02 ޑިސެމްބަރ 2022 - 03:40

ޖަރުމަނަކީ ވޯލްޑް ކަޕުގައި ބްރެޒިލް ނަގާފައި އެންމެ ކާމިޔާބު ގައުމެވެ. އިޓަލީއާ އެއްވަރަކަށް ހަތަރު ފަހަރު ތަށި ހޯދި ނަމަވެސް، ފައިނަލުގައި ކުޅުނު އަދަދާއި ތިން ވަނަ ހޯދި އަދަދަށް ބަލާއިރު މުބާރާތުގެ ދެ ވަނަ އަށް އެންމެ ކާމިޔާބު ގައުމަކީ ޖަރުމަނެވެ.
އަދި ވޯލްޑް ކަޕުގައި އެއް ފެންވަރެއްގައި އަބަދުވެސް ހިފަހައްޓާ ޓީމަކީ ޖަރުމަނެވެ. އެ ގައުމުން 1982 އިން ފެށިގެން 2014 އާ ހަމަޔަށް ވޯލްޑް ކަޕުގެ ތަށި ދެ ފަހަރު ހޯޑައި، ފައިނަލުގައި ފަސް ފަހަރު ވާދަކޮށް އަދި ސެމީ ފައިނަލުގައި ހަ ފަހަރު ކުޅުނެވެ.
އެކަމަކު 2014 ގައި ތަށި ހޯދި ފަހުން އައި ދެ ވޯލްޑް ކަޕުގައި ވެސް ކުރިމަތިވި މިވީ ނާކާމިޔާބެވެ. ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ 2018 ގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކެޓީ ގްރޫޕުގެ ފުލަށް ގޮސްގެންނެވެ. އަދި މި ގްރޫޕުގެ ތިން ވަނަ އަށް ގޮސް މި އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ރޭ އެ ޓީމު ވަނީ ކަޓައިފަ އެވެ.
ރަޝިއާގައި އޮތް 2018 ގައި އޮތް މުބާރާތުގެ ފުރަތަމަ މެޗުން މެކްސިކޯ އަތުން 1-0 އިން ބަލިވި ނަމަވެސް ދެ ވަނަ މެޗުން ސްވިޑަން އަތުން 2-1 އިން މޮޅުވެ އުއްމީދު ހޯދި އެވެ. އެކަމަކު ފަހު މެޗުން ދެކުނު ކޮރެއާ އަތުން އިތުރު ވަގުތުގެ ތެރޭ 2-0 އިން ބަލިވެ ކެޓީ އެވެ.
އެ މުބާރާތުގެ ކެޓުމުން ޖަރުމަން ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. އެގޮތުން 2006 އިން ފެށިގެން ކޯޗުކޮށްދެމުން އައި އަދި އޭގެ ކުރީ ފަހަރު ތަށި ހޯދައިދިން ޔަކީމް މަގާޟުން ލޯ ވަކިވި އެވެ. އަދި ބައެއް ސީނިއާ ކުޅުންތެރިން ޓީމާ ދުރަށް ދިޔަ އެވެ. އޭގެ ތެރޭގައި، ތުރުކީ ރައީސް ރަޖަބް ތައްޔިބް އުރުގާންއާ ބައްދަލުކޮށްގެން ޕްރެޝަރަށް ވެއްޓުނު މެސުތު އޮޒިލް ވެސް ހިމެނުނެވެ.
ޖަރުމަނުން މިދިޔަ އަހަރުގެ ޔޫރޯއާ ކުރިމަތިލީ އާ ކޯޗު ހަންސީ ފްލިކްއާ އެކު، ހުނަރުވެރި ޒުވާން އެތައް ކުޅުންތެރިންނެއް ހިމަނައިގެންނެވެ. އެކަމަކު ދެ ވަނަ ބުރުން އިންގްލެންޑް އަތުން 2-0 އިން ބަލިވެ ކެޓީ އެވެ.
މި އަހަރުގެ ވޯލްޑް ކަޕަށް ޖަރުމަން އައީ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ހިމެނޭ މަސްހުނި ޓީމަކާ އެކު އެވެ. ގޯލުގައި ހުރީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ގޯލްކީޕަރު މެނުއަލް ނޯޔާ އެވެ. ޑިފެންސް ލީޑު ކުރަން ހުރީ ރެއާލް މެޑްރިޑުގެ އެންޓޮއިން ރުޑިގާ އެވެ. މެދުތެރޭގައި ޒުވާން ޖަމާލް މުސިއަލާ އާއި ސާޖް ގްނެބްރީ އާއި އިލްކޭ ގުންޑޮގާން ތިބިއިރު ފޯވާޑް ލައިނުގައި ކައި ހަޓާޓްޒް ތަޖުރިބާކާރު ތޯމަސް މުލާ ތިއްބެވެ.
