ނަޝީދު ތިނަދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް
ނަޝީދު ތިނަދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ގދ. ތިނަދޫއަށް މިއަދު ހަވީރު ވަޑައިގެންފި އެވެ.

ގިނަ ދުވަސްތަކަކަށް ފަހު، ނަޝީދު ތިނަދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް ތާއީދުކުރާ ގިނަ ބަޔަކު ނިކުމެ ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޑައިވިން ދާއިރާ އިން މީހުން ތަމްރީނުކުރުމަށް ބޭއްވި ޕްރޮގްރާމެއްގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އެކަމަކު މިރޭ އެމްޑީޕީ ހަރުގޭގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ އެވެ. މިއީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަވާ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީގައި ވާދަަކުރައްވަން ނަޝީޑު ނިންމެވި ފަހުން އެމަނިކުފާނު އަތޮޅު ތެރޭގެ ރަށަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ނަޝީދުގެ އަރިސް ބޭފުޅަކު ކުރިން "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ ޕްރައިމަރީގެ ކެމްޕެއިން ރަސްމީކޮށް ފަށާނީ ތިނަދޫގަ އެވެ.

ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި، "އަންނި ޕްރައިމަރީ" ގެ ނަމުގައި ކެމްޕެއިން ގްރޫޕެއް ހަދައިގެން ދަނީ މެމްބަރުންގެ ވޯޓު ޔަގީންކުރުމުގެ މަސައްކަތް މިހާރު ކުރަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ވަކި ތާރީހެއް އަދި ނުނިންމަ އެވެ. އެ ޕްރައިމަރީގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވާދަކުރައްވާނެ އެވެ. ނަޝީދާއި ރައީސަކީ ކުޑައިރުގެ ގާތް ދެ ރަހުމަތްތެރިން ނަމަވެސް ސިޔާސީ ކޯޅުމުގައި އެ ދެބޭފުޅުންގެ މެދުގައި މައްސަލަ ގޯސްވެ، އެމްޑީޕީގެ އެތެރޭގައި ވެސް ވަނީ ދެ ފެކްޝަން އުފެދި، މައްސަލަ ބޮޑުވެފަ އެވެ.