02 ޑިސެމްބަރ 2022 - 13:20

ފްރާންސްގެ ރެފްރީ ސްޓެފަނީ ފްރެޕާޓް އާއި އޭނާގެ އެހީތެރިން ކަމަށްވާ ބްރެޒިލްގެ ނޮއިޒާ ބެކް އާއި މެކްސިކޯގެ ކެރެން ޑިއާޒް، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރުގެ މައިދާނުގައި ކޮޅަށް ހުރުމުން އެ ހާމަކޮށް ދެނީ ފިރިހެނުންގެ ކުޅިވަރެއްގެ ގޮތުގައި މަޝްހޫރު ވެފައި އޮތް ފުޓްބޯޅައިގައި އަންހެނުނަނަށް އޮތް ބާރުވެރި ކަމެވެ. މި ތިން އަންހެނުން ނިންމާ ނިންމުމުގެ މައްޗަށް މުޅި ދުނިޔެ ބޯލަނބައި އިހުތިރާމް ކުރަން ޖެހޭނެ ކަމެވެ.

ވޯލްޑް ކަޕްގެ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ގުރޫޕުގެ ފަހު މެޗުގައި ޖަރުމަނާއި ކޮސްޓަ ރީކާ ކުޅުނު މެޗަށް، ފްރެޕާޓް ކަށިގަނޑު ހިފައިގެން ދަނޑުގެ މެދަށް އެރުމުން އެކަން ވެފައި ވަނީ ފިރިހެނުންގެ ވޯލްޑް ކަޕުގެ މެޗެއްގައި އެންމެ ބާރުގަދަ މަގާމުގައި އަންހެނަކު މެޗަށް އިންސާފު ކުރި ފުރަތަމަ ފަހަރަށެވެ.

ފްރެޕާޓް އަކީ އޭނާގެ ނަމުގައި ފާހަގަ ކުރެވޭ ތާރީހުތައް ލިޔެފައިވާ ހިތްވަރުގަދަ އަންހެންނެވެ. އޭނާ އަކީ ފްރާންސްގެ ދެ ވަނަ ޑިވިޝަންގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީ އެވެ. އޭގެ ފަހުން ފްރާންސްގެ އެއް ވަނަ ލީގުގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީ އަކީ ވެސް އެ ގައުމަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފްރެފާޓް އެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕްގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީ އަކީ ވެސް އޭނާ އެވެ.
ފްރެޕާޓް އާއި އޭނާގެ އެހީތެރިންނަށް ޖަރުމަނާއި ކޮސްޓަރިކާގެ މެޗު ކޮންޓްރޯލް ކުރުމުގެ ފުރުސަތު ދިނުމަކީ، ހުޅނގުގެ ބައެއް ގައުމުތަކުގެ ފާޑު ކިޔުން އަމާޒުވެފައި އޮތް ފީފާ އަށް ވެސް ކުރިމަތި ވެފައި އޮތް ހޫނުކަމުގެ ތެރެއިން ލިބުނު ފިނި ކަމެކެވެ.
މުބާރާތް ފެށުމުގެ ކުރިންނާއި އަދި ފަހުން ވެސް ފީފާ އަށް ހުޅަނގުގެ ބައެއް ގައުުމުތަކުގެ ފާޑު ކިޔުން އޮއްސާލީ އެއްޖިންސުން ގުޅުން ހިންގުން ހައްގެ ކަމަށް ބުނެ އެކަން ޕްރަމޯޓްކުރަން ކުރާ މަސައްކަތަށް ހުއްދަ ނުދޭން ނިންމުމުންނެވެ. އެކަމަކު ފްރެޕާޓް އާއި މެކްސިކޯގެ ކެރެން އަދި ބްރެޒިލްގެ ނޮއިޒާ އާއެކު ފީފާ އަށް މިހާރު އޮހެނީ ތައުރީފެވެ.
"ކުރިން ވެފައިވާ ކަންކަން މިހާރު ހަނދާން ނެތުނު ކަހަލަ،" ތިން އަންހެން ރެފްރީން މެޗަށް ނެރުމުން އެކަން ފާހަގަކޮށް އިންގްލެންޑްގެ މީހަކު މީހަކު ޓްވިޓާގައި ލިޔެފައިވެ އެވެ.
"އަހަރެން އެންމެން ވެސް މިހުރީ އަންހެން ރެފްރީއެއް ހުރުމަށް ތާއީދުކޮށްގެން. ހަގީގަތުގައި އަހަރެންނަށް ހީވަނީ އަންހެން ރެފްރީން މިއަށްވުރެ ވެސް އިތުރުވާން ޖެހޭނެހެން،" އިތުރު މީހަކު ޓްވިޓާގައި ލިޔެފައި ވެއެވެ. "އޭނާ [ފްރެޕާޓް]ގެ މަސައްކަތަށް އަހަރެން ޝައުގުވެރިވޭ. އައި މީން ޝީ އިޒް އަ ގްރޭޓް ރެފްރީ."
މެޗުން ޖަރުމަން މޮޅު ވިޔަސް އެ ޓީމު ކަޓައިގެން ދިއުމުން އޮތް ފާޑު ކިޔުން ބޮޑެވެ. ގިނަ ބަޔަކަށް ފޯރި ގަދަވީ ހަމަ އެގަޑީގައި ސްޕެއިންގެ މައްޗަށް ޖަޕާނުން ކުރި ހޯދި މެޗެވެ. ޖަރުމަނާއި ކޮސްޓަރިކާގެ މެޗު ގިނަ ބަޔަކަށް އަޅައިގަތީ މި ތިން ރެފްރީން ތިބުމުންނެވެ.