ފޭވަރިޓުންގެ ތެރޭ ނުހިމެނުނަސް ޖަރުމަނުގައި އޮތީ ވަރުގަދަ ސްކޮޑެކެވެ. ޖަރުމަން ދަށްވެގެން މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅޭނެ ކަމަށް ގިނަ ބަޔަކު ލަފާކުރި އެވެ. އެކަމަކު ފުރަތަމަ މެޗުން ޖަޕާން އަތުން 2-1 އިން ބަލިވީ އެވެ. ދެ ވަނަ މެޗުގައި ސްޕެއިންއާ 1-1 އިން އެއްވަރުކޮށް އަދި ފަހު މެޗުގައި ކޮސްޓާ ރީކާ އަތުން 4-2 އިން މޮޅުވި ނަމަވެސް، ގްރޫޕުގެ ތިން ވަނަ އަށް ދިއުމުން ކެޓީ އެވެ.
ޖަރުމަނަށް ހަގީގީ މައްސަލަ ދިމާވީ ޖަޕާން މެޗުގަ އެވެ. ގޯލެއް ޖަހާފައި އޮއްވާ ބަލިވުމުގެ ސިއްރަކީ މެޗުގެ ކުރިން ފުޓްބޯޅައަށް ވުރެ ބޮޑަށް އެހެން ކަންކަމަށް ފޯކަސްކުރުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ޖަރުމަނުން މެޗުގެ ކުރިން ފީފާއާ ހަނގުރާމަކުރީ، ގަތަރުގައި މަނާކަމެއް ކަމަށްވާ އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރާ ކެޕްޓަން ބޭންޑެއް އެޅުމަށެވެ. ފީފާ އިން އެކަން މަނާކުރުމުން، ހަޅުތާލުކުރުމުގެ ގޮތުން މެޗުގެ ކުރިން ކުޅުންތެރިން ގްރޫޕް ފޮޓޯ ނެގީ އަނގަ މަތީ އަތްއަޅައިގެން ތިބެ އެވެ.
އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ ކަމެއް، ގަތަރުގައި ޕްރޮމޯޓްނުކުރެވޭނެ ކަމަށް ކަނޑައެޅިގެން ފީފާ އިން އަންގާފައި ވަނިކޮށް ވެސް އެކަން ކުރަން ޖަރުމަނުން މަސައްކަތްކުރުމުންްނާއި އަދި އެކަން ނުވުމުން ހަޅުތާލުކުރުމުން ޖަރުމަނަށް ވަރަށް ގިނަ ބައެއްގެ ނަފުރަތު އަމާޒުވި އެވެ. ގިނަ ބަޔަކު ބުނަނީ ޖަރުމަން މި ފަހަރު ކެޓީ ފުޓްބޯޅަ އަށް ވުރެ ބޮޑަށް އެހެން ކަންކަމަށް ފޯކަސްކުރުމުން ކަމަށެވެ.
ޖަރުމަން ޖެހިގެން ދެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓުމާ އެކު އެ ގައުމުގެ ރައްޔިތުންގެ ހަނދާނަށް އަންނަނީ ވާދަވެރި އިޓަލީ އަށް ވީގޮތެވެ. އިޓަލީން 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ފަހު ދެން އައި ދެ ވޯލްްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ. އަދި އޭގެ ފަހުން އައި ދެ ވޯލްޑް ކަޕަށް ކޮލިފައިނުވެ އެވެ. އިޓަލީ އާއި ޖަރުމަން ތެރެއިން ޓީމެއް ސެމީ ފައިނަލުގައި ނެތި މީގެ ކުރިން ޖެހިޖެހިގެން ދެ ވޯލްޑް ކަޕެއް ކުޅެފައެއް ނުވެ އެވެ. ޖަރުމަނަށް ދެން އޮތީ، އިޓަލީ އަށް ވީގޮތް ނުވެ ދަށްވެގެން މުބާރާތަށް ކޮލިފައިވޭތޯ އަންނަ ފަހަރަކު މަސައްކަތްކުރުމެވެ.