދެއްކީ ހިނިތުންވެ ހުރެ އެވެ. މިއީ ހިތާ ދެކޮޅަށް ނިންމުމެއް ކަމަށް ދޭހަވާ ގޮތަކަށް މޭމަތީގައި އަތް ވެސް ބާއްވާލި އެވެ. އަދި ވިންސެންޓުގެ ގޯލަށް މަރުހަބާ ކިޔުމުގެ ގޮތުން އޭނާގެ ބުރަކަށީގައި ފިރުމާލި އެވެ. އެއަށް ފަހު ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. ސައޫދީ އަރަބިއްޔާގެ އައް ނަސްރު އަށް ކުޅޭ ވިންސެންޓް ވެސް އެ ކާޑު ބަލައިގަތީ އިހުތިރާމާ އެކު އެވެ. އޭނާ ދަނޑުން ފައިބައިގެން ދިޔައީ ހިނިތުންވެ ހުރެ އެވެ.
ގޯލް ޖެހުމަށް ފަހު ޖާޒީ ބޭލުމަކީ ފުޓްބޯޅައިގައި ޒަމާނުއްސުރެ އޮންނަ ކަމެކެވެ. އެކަން ހުއްޓުވުމަށްޓަކައި ޖާޒީ ބާލާ ކުޅުންތެރިންނަށް ރީނދޫ ކާޑު ދައްކަން ފީފާ އިން ގަވާއިދަށް ބަދަލު ގެނައީ 2004 ގަ އެވެ. އެއީ ލަނޑު ޖެހުމަށް ފަހު ވަގުތު ބޭކާރުކުރަން ކުޅުންތެރިން ޖާޒީ ބާލާތީވެ އެވެ. ބައެއް ކުޅުންތެރިން ޖާޒީ ސަޕޯޓަރުންގެ ތެރެއަށް ހޫރާލުމުން އާ ޖާޒީއެއް ޗޭންޖިން ރޫމުން ގެނެސްގެން ކުޅެން ފަށަން ވަގުތުތަކެއް ނަގަ އެވެ.
އެކަމަކު އެ ނިންމުމަށް ފެށުނީއްސުރެ އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. ގޯލެއް ޖެހުމަކީ ކުޅުންތެރިޔާ އަށް ހާއްސަ އުފަލެއް ލިބޭ ކަމަކަށްވާއިރު އެކަމުގެ އުފަލުގައި ޖާޒީ ބޭލުމަކީ ކާޑެއް ދައްކަން ޖެހޭ ވަރުގެ ކުށެއް ނޫން ކަމަށް ބުނެ އެކަމާ ދެކޮޅަށް އެތައް ބަޔަކު ވަކާލާތުކުރެ އެވެ.
"ޖާޒީގެ އެތެރެއިން ލައިގެން ހުންނަ އެެއްޗެއްގައި މެސެޖެއް ޖަހައިގެން ޝިޔާރެއް ފާޅުކުރަން އުޅެފި ނަމަ ކާޑު ދެއްކިދާނެ. އެކަމަކު ހަމައެކަނި ޖާޒީ ބޭލުމުން އަދަބު ދިނުމަކީ ބޭއިންސާފެއް،" ފުޓްބޯޅަ ސަޕޯޓަރަކު ހިޔާލުފާޅުކުރި އެވެ.