އަހަރެއް ވިޔަސް "ތީ ލޯބި ޖަވާހިރެކޭ" އަދިވެސް ވިދަނީ
އަހަރެއް ވިޔަސް "ތީ ލޯބި ޖަވާހިރެކޭ" އަދިވެސް ވިދަނީ

ރާއްޖޭގެ އަރަމުން އަންނަ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ އިނާން ސައީދު (އައްޔު) ގެ "ތީ ލޯބި ޖަވާހިރެކޭ" ލަވަޔަށް އަހަރެއް ވީ އެވެ. އެކަމަކު އަދިވެސް އެ ލަވަ އަޑުއަހާ މީހުން މަދެއް ނޫނެވެ.

އައްޔުގެ އެންމެ ބޮޑު ހިޓަށް އަހަރެއް ވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ރިލީޒް ކުރި އެ ލަވަ މިހާރު ވެސް އެކި ޕްލެޓްފޯމުތަކުން ގިނަ މީހުން އަންނަނީ އަޑު އަހަމުންނެވެ.

އައްޔު "މިހާރު" އަށް ބުނީ އަދިވެސް އެ ލަވައިގެ ނޮޓިފިކޭޝަންތައް އެކި ޕްލެޓްފޯމުތަކުން ލިބޭ ކަމަށެވެ. ސްޕޮޓިފައިން ވެސް ކޮންމެ މަހަކު އަޑު އަހާ މީހުންގެ އަދަދު 700 އާ ގާތް ކުރާ ކަމަށް އޭނާ ބުންޏެވެ.

މަޝްހޫރު ހިންދީ ލަވަ، "މެއި ރަންގް ޝަރްބަތޯން ކާ" ގެ ރާގަށް ޝަހީދު ލެގަސީ ޕްރޮޑިއުސް ކޮށް، އައްޔު ކިޔައިފައިވާ އެ ލަވައިގެ ދިވެހި ލިރިކްސް ހެދީ ވެސް އައްޔު އަމިއްލަ އަށެވެ. ސްޕޮޓިފައި، ސައުންޑް ކްލައުޑް އަދި ޔޫޓިއުބް ފަދަ ބޮޑެތި ޕްލެޓްފޯމުތަކުން އަޑުއަހާލެވޭ އެ ލަވަޔަށް ވަރަށް ގިނަ ހިޓު ލިބިފައިވެ އެވެ.

"ތީ ލޯބި ޖަވާހިރެކޭ" ލަވަ، ޔޫޓިއުބުން މިހާތަނަށް 190،000 އާ ގާތްކުރާ އަދަދަކަށް މީހުން ބަލާފައި ވާއިރު، ސައުންޑް ކްލައުޑުން 365،000 އަށް ވުރެ ގިނަ މީހުން ވަނީ އަޑު އަހައިފަ އެވެ. އަދި ސްޕޮޓިފައިން މިހާތަނަށް 25،000 އަށް ވުރެ ގިނަ ހިޓު ލިބިފައިވެ އެވެ.

"މިހާ ބޮޑު ސަޕޯޓެއް ލިބޭނެ ކަމަކަށް އަސްލު ހިޔެއް ނުކުރަން. އެކަމަކު، ލިބުނު ތަރުހީބާ ލަވަޔަށް ދިން ލޯތްބާ މެދު އުފާކުރަން، އަދި ލިބުނު ތަރުހީބާ މެދު ވަރަށް ހިތްހަމަޖެހޭ" އައްޔު ބުންޏެވެ.

އައްޔު ބުނީ އެ ލަވަޔަށް ލިބުނު ތަރުހީބުގެ ސަބަބުން ކުރިއަށް ހުރި ލަވަތަކަށް ވެސް އިތުރު ހިތްވަރެއް ލިބުނު ކަމަށެެވެ. އަދި ދިން ތަރުހީބަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"ކުރިއަށް ވެސް ވަރަށް ބައިވަރު ލަވަ އެބަހުރި ނިކުންނަން. ބައެއް ކަހަލަ ސީރީޒްތަކަށާއި، ފިލްމުތަކަށް ހާއްސަކޮށް ވެސް ބައެއް ލަވަތައް ހުންނާނެ،" އައްޔު ކިޔައިދިނެވެ.

މީގެ ދެ މަސް ކުރިން އައްޔު ވަނީ އޭނާގެ ފުރަތަމަ އޮރިޖިނަލް ލަވަ، "ތި ރީތިކަން" އެކި ޕްލެޓްފޯމުތަކުގައި ރިލީޒްކޮށްފަ އެވެ. އެ ލަވައިގެ ލިރިކްސް، އަދި މެލޮޑީ ތައްޔާރުކޮށްފައި ވަނީ އައްޔު އަމިއްލަ އަށެވެ. އަދި ރާގު ޕްރޮޑިއުސްކޮށްފައިވަނީ ޝަހީދު ލެގަސީ އެވެ. އެއީ އައްޔުގެ ފުރަތަމަ އަލްބަމް، "ޖަވާހިރު" ގެ ލަވައެކެވެ. އެ އަލްބަމްގެ ހުރިހާ ލަވައެއް އަދި ނުނެރެ އެވެ.

އައްޔު ބުނީ ވަރަށް އަވަހަށް އޭނާގެ "އިމްތިހާން" ވީޑިއޯ ލަވަ ވެސް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ލަވައިގެ ޓީސާ މީހާރު ވަނީ އައްޔުގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ދައްކާލައިފަ އެވެ.